ޗިލީގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ އަންހެނުންގެ " ވޮލީބޯޅަ ވޯލްޑް ޗެމްޕިއަންޝިފް 2026 ތިންވަނަ ދުވަހުގެ ކުޅުން ނިމުނުއިރު ޗެކް ރިޕަބްލިކް، ޕޮލެންޑް އަދި ކޮރެއާ ވެސް ވަނީ ބަލިނުވެ ކުރިއަށް ގޮސް، މުބާރާތުގައި މިހާތަނަށް ބަލިނުވާ ފަސް ޓީމުގެ ތެރޭގައި ހިމެނިފައެވެ.

މިމިބާރާތުގައި މިމަހުގެ 8 ވަނަ ދުވަހު ގްރޫޕް 'އޭ' ގައި އެމެރިކާ އިން ވަނީ 3-0 ސެޓުން ޗިލީ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް އެމެރިކާ އިން ގެންދިޔައީ 25-14، 25-21 އަދި 25-19 އިންނެވެ. މިއީ މި މުބާރާތުގައި އެމެރިކާ އިން ވިދިވިދިގެން ކާމިޔާބުކުރި 3 ވަނަ މެޗެވެ. މި މެޗުގައި އެމެރިކާގެ ޓޭލަރ ޖޯންސަން 14 ޕޮއިންޓް ހޯދައިދިންއިރު، ލެކްސީ ކޯލްމަން 13 ޕޮއިންޓް އަދި ޕޭޓަން ސްމިތު 12 ޕޮއިންޓް ހޯދައިދިނެވެ.
މީގެ އިތުރަށް ގްރޫޕް 'އޭ' ގައި ޗެކް ރިޕަބްލިކުން ވެސް ވަނީ ތައިލެންޑް އަތުން 3-1 ސެޓުން މޮޅުވެ، ބަލިނުވެ ތިންވަނަ މެޗު ކާމިޔާބުކޮށްފައެވެ. މިމެޗްގައި އެ ޓީމުގެ ކަޕޯވާ ވަނީ މި މެޗުގައި 23 ޕޮއިންޓް ހޯދައިދީފައެވެ. މި ގްރޫޕްގައި ހިމެނޭ ތުރުކީން ވަނީ މިޞްރު އަތުން 3-0 އިން މޮޅުވެފައެވެ.
ގްރޫޕް 'ބީ' ގައި އެންމެ ފަހުގެ ޗެމްޕިއަން ޗައިނާ އިން ވަނީ ވެނެޒުއޭލާ އަތުން 3-0 އިން މޮޅުވެ، ބަލިނުވެ 3 މެޗް ހަމަކޮށްފައެވެ . މިމެޗްގައި ޗައިނާގެ ޗެން ޝިންޔީ 14 ޕޮއިންޓް ހޯދައިދިންއިރު، އެ ޓީމުން ވަނީ ބްލޮކް ކުރުމުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި 15 ބްލޮކުން ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕްގައި ފިލިޕީންސުން ޓިއުނީޝިއާ އަތުން 3-0 އިން މޮޅުވިއިރު، ޕޭރޫ އިން ވަނީ މެކްސިކޯ އަތުން 3-2 އިން މޮޅުވެފައެވެ.
ގްރޫޕް 'ސީ' ގައި ޕޮލެންޑުން ވަނީ ޖަޕާން އަތުން 3-1 އިން މޮޅުވެ، އެ ގްރޫޕް ބަލިނުވެ އޮތް ހަމައެކަނި ޓީމުގެ ގޮތުގައި ހިމެނިފައެވެ. މި މެޗުގައި ޕޮލެންޑުގެ އެލެކްސެންޑްރާ ވިކާ 17 ޕޮއިންޓް ހޯދައިދިނެވެ. މި ގްރޫޕްގެ އެހެން މެޗުތަކަށް ބަލާއިރު، އާޖެންޓީނާ ބްރެޒިލް އަތުން 3-0 އިން މޮޅުވިއިރު، ކްރޮއޭޝިއާ އިން ވަނީ ސްޕެއިން އަތުން 3-1 އިން މޮޅުވެފައެވެ.
ގްރޫޕް 'ޑީ' ގައި ބަލިނުވެ އޮތް ދެ ޓީމު ކަމަށްވާ ކޮރެއާ އާއި އިޓަލީ ބައްދަލުކުރި ފޯރިގަދަ މެޗު 3-1 ސެޓުން ކާމިޔާބުކުރީ ކޮރެއާ އިންނެވެ. މިމެޗްގައި ކޮރެއާގެ ސޮން ސޯޔޯން ވަނީ 23 ޕޮއިންޓް ހޯދައިދީ، މުބާރާތުގައި އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިޔާގެ މަޤާމު (ޖުމްލަ 68 ޕޮއިންޓާއެކު) ދަމަހައްޓާފައެވެ. މި ގްރޫޕް ޕުއެރްޓޯ ރީކޯ އިން ޗައިނީޒް ތައިޕޭ އަތުން 3-2 އިން މޮޅުވިއިރު، ޑޮމިނިކަން ރިޕަބްލިކުން ވަނީ އަލްޖީރިއާ އަތުން 3-0 އިން މޮޅުވެފައެވެ.
އާދީއްތަ ދުވަހަކީ ( 09 އޯގަސްޓް 2026 ) މުބާރާތުގެ އަރާމު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، މެޗުތައް އަލުން ފެށޭނީ އޯގަސްޓް 10 ވާ ހޯމަ ދުވަހުއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

