އިންސާނުންނަކީ ކުށް ކުރެވޭ ބައެކެވެ. މުޖުތަމަޢެއްގެ ތެރޭގައި އުޅޭއިރު، އެކަކު އަނެކަކުގެ ފުށުން ނޭދެވޭ ކަންތައްތަކާއި އިޞްލާޙުކުރަންޖެހޭ ކަންކަން ފެނުމަކީ އެކަށީގެންވާ ކަމެކެވެ. މުސްލިމުންގެ މައްޗަށް އޮތް ވާޖިބަކީ އެކަކު އަނެކަކަށް ހެޔޮމަގު ދައްކައި، ނުބައިކަންކަން އެކަންކަން ރަގަޅު ކުރުވުމެވެ. ނަމަވެސް މިކަން ކުރުމުގައި އިސްލާމީ ރިވެތި އަދަބުތަކާއި އުޞޫލުތަކަށް ބޯލެނބުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ނަސޭހަތްދިނުމުގެ ރިވެތި އުޞޫލު
މީހެއްގެ ފުށުން ގޯސްކަމެއް ފެނިއްޖެނަމަ، އެމީހަކު އިޞްލާޙުކުރުމަށް އެދޭ މީހާ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެމީހަކާ ވަކިން ބައްދަލުކޮށް ނަސޭހަތްދިނުމެވެ. އެއްވެސް ހާލެއްގައި ގިނަބައެއްގެ ކުރިމަތީގައި ނުވަތަ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި އެމީހެއްގެ ކުށްތައް ހާމަކޮށް، ބޭޒާރުކުރުމަކީ އިޚްލާޞްތެރިކަމާއެކު ދެވޭ ނަސޭހަތެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ އެ މުސްލިމު އަޚާ ފަޟީޙަތްކޮށްލުމެވެ. އިޚްލާޞްތެރިކަމާއެކު މީހަކު ރަނގަޅުކުރަން އެދޭ މީހާ، އެމީހެއްގެ އަބުރާއި އިއްޒަތަށް އުނިކަން ނާންނާނެހެން ސިއްރިއްޔާތުގައި ވާހަކަދައްކައި ކަންކަން އޮޅުންފިލުވައިދޭނެއެވެ.
މުޢާމަލާތްކުރުމުގެ ރިވެތި އަޚުލާޤު
އަނެކާއާ މުޚާޠަބުކުރާއިރު އަބަދުވެސް ރިވެތި ބަސް ބޭނުންކުރުމާއި އޯގާތެރިކަމާއެކު ވާހަކަދެއްކުމަކީ މުސްލިމުންގެ ކިބައިގައި ހުންނަންޖެހޭ ވަރަށް މަތިވެރި ސިފައެކެވެ. ހަރުކަށި ބަސްތަކުން މީހުންނާ މުޢާމަލާތްކުރުމަކީ އޭގެ ސަބަބުން މީހުންގެ ހިތްތަކުގައި ނަފުރަތު އުފެދި، ދެވޭ ނަސޭހަތް ގަބޫލުކުރުމަށް ހުރަސްއެޅޭ ކަމެކެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ މީސްތަކުންނާ ރިވެތިކޮށް މުޢާމަލާތްކުރުމަށް އަމުރުކުރައްވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. "وَقُولُوا لِلنَّاسِ حُسْنًا"
މާނައީ: "އަދި ހެޔޮ ގޮތުގައި މީސްތަކުންނަށް ބަސް ބުނާށެވެ."
މީހުންނާއި މުޚާޠަބްކޮށް ހުތުރުބަސްތައް ބޭނުންކުރުމާއި، ހަރުކަށިކަމާއެކު މުޢާމަލާތްކުރުމަކީ މުސްލިމް މުއުމިނުން ދުރުހެލިވާންޖެހޭ ސިފަތަކެވެ. އިޞްލާޙީ ބަދަލަކަށް އެދޭނަމަ، އެކަން ކުރަންވާނީ އޯގާތެރިކަމާއި، މަޑުމައިތިރިކަމާއި އަދި ރިވެތި އުސޫލެއްގެ މަތިންނެވެ. އަނެކާގެ އަބުރަށް އިޙްތިރާމްކުރުމާއެކު ދެވޭ ނަސޭހަތަކީ އޭގެ ނަތީޖާ ފޮނިވެފައި، މުޖުތަމަޢުގެ އެއްބައިވަންތަކަން ވަރުގަދަކޮށްދޭނެ ކަމެކެވެ.
އަމާޒަކަށް ވާންވާނީ މީހަކު ބޭޒާރުކޮށްލުމެއް ނޫނެވެ. އޭގެ ބަދަލުގައި އެމީހަކަށް ހެޔޮމަގު ދައްކައިދީ، ކުށުން ސަލާމަތްކުރުމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

