އައްޑޫ މީދޫގެ މަގުތަކުގެ ހާލަތު ރަނގަޅުކޮށް، ދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން މީދޫގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް މީދޫ ކައުންސިލުން ފަށައިފިއެވެ.
މީދޫ ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، މި މަސައްކަތުގެ ދަށުން އެ ރަށުގެ މަގުތަކުގެ ތެރެއިން ސީޓީބީ (ސިމެންތި ބޭސް) އަޅާފައިވާ މަގުތަކުގައި ހެދިފައިވާ ވަޅުގަނޑުތައް ބައްދައި، އަލުން ސީޓީބީ އަޅައިގެން މަގުތައް އެއްވަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން މަގުތައް ހަލާކުވެފައި އޮތުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ދިމާވަމުންދިޔަ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ފެށި މަސައްކަތެކެވެ.

މީގެ އިތުރުން، މީދޫ ޔުނިކް ސެލެކްޝަން ފިހާރަ ކުރިމަތިން މަގުމަތީގައި ސީޓީބީ ނުވަތަ ގާ އަޅާފައިނުވާ ސަރަހައްދުގައި ގިނަ އަދަދަކަށް ވަޅުގަނޑު ހެދި، ދުއްވާ އެއްޗިއްސަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާތީ، އެ ސަރަހައްދު ލެވެލްކުރުމުގެ މަސައްކަތް ވެސް މިއަދު ވަނީ ފަށާފައެވެ. ކައުންސިލުން ނިންމާފައިވަނީ އެ ސަރަހައްދު އެއްވަރުކުރުމަށްފަހު، އެތަނުގައި ގާ އެޅުމަށެވެ.
މި މަސައްކަތަކީ ރަށުގެ މަގުތަކަކީ އަމާން އަދި ދަތުރުފަތުރު ކުރަން ފަސޭހަ މަގުތަކަކަށް ހެދުމަށްޓަކައި ކައުންސިލުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މަގުތައް މަރާމާތުކުރުމުގެ މި މަސައްކަތް ނިމުމުން، ރަށުގެ އެކި ސަރަހައްދުތަކަށް ދަތުރުކުރުމުގައި މިހާރު ހުރި ހުރަސްތައް ނެތިގެންދާނެ ކަމަށް ކައުންސިލުން އުންމީދު ކުރެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

