ވޯލްޑް ކަޕް ސެމީ ފައިނަލްގައި އިންގްލެންޑް ބަލިކޮށް ހޯދި ކާމިޔާބީ ފާހަގަކުރިއިރު، ފޯކްލޭންޑް އައިލެންޑްސްއަކީ އާޖެންޓީނާގެ ތަނެއް ކަމަށް ބުނާ ބެނާއެއް ބޭނުންކުރުމާ ގުޅިގެން، ފީފާއިން އާޖެންޓީނާގެ ޓީމަށް އަދަބު ދިނުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.
އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން އެޓްލާންޓާގައި ކުޅުނު މި މެޗު ކާމިޔާބުކުރީ، މެޗުގެ ފަހުކޮޅު ތޯމަސް ޓުޗެލްގެ އިނގިރޭސި ޓީމު ކޮޅަށް ދެ ލަނޑު ޖަހައި 2-1 އިންނެވެ. މި މޮޅާއެކު އާޖެންޓީނާ ވަނީ އާދީއްތަ ދުވަހު ސްޕެއިނާ ދެކޮޅަށް ކުޅޭ ފައިނަލުން ޖާގަ ހޯދާފައެވެ.

މެޗު ނިމުމުގެ ފަހު ސިގްނަލާއެކު، އާޖެންޓީނާގެ ކުޅުންތެރިން އުފާފާޅުކުރީ "ލަސް މަލްވީނަސް ސޮން އާޖެންޓީނާސް" (ފޯކްލޭންޑްސްއަކީ އާޖެންޓީނާގެ ތަނެއް) މިހެން ލިޔެފައިވާ ބެނާއެއް ހިފައިގެން ތިބެއެވެ.

އެޓްލާންޓިކް ކަނޑުގެ ހުޅަނގު ދެކުނުގައި އޮންނަ، އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައިވާ ފޯކްލޭންޑްސް އައިލެންޑްސްގެ މިލްކުވެރިކަމާ މެދު އިނގިރޭސިވިލާތާއި އާޖެންޓީނާއާ ދެމެދު ޒަމާނުއްސުރެ ބޮޑު ހަމަނުޖެހުމެއް އޮވެއެވެ.
އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން ވަނީ މި މައްސަލަ ތަހުގީގުކުރުމަށް ފީފާއަށް ގޮވާލާފައެވެ. ބޮޑުވަޒީރުގެ ތަރުޖަމާނު ވިދާޅުވީ، "ވޯލްޑް ކަޕް އަހަރެމެންނަށް ނުލިބިދާނެ، އެކަމަކު ފޯކްލޭންޑް އައިލެންޑްސްއަކީ ހަމަގައިމުވެސް އަހަރެމެންގެ ތަނެއް. އެ ރަށްތަކާމެދު އަހަރެމެން ގެންގުޅޭ ސިޔާސަތަށް ބަދަލެއް ނާންނާނެ،" ކަމަށެވެ.
1982 ވަނަ އަހަރު ޖެނެރަލް ލިއޮޕޯލްޑޯ ގަލްޓިއޭރީގެ އަސްކަރީ ވެރިކަމުގައި އާޖެންޓީނާއިން ވަނީ އެ ގައުމުގެ އައްސޭރިފަށުން 300 މޭލު ދުރުގައި އޮންނަ މި ރަށްތަކަށް އަރައިގަނެފައެވެ. އެ އަހަރުގެ އޭޕްރީލް މަހުން ޖޫން މަހަށް 74 ދުވަހަށް ދެމިގެންދިޔަ މި ހަނގުރާމައިގައި އާޖެންޓީނާގެ 655 ސިފައިންނާއި އިނގިރޭސިވިލާތުގެ 255 ސިފައިން މަރުވިއެވެ. މީގެ އިތުރުން އެ ރަށްތަކުގެ ތިން އާންމުންވެސް މަރުވިއެވެ.
ފީފާއިން އަޅާފާނެ ފިޔަވަޅުތަކަކީ ކޮބާ؟
2014 ވަނަ އަހަރުވެސް މިފަދަ ބެނާއެއް ހިފައިގެން ތިއްބާ ފެނުމުން، ފީފާއިން ވަނީ އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަން 20،000 ޕައުންޑުން ޖޫރިމަނާކޮށްފައެވެ. ފީފާއިން އޭރު ބުނީ އެއީ ސިޔާސީ އަމަލުތަކާއި ކުޅުންތެރިންގެ އަޚުލާގީ މިންގަނޑާ ޚިލާފު ކަމެއް ކަމަށެވެ.
އާންމުގޮތެއްގައި ފީފާއިން މިފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅަނީ މުބާރާތް ނިމޭތާ ދުވަސްކޮޅެއް ފަހުން ކަމަށްވާތީ، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފިޔަވަޅެއް ފެނުމަކީ ނާދިރު ކަމެކެވެ. ނަމަވެސް، މިއީ ވޯލްޑް ކަޕެއްގެ ތެރޭގައި އަދި މައްސަލަޖެހިފައިވާ ދެ ގައުމުގެ ދެމެދުގައި ކުޅުނު މެޗަކަށްވާތީ، ފީފާއިން މިކަން މާ ސީރިއަސްކޮށް ބެލުމުގެ ފުރުސަތު އެބައޮތެވެ. އެހެންނަމަވެސް، އާޖެންޓީނާއަށް ފައިނަލުން ޖާގަ ގެއްލޭނެ ފަދަ ފިޔަވަޅެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ.
އިނގިރޭސިވިލާތުގެ ލިބަރަލް ޑިމޮކްރެޓް ލީޑަރު އެޑް ޑޭވީ ވަނީ ބެނާ ހިފައިގެން ތިބި ކުޅުންތެރިން ފައިނަލް މެޗަށް ސަސްޕެންޑް ކުރުމަށް ގޮވާލާފައެވެ. އޭނާ ފީފާގެ ރައީސަށް ފޮނުވި ސިޓީގައި، ޔޫރޯ 2024 ގެ ތެރޭގައި "ޖިބްރޯލްޓާ އަކީ ސްޕެއިންގެ ތަނެއް" ކަމަށް ބުނެ އަޑުއުފުލި ސްޕެއިންގެ އަލްވާރޯ މޮރާޓާ އާއި ރޮޑްރީއަށް ޔޫއެފާއިން ދިން އެއް މެޗުގެ ސަސްޕެންޝަންގެ މިސާލު ދައްކާފައިވެއެވެ.
މީގެ އިތުރުން، 2012 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ދެކުނު ކޮރެއާގެ ކުޅުންތެރިޔަކު ސިޔާސީ ބެނާއެއް ހިފައިގެން ހުރުމުން ފީފާއިން އޭނާ ދެ މެޗަށް ސަސްޕެންޑް ކުރި ހާދިސާއެއްވެސް ހިނގާފައިވެއެވެ.
މެޗަށްފަހު ވާހަކަދައްކަމުން އާޖެންޓީނާގެ މިޑްފީލްޑަރު ލިއަންޑްރޯ ޕަރޭޑޭސް ބުނީ ފޯކްލޭންޑްސް ހަނގުރާމައަކީ އެ ގައުމުގެ ތާރީޚުގެ "ހިތާމަވެރި ބައެއް" ކަމަށާއި، މި މެޗަކީ ހަމައެކަނި ފުޓްބޯޅަ މެޗެއް ނޫން ކަމަށެވެ.
އާޖެންޓީނާގެ ނައިބު ރައީސް ވިކްޓޯރިއާ ވިލަރޫއަލް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި "ފޯކްލޭންޑްސްއަކީ އާޖެންޓީނާގެ ތަނެއް" ކަމަށް ވިދާޅުވެފައެވެ. އަދި ދަނޑަށް ބެނާ ވެއްދުން މަނާކުރިޔަސް، އެ ރަށްތަކަކީ އާޖެންޓީނާގެ ރައްޔިތުންގެ ލެޔާއި ހިތާ ގުޅިފައިވާ ތަނެއްކަން ހަނދާން ނައްތާނުލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިނގިރޭސި ސަރުކާރުގެ ވަޒީރު ޕީޓަރ ކައިލް ވިދާޅުވީ އާޖެންޓީނާގެ މި އަމަލަކީ "ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށާއި، ފީފާއިން މިކަން ވަރަށް ރަނގަޅަށް ބަލާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ މެޗުގެ ކުރިން ބުނެފައިވަނީ އޭނާ ފުޓްބޯޅައާއި ސިޔާސީ ކަންކަން މަސްހުނި ނުކުރާނެ ކަމަށެވެ. އޭނާ ބުނީ މިއީ ހަމައެކަނި ފުޓްބޯޅަ މެޗެއް ކަމަށާއި، މީގެ އެތައް އަހަރެއް ކުރިން ހިނގި ހިތާމަވެރި ހާދިސާތަކަށް އިހުތިރާމް ކުރުމުގެ ގޮތުން މި ދެކަންތައް ވަކިކުރަން ޖެހޭނެ ކަމަށެވެ.
މި މެޗު ކުޅެފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ތާރީޚީ ނުތަނަވަސްކަމުގެ ސަބަބުން ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށްގެންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

