ކޮންމެ ކަމެއްގައިވެސް ކުރިއެރުމުގެ އަސްލަކީ އުނގެނުމެވެ. އިންސާނާގެ ހަޔާތުގައި އާ ކަންތައްތަކެއް ދަސްވިވަރަކަށް، އޭނާގެ ކިބައިގައިވާ ހުނަރާއި ގާބިލުކަން އިތުރުވެ، މުޖުތަމައުއަށް ފައިދާހުރި ހަރުދަނާ މީހަކަށް ވެވިގެންދެއެވެ. ކުޅިވަރުގެ ދާއިރާއިން ބަލާއިރުވެސް، ކާމިޔާބީގެ ތަޅުދަނޑިއަކީ ފަންނީ ގޮތުން ހޯދާ އިލްމާއި ތަޖުރިބާއެވެ.
މިގޮތުން އައްޑޫ މީދޫއަށް އުފަން މީދޫ ހުވަދުމާވާދީ ، ހުސެން ރަޝީދަކީ ފުޓްބޯޅައާއި ފުޓްސަލްގެ ދާއިރާގައި ފާހަގަކޮށްލެވޭ ހުނަރުވެރި ކޯޗެކެވެ. އޭނާ ވަނީ އޭއެފްސީ ފުޓްސަލް ލެވެލް 1 ކޯހާއި، އޭއެފްސީ ފުޓްބޯޅަ ސީ ލައިސަންސް ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ. ހުސެން ރަޝީދުގެ ކޯޗިންގ ދަތުރު ރަސްމީކޮށް ފެށުނީ 2020 ވަނަ އަހަރު އޭއެފްސީ ފުޓްބޯޅަ ކޯޗިންގ ކޯސް ފުރިހަމަކުރުމަށްފަހުއެވެ. އެއަށްފަހު 2026 ވަނަ އަހަރު، އޭނާ ވަނީ މެލޭޝިއާގައި އޭއެފްސީ ފުޓްސަލް ކޯޗިންގ ކޯސް ފުރިހަމަކޮށް، ސެޓްފިކެޓް ހާސިލްކޮށްފައެވެ.
އެހެންކަމުން ހުސެން ރަޝީދަކީ މީދޫގައި މިވަގުތު ހުރި އޭއެފްސީ ފުޓްސަލް ލެވެލް 1 ގެ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހޯދާފައިވާ ހަމައެކަނި ފަރާތެވެ. މިއީ މީދޫގެ ކުޅިވަރުގެ ތާރީޚުގައި މީހަކު ހޯދާފައިވާ އެންމެ ބޮޑު އެއް ކާމިޔާބީއެވެ.
ހުސެން ރަޝީދު ފުޓްބޯޅައިގެ ދާއިރާއިން އުނގެނުނު އިލްމުގެ ބޭނުން ހިފަނީ ހަމައެކަނި އަމިއްލަ ކުރިއެރުމަކަށް ނޫނެވެ. އޭނާ ދަނީ އެކި ޓީމުތަކަށް ކޯޗުކޮށްދީ، އޭނާގެ ފަންނީ ތަޖުރިބާގެ އަލީގައި ކުޅުންތެރިން ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. ތަފާތު އެކި މުބާރާތްތަކުގައި ހުސެން ރަޝީދު އެކިޓީމުތަކަށް އިރުޝާދު ދެމުންދާކަމީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ.
މިފަދަ ތަމްރީނު ލިބިފައިވާ ކޯޗުންގެ ސަބަބުން ކުޅިވަރުގެ ފެންވަރު މަތިވެ، ޒުވާން ކުޅުންތެރިންނަށް ރަގަޅު ތަމްރީނު ލިބި ކުރިއަށް ދިއުމުގެ ފުރުސަތު ހުޅުވިގެންދެއެވެ.
ހުސެން ރަޝީދު ފަދަ ގާބިލު ފަރާތްތަކުން ކުރަމުންދާ މަސައްކަތަކީ ފުޓްބޯޅައިގެ މުސްތަގުބަލު އުޖާލާކޮށްދޭނެ ކަމެއްކަން ކަށަވަރެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

