ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި، ބާސެލޯނާގެ ކަނާތް ފަޅިން އޭގެ ފަހުން އުފެދުނު އެންމެ އުއްމީދީ ކުޅުންތެރިޔާ، އަންނަ އާދީއްތަ ދުވަހު ބާއްވާ ވޯލްޑް ކަޕް ފައިނަލްގައި އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ މެޗުން ފުރަތަމަ ފަހަރަށް ކުރިމަތިލާނެއެވެ.
ލިއޮނަލް މެސީގެ އުމުރުން މިހާރު 39 އަހަރު ފުރިފައިވާއިރު، ލަމީން ޔަމާލްގެ އުމުރަކީ އެންމެ 19 އަހަރެވެ. މިއީ މެސީގެ ކެތްތެރިކަމާއި ވަރުބަލިކަމެއް ނެތް ހިތްވަރާއި، ލަމީން ޔަމާލްގެ ޅައުމުރުގެ އާދަޔާޚިލާފު ހުނަރުވެރިކަމުގެ ބައްދަލުވުމެކެވެ. ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތުގެ ފައިނަލްގައި މި ދެކުޅުންތެރިން އެކުގައި ފެނިގެންދިއުމަކީ އާދައިގެ ކަމެއް ނޫނެވެ.
ނަމަވެސް، މިއީ މި ދެކުޅުންތެރިން ބައްދަލުވާ ފުރަތަމަ ފަހަރެއް ނޫނެވެ.
މި ދެކުޅުންތެރިން ފުރަތަމަ ބައްދަލުވީ 2007 ވަނަ އަހަރުއެވެ. އެއީ އުމުރުން 20 އަހަރުގެ މެސީ ބާސެލޯނާގެ ފުރަތަމަ އެގާރައިން ގަވާއިދުން ޖާގަ ހޯދަން ފެށި ދުވަސްވަރެވެ. އޭރު ލަމީން ޔަމާލްގެ އުމުރަކީ އެންމެ ފަސް މަހެވެ.
މި ތާރީޚީ ބައްދަލުވުން ފެންނަން އޮތީ ފޮޓޯގްރާފަރު ޖޯން މޮންފޯޓް ނަގާފައިވާ ފޮޓޯ ސީރީޒްއަކުންނެވެ. މި ފޮޓޯތައް އަލުން ދުނިޔޭގެ ސަމާލުކަމަށް އައީ މީގެ ދެ އަހަރު ކުރިން، ލަމީން ޔަމާލް ސްޕެއިންއާއެކު ޔޫރޯ 2024 ކާމިޔާބުކުރި ދުވަސްވަރު، އޭނާގެ ބައްޕަ "ދެ ލެޖެންޑުންގެ ފެށުން" މި އިބާރާތާއެކު ސޯޝަލް މީޑިއާގައި އެ ފޮޓޯ ހިއްސާކުރުމުންނެވެ.
އެ ފޮޓޯތަކުން ފެންނަނީ، ހިނިތުންވެފައި ހުރި މެސީ ކުޑަކުޑަ ފިރިހެން ކުއްޖަކު އުރާލައިގެން ފެންވަރުވަން އިންނަ މަންޒަރެވެ. އޭރު އެއްވެސް މީހަކަށް އެނގިފައި ނެތް ކަމަކީ، އެ ތުއްތު ކުއްޖާ ބޮޑުވެގެން މެސީގެ ފިޔަވަޅުމަތިން ހިނގައި ފުޓްބޯޅައިގެ ދުނިޔެ ހައިރާންކޮށްލާނެ ކަމެވެ.
މޮންފޯޓް ބީބީސީ ސްޕޯޓްސްއަށް ކިޔައިދިން ގޮތުގައި،
"މިއީ މިންވަރުފުޅުގެ ހަގީގީ އަޖައިބެކެވެ."
އޭނާ ސިފަކުރި ގޮތުގައި މިއީ ހީވެސް ނުކުރާ ފަދަ މަތިވެރި، ޚާއްޞަ އިއްތިފާގެކެވެ.
"މިއީ ފިލްމެއްގެ ސްކްރިޕްޓެއްގައި ލިޔުނަސް ގަބޫލުކުރަން ދަތިވާނެ ފަދަ ކަމެއް،"
އޭނާ ބުންޏެވެ.
'ތުއްތު ކުއްޖަކާ މެދު ކަންތައް ކުރާނެ ގޮތެއް މެސީއަކަށް ނޭނގުނު'
މި ފޮޓޯޝޫޓް ކުރިއަށް ދިޔައީ ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމްގެ ޑްރެސިން ރޫމްގައެވެ. ލަމީން ޔަމާލްގެ އާއިލާއަށް މި ފުރުސަތު ލިބުނީ ގުރުއަތަކުންނެވެ.
ލަމީންގެ ބައްޕަ މުނީރު ނަސްރާއީ އަކީ މޮރޮކޯއަށް ނިސްބަތްވާ މީހެކެވެ. މަންމަ ޝީލާ އެބާނާ އަކީ އިކުއެޓޯރިއަލް ގިނީގެ މީހެކެވެ. އެމީހުން ބައްދަލުވީ ކުޑައިރު ކެޓަލޯނިއާއަށް ހިޖުރަކުރުމަށްފަހުއެވެ. ލަމީން އުފަންވިތާ މާގިނަ ދުވަހެއް ނުވަނީސް، ކެޓަލަން ނޫހެއް ކަމަށްވާ 'ސްޕޯޓް' އާއި ބާސެލޯނާގެ ސްޕޮންސަރ ޔުނިސެފް ގުޅިގެން ކުރިއަށްގެންދިޔަ ޗެރިޓީ ގުރުއަތެއްގައި އެ އާއިލާއިން ބައިވެރިވިއެވެ. އެ ގުރުއަތުން ހޮވޭ ކުދިންނަށް ބާސެލޯނާގެ ކުޅުންތެރިއަކާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ލިބިގެންނެވެ.
އިއްތިފާގުން ލަމީންގެ އާއިލާއަށް ދިމާވީ މެސީއެވެ. ފޮޓޯގްރާފަރު މޮންފޯޓް ބުނި ގޮތުގައި، އެ ފޮޓޯގައި އޮތީ ލަމީންކަން އޭނާއަށް އެނގުނީ 2024 ވަނަ އަހަރު އޭނާގެ ރަހުމަތްތެރިއަކު ގުޅާފައި އެ ވާހަކަ ބުނުމުންނެވެ.
"މެސީއަކީ ވަރަށް މަޑުމައިތިރި، ލަދުގަންނަ މިޒާޖެއްގެ މީހެއް. އޭނާ ޑްރެސިން ރޫމަށް ވަދެފައި، ކުއްލިއަކަށް ތުއްތު ކުއްޖަކާއެކު ފޮޓޯ ނަގަން ޖެހުމުން ހާސްވި. އޭނާއަށް އެ ކުއްޖާއާ މެދު ކަންތައް ކުރާނެ ގޮތެއް ނޭނގިފައި ހުރިހެން ހީވި. އެކަމަކު ލަމީންއަކީ ވަރަށް ހިނިތުންވެފައި އޮތް އުފާވެރި ކުއްޖެއް. އެ އާއިލާއަކީ ވަރަށް ނިކަމެތި އާއިލާއެއް ނަމަވެސް، އެމީހުންގެ އަޚުލާގު ވަރަށް ރަނގަޅު،"
މޮންފޯޓް ކިޔައިދިނެވެ.
މެސީގެ އުމުރުން 19 އަހަރުގައި އޭނާ ވަނީ 11 ގޯލް ޖަހައި، ލަލީގާ އާއި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފައެވެ. ނަމަވެސް، މިދިޔަ ހޯމަ ދުވަހު 19 އަހަރު ފުރުނު ލަމީން ޔަމާލް ވަނީ މިހާތަނަށް 56 ގޯލް ޖަހައި، ތިން ފަހަރު ލަލީގާ، އެއް ފަހަރު ކޮޕާ ޑެލް ރޭ އަދި ޔޫރޯ 2024 ކާމިޔާބުކޮށްފައެވެ.
'ޔަމާލް' އަކީ އޭނާގެ އާއިލީ ނަމެއް ނޫނެވެ. އެއީ އޭނާގެ ފުރަތަމަ ނަމުގެ ބައެކެވެ. އޭނާގެ ފުރިހަމަ ނަމަކީ ލަމީން ޔަމާލް ނަސްރާއީ އެބާނާ އެވެ. ޖާޒީގެ ފަހަތުގައި 'ލަމީން ޔަމާލް' ބޭނުންކުރަނީ، އޭނާ އުފަންވީ ދުވަސްވަރު އާއިލާއަށް މާލީ ގޮތުން އެހީތެރިވި ދެ ރަހުމަތްތެރިއެއްގެ ހަނދާނުގައެވެ.
އޭނާ ބޮޑުވީ ބާސެލޯނާގެ އުތުރުގައި އޮންނަ، އާންމު މަސައްކަތްތެރިން ދިރިއުޅޭ ރޮކަފޮންޑާ އަވަށުގައެވެ. ލަމީން ގޯލް ޖެހުމަށްފަހު އޭނާގެ އިނގިލިތަކުން ދައްކާ '304' ނަމްބަރަކީ އެ އަވަށުގެ ޕޯސްޓަލް ކޯޑެވެ.
"އަހަރެންގެ މަންމަ އާއި ބައްޕަ އަހަންނަށްޓަކައި ކޮށްދިން ކަންތައްތަކަކީ، އަމިއްލަ ދަރިއަކަށް މެނުވީ އެހެން މީހަކަށް ކޮށްދެވޭނެ ކަންތައްތަކެއް ނޫން. ފައިސާ ނެތް ހާލަތެއްގައި ކުއްޖަކަށް ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދިނުމަކީ ވަރަށް އުނދަގޫ ކަމެއް. އެކަމަކު އަހަރެންގެ މައިންބަފައިން އެކަން ކޮށްދިން. އެއީ ދުވަހަކުވެސް އަހަންނަށް ބަދަލު ދެވޭނެ ކަމެއް ނޫން،"
ލަމީން ބުންޏެވެ.
ފޮޓޯގްރާފަރު މޮންފޯޓަށް، މި ދެކުޅުންތެރިން ދަނޑުމަތީގައި ބައްދަލުވުމަކީ މީގެ ވިހި އަހަރު ކުރިން ފެށުނު ވާހަކައިގެ އެންމެ ފުރިހަމަ ނިމުމެވެ.
އުމުރުން 58 އަހަރުގެ މޮންފޯޓް ބުނި ގޮތުގައި،
"މިއީ މި ވާހަކައިގެ ބުރު ފުރިހަމަވުން. މިއީ އުފާވެރި ނިމުމެއް."
އޭނާއަކީ ބާސެލޯނާގެ ސަޕޯޓަރަކަށް ވުމާއެކު، މެސީ އޭނާގެ ކެރިއަރު ނިންމާލާއިރު ދެވަނަ ފަހަރަށް ވޯލްޑް ކަޕް އުފުލާލުމަކީ އޭނާ ދެކޭގޮތުގައި މެސީއަށް ހައްގު މިންވަރެކެވެ. އަނެއްކޮޅުން ލަމީން ޔަމާލަކީ އަދި ވަރަށް ޒުވާން ކުޅުންތެރިއަކަށް ވެފައި، އޭނާއަށް ކުރިއަށް އޮތް ތަނުގައި ކާމިޔާބީތައް ހޯދުމުގެ ގިނަ ފުރުސަތުތަކެއް އެބައޮތެވެ.
"އަހަންނަށް ވަރަށް އުނދަގޫ. އަހަރެންގެ ހިތް ވަނީ މި ދެގޮތަށް ދެކަފިވެފައި،"
މޮންފޯޓް އޭނާގެ އިހުސާސްތައް ހިއްސާކުރިއެވެ.




ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

