ލޯ މެޑަލް މެޗްގައި ޖަޕާނާއި ސްލޮވީނިއާވެސް މިއަދު ވާދަކުރާނެ
ޗައިނާގެ ނިންގްބޯ ބީލުންގައި ކުރިއަށްދާ ފިރިހެނުންގެ ވޮލީބޯލް ނޭޝަންސް ލީގު (ވީ.އެން.އެލް) ގެ ފައިނަލް މެޗުތައް އާދީއްތަ ދުވަހު ( މިއަދު ) ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ ރަން މެޑަލް ހޯދުމަށްޓަކައި އެމެރިކާއާއި ޕޮލެންޑް ބައްދަލުކުރާއިރު، މިއީ 2023 ވަނަ އަހަރުގެ ފައިނަލްގެ ފޯރިގަދަ ކުރިމަތިލުމެއް އަލުން ފެނިގެންދާނެ ފަހަރެކެވެ. މީގެ އިތުރުން، ތިންވަނަ ހޮވާ މެޗުގައި ޖަޕާނާއި ސްލޮވީނިއާ ބައްދަލުކުރާނެއެވެ.

އެމެރިކާއާއި އެންމެ ފަހުގެ ޗެމްޕިއަން ޕޮލެންޑް ބައްދަލުކުރާ ފޯރިގަދަ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ ( މިއަދުގެ ރާއްޖެ ގަޑިން 16:30 ) ގައެވެ.
އެމެރިކާއިން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި ޖަޕާނާ ވާދަކޮށް 3-2 ސެޓުން މޮޅުވެގެންނެވެ. މިއީ ވީ.އެން.އެލްގެ ތާރީޚުގައި އެމެރިކާ ފައިނަލަށް ދަތުރުކުރި ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން ތިން ފަހަރެއްގެ މަތިން ރިހި މެޑަލް ހޯދާފައިވީ ނަމަވެސް، އެމެރިކާއަށް އަދި މި މުބާރާތުގެ ތަށި އުފުލާލެވޭ ގޮތް ވަނީ ނުވެފައެވެ. ސެމީ ފައިނަލްގެ މި ނަތީޖާއާއެކު ދުނިޔޭގެ ރޭންކިންގްގެ ހަވަނައިން ހަތަރުވަނައަށް އެމެރިކާ ވަނީ ކުރިއަށް ޖެހިލާފައެވެ.
ދުނިޔޭގެ ރޭންކިންގްގެ އެއްވަނައިގައި އޮތް ޕޮލެންޑަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. އެޓީމުން ވަނީ 2023 އަދި 2025 ވަނަ އަހަރު ވީ.އެން.އެލްގެ ތަށި ކާމިޔާބުކޮށްފައެވެ. ޕޮލެންޑުން ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި ސްލޮވީނިއާގެ މައްޗަށް 3-0 ސެޓުން ކުރިހޯދައިގެންނެވެ.
ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި މި ދެ ޓީމު މިހާތަނަށް 51 ފަހަރު ބައްދަލުކޮށްފައިވާއިރު، އޭގެ ތެރެއިން 29 މެޗު ޕޮލެންޑުން ވަނީ ކާމިޔާބުކޮށްފައެވެ. އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރި ފަސް މެޗުންވެސް މޮޅުވެފައިވަނީ ޕޮލެންޑެވެ.
ލޯ މެޑަލް ހޯދުމަށްޓަކައި ޖަޕާނާއި ސްލޮވީނިއާ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހު ރާއްޖެ ގަޑިން 12:40 ގައެވެ.
ޖަޕާނުން މިހާތަނަށް ވީ.އެން.އެލްގައި ދެ މެޑަލް ހާސިލްކޮށްފައިވާއިރު، ސްލޮވީނިއާއިން މަސައްކަތް ކުރަމުންދަނީ އެޓީމުގެ ފުރަތަމަ ވީ.އެން.އެލް މެޑަލް ހޯދުމަށެވެ. މީގެ ކުރިން ތިން ފަހަރެއްގެ މަތިން ލޯ މެޑަލް މެޗުގައި ކުޅެ ސްލޮވީނިއާ ވަނީ ބަލިވެފައެވެ.
ޖަޕާނާއި ސްލޮވީނިއާ މިހާތަނަށް 11 ފަހަރު ބައްދަލުކޮށްފައިވާއިރު، 8 މެޗުން ކުރިހޯދާފައިވަނީ ޖަޕާނެވެ. އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރި ހަތް މެޗުންވެސް މޮޅުވެފައިވަނީ ޖަޕާނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

