
ޗިލީގައި ކުރިއަށްދާ އެފް.އައި.ވީ.ބީ ވޮލީބޯޅަ އަންހެން ކުދީންގެ-17 އަހަރުން ދަށުގެ ވޯލްޑް ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރުގެ ފަހު މެޗުތަކާ ކުރިމަތިލާއިރު، ޕޮލެންޑް، އެމެރިކާ، ޗައިނާ އަދި ކޮރެއާ ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، އެ ގައުމުތައް ހިމެނޭ ގްރޫޕްތަކުގެ އެއްވަނައިގައި ހަމަޖެހިލާފައެވެ.
ހޯމަ ދުވަހު ކުޅެވުނު މެޗުގައި ކްރޮއޭޝިއާ ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލެންޑުން ވަނީ އެ ގައުމުގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓާފައެވެ.
މީގެ ކުރިން ބްރެޒިލްއާ ދެކޮޅަށް ފަސް ސެޓަށް އަދި ޖަޕާނާ ދެކޮޅަށް ހަތަރު ސެޓަށް ކުޅެން ޖެހުނު ނަމަވެސް، މި މެޗުގައި ޕޮލެންޑުން ފެނުނީ ވަރަށް އިތުބާރާއެކު ކުޅުނު ތަނެވެ. މެޗުގެ ސެޓުތައް ޕޮލެންޑުން ގެންދިޔައީ 25-14، 25-16 އަދި 25-18 އިންނެވެ.
މި މެޗުގައި ޕޮލެންޑުގެ ހަނާ ޑެރްޒިންސްކާ 11 ޕޮއިންޓް ހޯދައިދިންއިރު، ކެޕްޓަން އަލެކްސަންޑްރާ ވިކާ އާއި ކްލައުޑިއާ ބްލަޑޯޗާ ކޮންމެ ކުޅުންތެރިއަކު 10 ޕޮއިންޓް ހޯދައިދިނެވެ. ވަކިން ހާއްސަކޮށް ބްލޮކް ކުރުމުގައި ޕޮލެންޑުން ދެއްކި މޮޅު ކުޅުން ފާހަގަކޮށްލެވެއެވެ.
ގްރޫޕް ސީގެ ދެވަނައަށް ޖަޕާން ޖެހިލީ އާޖެންޓީނާ އަތުން 3-1 ސެޓުން މޮޅުވެގެންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 27-25، 25-16، 19-25 އަދި 25-23 އިންނެވެ. ޖަޕާނުގެ މީކޯ ޓަކަހާޝީ 23 ޕޮއިންޓް ހޯދައިދިންއިރު، އާޖެންޓީނާގެ ކަޓަލީނާ ބޮރޭރޯ މުލާ ވަނީ އެކަނި 34 ޕޮއިންޓް ހޯދައިދީފައެވެ. މި ގްރޫޕްގައި ހިމެނޭ ސްޕެއިން ވެސް ވަނީ ބްރެޒިލް އަތުން 3-2 ސެޓުން މޮޅުވެ، އެ ގައުމުގެ ދެވަނަ މޮޅު ހޯދާފައެވެ.
ގްރޫޕް އޭ އަށް ބަލާއިރު، އެމެރިކާ ވަނީ ތައިލެންޑް ސީދާ ތިން ސެޓުން (25-11، 25-21، 25-16) ބަލިކޮށް، 12 ޕޮއިންޓާއެކު ތާވަލުގެ ކުރީގައެވެ. އެމެރިކާގެ ޖޫލިއާ މެސެލިންކް މި މެޗުގައި 17 ޕޮއިންޓް ހޯދައިދިނެވެ. ހަމަ މި ގްރޫޕްގައި ތުރުކީން ވަނީ ޗެކް ރިޕަބްލިކްގެ މައްޗަށް 3-0 އިން ކުރިހޯދައި، ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އަދި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޗިލީން ވަނީ މިސްރު ބަލިކޮށް އެ ގައުމުގެ ފުރަތަމަ މޮޅު ހޯދާފައެވެ.
ގްރޫޕް ބީ ގައި ޗައިނާ އުޅެނީ ވަރަށް ވަރުގަދަ ފޯމެއްގައެވެ. މެކްސިކޯ އަތުން 3-0 އިން މޮޅުވިއިރު، މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ވެސް ޗައިނާ އަތުން އެއްވެސް ސެޓެއް އެހެން ގައުމަކަށް ގެންދެވިފައެއް ނުވެއެވެ. މި ގްރޫޕްގެ ދެވަނައިގައި ޕެރޫ އޮތްއިރު، ތިންވަނައިގައި އޮތީ ވެނެޒުއޭލާއެވެ. ފިލިޕީންސް ވަނީ ތާވަލުގެ ހަތަރުވަނައަށް ވެއްޓިފައެވެ.
ގްރޫޕް ޑީ ގައި ދެކުނު ކޮރެއާއިން ވަނީ ޑޮމިނިކަން ރިޕަބްލިކް 3-1 އިން ބަލިކޮށް، ބަލިނުވެ އެއްވަނައިގައި ހިފަހައްޓާފައެވެ. މިމެޗްގައި ކޮރެއާގެ ކެޕްޓަން ސޮން ސިއޯޔޯން 23 ޕޮއިންޓް ހޯދައިދީ މޮޅު ކުޅުމެއް ދެއްކިއެވެ. ހަމަ މި ގްރޫޕްގައި އިޓަލީން ޕުއެރްޓޯ ރީކޯ ބަލިކުރިއިރު، ޗައިނީޒް ތައިޕޭ އިން ވަނީ އަލްޖީރިއާގެ މައްޗަށް ކުރިހޯދާފައެވެ. ގްރޫޕް ޑީގެ އެއްވަނައިގައި ކޮރެއާ 12 ޕޮއިންޓާއެކު އޮތްއިރު، އިޓަލީ އޮތީ 9 ޕޮއިންޓާއެކު ދެވަނައިގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

