އައްޑޫ ސިޓީގެ ލިންކް ރޯޑްގެ ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ނޫން އެހެން ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މިކަން ހާމަކުރެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.
މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އަހްމަދުދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ލިންކް ރޯޑްގެ މަސައްކަތް އެންމެ އެކަށީގެންވާ ފެންވަރެއްގައި ކުރިއަށް ގެންދިއުމަށް ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ވީހާވެސް ހަރަދު ކުޑަކޮށް، އަދި ހަމައެހެންމެ އަވަސް ދުވެއްޔެއްގައި މި މަސައްކަތް ނިންމާލުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ލިންކް ރޯޑްގެ ތާރު އެޅުމުގެ މަސައްކަތް އެހެން ބަޔަކާ ހަވާލުކުރަން ނިންމި ނަމަވެސް، އެ ސިޓީގެ އެހެން މަގުތައް މަރާމާތުކޮށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ކަނޑައެޅިފައިވާ އެހެން މަގުތަކުގެ މަސައްކަތް އާރްޑީސީން ކުރިއަށް ގެންދާނެއެވެ.
އައްޑޫގެ ލިންކް ރޯޑަކީ ގިނަ ދުވަސްތަކެއް ވަންދެން މަރާމާތު ނުކުރެވި އޮތުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެ، ދަތުރުފަތުރު ކުރާ އާންމުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާ މަގކެވެ. މި މަގު އަލުން ތަރައްގީކުރުމަށް މިދިޔަ އަހަރުގެ އޭޕްރީލް 8 ވަނަ ދުވަހު އާރްޑީސީއާ ހަވާލުކުރެވުނު ނަމަވެސް، މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރު މަހު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައެވެ.
މި ބިޔަ މަޝްރޫއުގެ ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްގީކުރަން ނިންމާފައިވެއެވެ. މީގެ އިތުރުން، ކުރިން ފަށާފައިވާ މަޝްރޫއުތަކުގެ ތެރެއިން ނުނިމި ހުރި މަގުތަކާއި ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމާއެކު، ޖުމްލަ 67.58 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމަށް ވަނީ ރޭވިފައެވެ. އާރްޑީސީގެ އަމާޒަކީ 2028 ވަނަ އަހަރުގެ ކުރިން މި ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލުމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

