ޗައިނާގެ ނިންގްބޯ ބެއިލުންގައި ކުރިއަށްދާ މެންސް ވޮލީބޯލް ނޭޝަންސް ލީގު (ވީއެންއެލް) ގެ ސެމީ ފައިނަލް މެޗުތައް އޮގަސްޓް 1 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އާދީއްތަ ދުވަހު އޮންނަ ފައިނަލް މެޗުން ޖާގަ ހޯދުމަށްޓަކައި ފުރަތަމަ ކުރިމަތިލާނީ ޔޫރަޕްގެ ދެ ބާރު ކަމަށްވާ ސްލޮވީނިއާ އާއި ޕޮލެންޑެވެ. އޭގެ ފަހުން ދެވަނަ މެޗުގައި ބައްދަލުކުރާނީ ޖަޕާނާއި އެމެރިކާއެވެ. މި ހަތަރު ޓީމަކީ ވެސް މި މުބާރާތުގެ ޕްރިލިމިނަރީ ބުރުގައި ބައްދަލުކޮށް، ފަސް ސެޓަށް ދިގުދެމިގެންދިޔަ ފޯރިގަދަ ކުޅުމެއް ދައްކާފައިވާ ޓީމުތަކެކެވެ.

މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގައި ސްލޮވީނިއާ އާއި ޕޮލެންޑް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ އެ ގައުމުގެ ގަޑިން 15:00 (ޖީއެމްޓީ ގަޑިން 07:00) ގައެވެ.
މިއީ ސްލޮވީނިއާ ވީއެންއެލްގެ ސެމީ ފައިނަލުގައި ވާދަކުރާ ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން ކުޅުނު ތިން ފަހަރުވެސް އެ ޓީމު ނިންމާލަން ޖެހުނީ ހަތަރުވަނަ މަގާމުގައެވެ. އެހެންކަމުން، މިފަހަރުގެ އަމާޒަކީ އެ ޓީމުގެ ފުރަތަމަ ވީއެންއެލް މެޑަލް ހޯދުމެވެ. މި ސީޒަނުގެ ޕްރިލިމިނަރީ ބުރުގައި ސްލޮވީނިއާ ވަނީ ކުޅުނު 12 މެޗުގެ ތެރެއިން 10 މެޗު ކާމިޔާބުކޮށް، 26 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ ހޯދާފައެވެ. ކުއާޓާ ފައިނަލުގައި ތުރުކީއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 3-0 ސެޓުންނެވެ. ސްލޮވީނިއާ އަކީ މިވަގުތު ދުނިޔޭގެ ރޭންކިންގެ ފަސްވަނަ ޓީމެވެ.
ޕޮލެންޑަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންގެ އިތުރުން ދުނިޔޭގެ ރޭންކިންގެ އެއްވަނަ ޓީމެވެ. އެ ޓީމުން ވަނީ 2023 އަދި 2025 ވަނަ އަހަރު މި މުބާރާތުގެ ތަށި އުފުލާލާފައެވެ. މީގެ އިތުރުން ވޭތުވެދިޔަ ހަ މުބާރާތުގައި ވެސް އެ ޓީމުން ވަނީ މެޑަލް ހާސިލްކޮށްފައެވެ. ޕޮލެންޑަކީ އެންމެ ފަހުގެ އޮލިމްޕިކްސްގެ ރިހި މެޑަލް އަދި ވޯލްޑް ޗެމްޕިއަންޝިޕްގެ ލޯ މެޑަލް ހޯދާފައިވާ ޓީމެވެ. މިފަހަރުގެ ކުއާޓާ ފައިނަލުގައި އެ ޓީމުން ޔޫކްރެއިން ބަލިކުރީ 3-1 ސެޓުންނެވެ.
ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި މި ދެ ޓީމު 18 ފަހަރު ބައްދަލުކޮށްފައިވާއިރު، ދެ ޓީމުން ވެސް ވަނީ 9 މެޗު ކާމިޔާބުކޮށްފައެވެ. ނަމަވެސް، މި އަހަރުގެ ވީއެންއެލްގައި މި ދެ ޓީމު ބައްދަލުކުރި މެޗު 3-2 ސެޓުން ކާމިޔާބުކުރީ ސްލޮވީނިއާއެވެ.
ދެވަނަ ސެމީ ފައިނަލުގައި ޖަޕާނާއި އެމެރިކާ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ އެ ގައުމުގެ ގަޑިން 19:30 (ޖީއެމްޓީ ގަޑިން 11:30) ގައެވެ.
ޖަޕާނަކީ މި އަހަރުގެ މުބާރާތުގައި މިހާތަނަށް ބަލިނުވެ އޮތް ހަމައެކަނި ޓީމެވެ. ޕްރިލިމިނަރީ ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލަށް ދަތުރުކޮށް، އެ ޓީމުން ވަނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޗައިނާ 3-1 ސެޓުން ބަލިކޮށްފައެވެ. މި ކާމިޔާބީތަކާއެކު ޖަޕާން ވަނީ ދުނިޔޭގެ ރޭންކިންގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ.
އެމެރިކާ ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ވަރުގަދަ އިޓަލީ 3-0 ސެޓުން ބަލިކުރުމަށްފަހުއެވެ. އެމެރިކާއިން މިހާތަނަށް ވީއެންއެލް ތަށި ހޯދިފައި ނުވި ނަމަވެސް، އެ ޓީމުން ވަނީ ތިން ފަހަރެއްގެ މަތިން ރިހި މެޑަލް ހޯދާފައެވެ. އެމެރިކާ އަކީ އެންމެ ފަހުގެ އޮލިމްޕިކްސްގެ ލޯ މެޑަލް ހޯދި ޓީމެވެ.
ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި ޖަޕާނާއި އެމެރިކާ 50 ފަހަރު ބައްދަލުކޮށްފައިވާއިރު، އޭގެ ތެރެއިން 38 މެޗު ކާމިޔާބުކޮށްފައިވަނީ އެމެރިކާއެވެ. ނަމަވެސް، އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ކުރިހޯދާފައިވަނީ ޖަޕާނެވެ. އެންމެ ފަހުން މި ދެ ޓީމު ފްރާންސްގައި ބައްދަލުކުރި މެޗު ޖަޕާނުން ކާމިޔާބުކުރީ 3-2 ސެޓުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

