އައްޑޫ މީދޫ ކައުންސިލްގެ ފުރަތަމަ ދައުރުގައި ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި، މަޝްވަރާކުރުމަށް ބޭއްވި ޚާއްޞަ ބައްދަލުވުން ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ރޭ ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
ސ. އަތޮޅު މަދަރުސާގެ ހޯލުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ކައުންސިލްގެ މެންބަރުންގެ ތެރެއިން ކައުންސިލަރ ސަނީ ފިޔަވައި، ކައުންސިލްގެ އެހެން ހުރިހާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކާއި، ކުރިއަށް ރޭވިފައިވާ ކަންކަމުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމެވެ.
ބައްދަލުވުމުގެ ތެރެއިން، ކައުންސިލުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލީ ރިޕޯޓާއި، ރަށުގެ ތަރައްޤީއަށްޓަކައި ހިންގޭ އެކި މަޝްރޫޢުތަކުގެ މައުލޫމާތު ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން، ކައުންސިލްގެ މާލީ ހާލަތާއި، އިދާރީ ހިންގުމާ ގުޅޭ މުހިންމު ތަފާސްހިސާބުތައްވެސް ރައްޔިތުންނަށް އޮޅުންފިލުވައިދީފައިވެއެވެ.
މި ބައްދަލުވުމުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ، އެމީހުންގެ ހުރި ކަންބޮޑުވުންތަކާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން ސުވާލުކޮށްފައިވެއެވެ. ރައްޔިތުން ކުރެއްވި އެކި ސުވާލުތަކަށް ތަފްސީލީ ޖަވާބު ދެއްވީ ކައުންސިލްގެ ރައީސް ޝާޠިރުއެވެ. ރައީސްގެ ވާހަކަފުޅުގައި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު ރަށުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކައުންސިލުން އަބަދުވެސް އިސްކަންދޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މިފަދަ ބައްދަލުވުންތަކަކީ ކައުންސިލާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެ، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ރަށުގެ ހިންގުން ކުރިއަށް ގެންދިއުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަން ފާހަގަކުރެވެއެވެ.







ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

