އޮސްޓްރޭލިއާގެ ދުވުމުގެ ކުޅިވަރުތަކުން ފާހަގަކޮށްލެވޭ އުންމީދީ ދުވުންތެރިޔާ ނަތާޝާ ވާރޑް، އުމުރުން އެންމެ 21 އަހަރުގައި ނިޔާވެއްޖެއެވެ.
ނަތާޝާ އަކީ ދުވުންތަކުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ އެތުލީޓެކެވެ. މީގެ ތެރޭގައި އެން.އެސް.ޑަބްލިއު އޯލް ސްކޫލްސް މުބާރާތުގެ 1500 މީޓަރު ދުވުމުން މެޑަލް ހޯދުމާއި، 2023 ވަނަ އަހަރުގެ ޔުނީސްޕޯޓް ނޭޝަނަލްސްގެ 1500 މީޓަރު ދުވުމުން މެޑަލް ހޯދުން ހިމެނެއެވެ. އަދި 2024 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުނު ޔުނީސްޕޯޓް ނޭޝަނަލްސްގެ 800 މީޓަރު ދުވުމުން އޭނާ ވަނީ ލޯ މެޑަލް ހާސިލްކޮށްފައެވެ.

އޯގާތެރިކަމާއި، ހިނިތުންވުމާއި، ހިތްހެޔޮ މިޒާޖުގެ ސަބަބުން ނަތާޝާއަކީ އެންމެންގެ ލޯބިލިބިފައިވާ ދުވުންތެރިއެކެވެ. ނަތާޝާއަކީ އޭނާއާއެކު ތަމްރީނު ހަދާ އެހެން އެތުލީޓުންނަށް ވަރަށް ބޮޑު ހިތްވަރުދެއްވާ ދުވުންތެރިއެކެވެ. އޮސްޓްރޭލިއާގެ އެތުލެޓިކްސް ދާއިރާގައި އޭނާ ވަނީ ފޮހެލަން ދަތި ހަނދާންތަކެއް ދޫކޮށްފައެވެ.
ސިޑްނީގެ މެކުއަރީ ޔުނިވަރސިޓީގައި އެކްސަސައިޒް އެންޑް ސްޕޯޓްސް ސައިންސްގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރަމުންދިޔަ ނަތާޝާ އަކީ އޭނާ ނިޔާވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ބައްދަލުވި މީހުންގެ ހިތްތަކުންވެސް ޖާގަ ހޯދާފައިވާ ދުވުންތެރިއެކެވެ.
ނަތާޝާ ވާރޑް ނިޔާވިކަން ހާމަކޮށްފައިވަނީ ނިއު ސައުތު ވޭލްސް އެތުލެޓިކްސް އާއި ސަދަލެންޑް ޑިސްޓްރިކްޓް އެތުލެޓިކްސް ކްލަބުން ނެރުނު ގުޅިފައިވާ ބަޔާނެއްގައެވެ.
ނަމަވެސް، އޭނާ ނިޔާވި ސަބަބެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
2024 ވަނަ އަހަރުގެ އޮސްޓްރޭލިއަން ޗެމްޕިއަންޝިޕްގައި ވާދަކުރި ނަތާޝާ އަކީ އޭނާގެ ކްލަބަށް ތަފާތު ރިލޭ ރޭސްތަކުގައިވެސް ބައިވެރިވެދީފައިވާ ހަރަކާތްތެރި މެންބަރެކެވެ.
އޭނާ ނިޔާވުމާ ގުޅިގެން އޮސްޓްރޭލިއާގެ އެތުލެޓިކްސް ގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކޮށް ތައުޒިޔާ ފޮނުވަމުންނެވެ.
އޭނާ ނިޔާވުމުގެ މަދު ހަފުތާތަކެއް ކުރިން އޭނާއާ ބައްދަލުވި މީހަކު ކިޔައިދީފައިވާ ގޮތުގައި، ނަތާޝާ އަކީ އޭނާ ކުރާ މަސައްކަތަށް ވަރަށް ފަރިތަ، އަދި އެހެން މީހުންނަށް އެހީތެރިވުމުގައި އާދަޔާޚިލާފު ހިތްހެޔޮކަމެއް ބެހެއްޓި އިންސާނެކެވެ.
ހިތާމަވެރި މި ޚަބަރު ފެތުރިފައި މިވަނީ، އޮސްޓްރޭލިއާގެ ދުވުންތެރިޔާ ޖެމާ ސްޓޭޕްލްޓަން ތައިލެންޑުގައި ހިނގި ސައިކަލް އެކްސިޑެންޓެއްގައި އުމުރުން 25 އަހަރުގައި ނިޔާވިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

