ވޮލީބޯލް ނޭޝަންސް ލީގު (ވީ.އެން.އެލް) 2026 ޕޮލެންޑާ ދެކޮޅަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު އެމެރިކާ ހޯދައިފިއެވެ.
އެމެރިކާ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ޖަޕާނު ބަލިކުރުމަށްފަހުގައެވެ. މިއީ މި މުބާރާތުގައި ޖަޕާނު ބަލިވި ފުރަތަމަ މެޗެވެ. އެހެންކަމުން ތިންވަނަ ހޮވާ މެޗުގައި ޖަޕާނު ނުކުންނާނީ ސްލޮވީނިއާއާ ދެކޮޅަށެވެ.
ޗައިނާގެ ނިންގްބޯ ބެއިލުންގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ ސެމީ ފައިނަލް މެޗު އެމެރިކާ ކާމިޔާބުކުރީ 3-2 ސެޓުންނެވެ.

ނިންގްބޯ ބެއިލުން ސްޕޯޓްސް އެންޑް އާޓްސް ސެންޓަރުގައި ހަ ހާހެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ސެޓުތައް އެމެރިކާއިން ގެންދިޔައީ 25-19، 23-25، 20-25، 25-19 އަދި 15-13 އިންނެވެ. މިއީ އެމެރިކާ މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން ކުޅުނު ތިން ފައިނަލުންވެސް އެމެރިކާއަށް ލިބުނީ ރިހި މެޑަލެވެ. ޖަޕާނަށް މިއީ ތިންވަނަ ހޮވާ މެޗުގައި ކުޅޭ ދެވަނަ ފަހަރެވެ. 2023 ވަނަ އަހަރު ޖަޕާނުން ވަނީ ލޯ މެޑަލް ހޯދާފައެވެ.
މެޗުގެ ފުރަތަމަ ސެޓު ޖަޕާނުން ފެށީ ވަރަށް ވަރުގަދަކޮށެވެ. ނަމަވެސް އެމެރިކާގެ ޖޭކް ހޭންސްގެ މޮޅު ކުޅުމާއެކު އެމެރިކާއިން މެޗުގެ ކޮންޓްރޯލް ހޯދައި 25-19 އިން ސެޓު ކާމިޔާބުކުރިއެވެ. ދެވަނަ ސެޓުގައި ޖަޕާނުގެ ކެޕްޓަން ޔޫކީ އިޝިކާވާގެ ހިތްވަރުގަދަ ކުޅުމާއެކު 25-23 އިން ސެޓު ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ތިންވަނަ ސެޓުގައި ޖަޕާނުގެ ޔޫޖީ ނިޝިދާ ދެއްކި މޮޅު ކުޅުމާއެކު 25-20 އިން ސެޓު ގެންގޮސް ޖަޕާނުން މެޗުގައި ކުރިހޯދިއެވެ.
ނަމަވެސް ހަތަރުވަނަ ސެޓުގައި އެމެރިކާއިން އަލުން ކުޅުން ރަނގަޅުކޮށް 25-19 އިން ސެޓު ކާމިޔާބުކޮށް، ނަތީޖާ ނެރުމަށްޓަކައި ފަސްވަނަ ސެޓަކަށް މެޗު ގެންދިޔައެވެ. ނަތީޖާ ކަނޑައެޅި ފަހު ސެޓުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ވަރަށް ވާދަވެރި ކުޅުމެކެވެ. އެމެރިކާއިން މި ސެޓު 15-13 އިން ކާމިޔާބުކޮށް މެޗުން މޮޅުވިއެވެ.
މިމެޗްގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެޓޭކް ކުރުމާއި ބްލޮކް ކުރުމުގެ އިތުރުން ސާވިސްގައިވެސް ކުރިހޯދީ އެމެރިކާއެވެ. އެމެރިކާގެ ޖޭކް ހޭންސް އާއި މެޓް އެންޑަސަން ކޮންމެ ކުޅުންތެރިއަކު 24 ޕޮއިންޓް ހޯދައިދިނެވެ. ޖަޕާނު ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 19 ޕޮއިންޓާއެކު ޔޫޖީ ނިޝިދާއެވެ.
މެޗަށްފަހު އެމެރިކާގެ އެންޑަސަން ބުނީ ޖަޕާނަކީ ވަރަށް މޮޅު ޓީމެއް ކަމަށާއި، ފައިނަލުގައި ޕޮލެންޑާ ދެކޮޅަށް ނުކުންނައިރު މުޅި މެޗުގައި އެއް ފެންވަރެއްގައި ކުޅުން ހިފަހައްޓަން ޖެހޭނެ ކަމަށެވެ. ޖަޕާނުގެ ކެޕްޓަން އިޝިކާވާ ބުނީ މިއީ ވަރަށް ފޯރިގަދަ މެޗެއް ކަމަށާއި، ދެން އޮތް ތިންވަނަ ހޮވާ މެޗަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށެވެ.
އާދީއްތަ ދުވަހު ކުޅޭ ލޯ މެޑަލް މެޗުގައި ޖަޕާނާއި ސްލޮވީނިއާ ބައްދަލުކުރާއިރު، ފައިނަލް މެޗުގައި ވާދަކުރާނީ ޕޮލެންޑާއި އެމެރިކާއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

