ޗިލީގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ވޯލްޑް ޗެމްޕިއަންޝިޕް ވޮލީބޯޅަ މުބާރާތުގައި، އިޓަލީ، އެމެރިކާ އަދި ޗައިނާ ހިމެނޭހެން ހަ ޓީމަކުން އިއްޔެ ކުޅުނު މެޗްތައް އެޓީމު ތަކުން ކާމިޔާބުކޮށްފިއެވެ.
މީގެ އިތުރުން ޗެކިއާ، ޕޮލެންޑް އަދި ކޮރެއާ ވެސް ބަލިނުވެ ދެވަނަ މޮޅު ހޯދާފައިވާއިރު، ޕޮލެންޑުން ވަނީ ބްރެޒިލާ ދެކޮޅަށް ކުޅުނު ވަރުގަދަ މެޗު "ޓައިބްރޭކަރަކުން" ކާމިޔާބުކޮށްފައެވެ. އަދި ފިލިޕީންސުން ވަނީ އެ ގައުމުގެ ވޯލްޑް ޗެމްޕިއަންޝިޕްގެ ފުރަތަމަ މޮޅު ހޯދާފައެވެ.

ހުކުރު ދުވަހު ކުޅުނު މިމެޗްތަކަށް ބަލާއިރު، އިޓަލީން ވަނީ ގްރޫޕް 'ޑީ' ގައި ޑޮމިނިކަން ރިޕަބްލިކް އަތުން 3-1 ސެޓުން މޮޅުވެފައެވެ. މި މެޗުގައި އިޓަލީގެ ހިލަރީ އުވާޑިއޭ 26 ޕޮއިންޓް ހޯދައިދިންއިރު، ޑޮމިނިކަން ރިޕަބްލިކްގެ ކެޕްޓަން ރޭނީ މެރާބް ވަނީ 23 ޕޮއިންޓް ހޯދާފައެވެ. ހަމަ މި ގްރޫޕް ގައި ކޮރެއާއިން ވަނީ ޗައިނީޒް ތައިޕޭ 3-1 އިން ބަލިކޮށްފައެވެ. މި ވަގުތު އިޓަލީ އާއި ކޮރެއާ އޮތީ ހަ ޕޮއިންޓާއެކު އެއްވަނާގައެވެ. ނަމަވެސް ސެޓުގެ ތަފާތުން ކުރީގައި އޮތީ އިޓަލީއެވެ.

މިމުބާރާތުގެ 'އޭ' ގައި އެމެރިކާއިން ވަނީ ތުރުކީއާ ދެކޮޅަށް ކުޅުނު މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ. އެމެރިކާގެ މާޔާ އޮގްބޯގޫ 14 ޕޮއިންޓާއެކު އެންމެ ގިނަ ޕޮއިންޓް ހޯދައިދިންއިރު، ޗެކިއާ އިން ވަނީ މިސްރު 3-1 އިން ބަލިކޮށް ދެވަނަ މޮޅު ހޯދާފައެވެ. އަދި މީގެ އިތުރަށް މި ގްރޫޕްގައި ހިމެނޭ ތައިލެންޑުން ވަނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޗިލީ ބަލިކޮށް އެޓީމުގެ ފުރަތަމަ މޮޅު ހޯދާފައެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޗައިނާ އިން ގްރޫޕް 'ބީ' ގައި ޓިއުނީޝިއާ އަތުން ސީދާ ތިން ސެޓުން ވެފައިވާއިރު ޗައިނާގެ ޗެން ޒިނީ ވަނީ މިމެޗްގައި 17 ޕޮއިންޓް ހޯދައިދީފައެވެ. މި ގްރޫޕްގައި ފިލިޕީންސުން ވަނީ މެކްސިކޯ ބަލިކޮށް ތާރީޚީ މޮޅެއް ހޯދާފައެވެ. މިއީ އެ ގައުމުން ވޯލްޑް ޗެމްޕިއަންޝިޕެއްގައި ހޯދި ފުރަތަމަ މޮޅެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ވެނެޒުއޭލާ އިން ވަނީ ޕެރޫ ބަލިކޮށްފައެވެ.
އިއްޔެ ކުޅުވުނު އެންމެ ފޯރިގަދަ މެޗު ފެނިގެންދިޔައީ ގްރޫޕް 'ސީ' ގައެވެ. ޕޮލެންޑާއި ބްރެޒިލް ބައްދަލުކުރި މި މެޗު ފަސްވަނަ ސެޓަކަށް ގޮސް، ޕޮލެންޑުން ވަނީ 3-2 އިން މެޗު ކާމިޔާބުކޮށްފައެވެ.
ޕޮލެންޑްގެ ކެޕްޓަން ވިކާ ވަނީ މި މެޗުގައި 31 ޕޮއިންޓް ހޯދައި މޮޅު ކުޅުމެއް ދައްކާފައެވެ. މި ގްރޫޕްގެ އެހެން މެޗުތަކަށް ބަލާއިރު، އާޖެންޓީނާ އިން ސްޕެއިން ބަލިކޮށްފައިވާއިރު، ޖަޕާނުން ވަނީ ކްރޮއޭޝިއާ އަތުން މޮޅުވެ ފުރަތަމަ މޮޅު ހޯދާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

