ލިއޮނަލް މެސީ ތަށި ހޯދި ދެ މުބާރާތެއްގެ ފައިނަލްގައި ރެފްރީކަން ކޮށްފައިވާ އިސްމާއިލް އެލްފާތު، ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އިންގްލެންޑާއި އާޖެންޓީނާ ބައްދަލުކުރާ މެޗުގެ ރެފްރީއަކަށް ހަމަޖައްސައިފިއެވެ.
ޢުމުރުން 44 އަހަރުގެ އެލްފާތު ވަނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޖަޕާނާއި ނެދަލޭންޑްސް ބައްދަލުކުރި މެޗާއި، އުރުގުއާއީ އާއި ސްޕެއިން ބައްދަލުކުރި މެޗުގެ އިތުރުން، ގަދަ 16 ގައި ބްރެޒިލް އަތުން ނޯވޭ މޮޅުވި މެޗުގައިވެސް ރެފްރީކަން ކޮށްފައެވެ.

މި މުބާރާތުގައި އޭނާ މިހާތަނަށް ހަ ރީނދޫ ކާޑު ދައްކާފައިވާއިރު، ސްޕެއިންގެ ޑިފެންޑަރު ޕޯ ކުބާސީއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އުރުގުއާއީގެ މިޑްފީލްޑަރު އަގުސްޓިން ކަނޯބިއޯއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. ކަނޯބިއޯ ދަނޑުން ފޮނުވާލުމުން އޭނާ ވަނީ ރެފްރީއާ ކުރިމަތިލައި، އޭނާގެ ޖާޒީގައި ހިފާފައެވެ.
މިމެޗްގައި އެލްފާތުގެ އެހީތެރިންގެ ގޮތުގައި އެމެރިކާގެ ކޯރީ ޕާކަރާއި ކައިލް އެޓްކިންސް ހަރަކާތްތެރިވާއިރު، ހަތަރުވަނަ ރެފްރީއަކީ އިޓަލީގެ މައުރީޒިއޯ މަރިއާނީއެވެ.
2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި އާޖެންޓީނާ އާއި ފްރާންސް ބައްދަލުކުރި މެޗުގެ ހަތަރުވަނަ ރެފްރީއަކީ އެލްފާތެވެ. އަދި 2023 ވަނަ އަހަރުގެ ލީގްސް ކަޕް ފައިނަލްގައި ނޭޝްވިލް އެސްސީ ބަލިކޮށް އިންޓަ މިއާމީއަށް މެސީ ފުރަތަމަ ތަށި ހޯދައިދިން މެޗުގެ ރެފްރީއަކީވެސް އޭނާއެވެ.
2012 ވަނަ އަހަރުން ފެށިގެން އެމެރިކާގެ މޭޖަރ ލީގް ސޮކާ (އެމް.އެލް.އެސް) ގައި ރެފްރީކަން ކުރަމުން އަންނަ އެލްފާތު ވަނީ ދެ ފަހަރެއްގެ މަތިން އެ ލީގުގެ އެންމެ މޮޅު ރެފްރީގެ މަގާމު ހޯދާފައެވެ.
އަސްލު މޮރޮކޯއަށް އުފަން އެލްފާތު އެމެރިކާއަށް ހިޖުރަކުރީ އުމުރުން 18 އަހަރުގައި "ޑައިވާސިޓީ ވިސާ ލޮޓަރީ" ކާމިޔާބު ކުރުމާ ގުޅިގެންނެވެ.
މީގެއިތުރުން، މަސްލަހަތު ފުށުއަރާފާނެތީ ފީފާއިން ކަނޑައަޅާފައިވާ ގަވާއިދުތަކުގެ ދަށުން، އިންގްލެންޑްގެ ރެފްރީން ކަމަށްވާ މައިކަލް އޮލިވާ އާއި އެންތަނީ ޓޭލަރަށް ވޯލްޑް ކަޕް ފައިނަލްގައި ރެފްރީކަން ކުރުމުގެ ފުރުސަތު ވަނީ ބަންދުވެފައެވެ. ރެފްރީންނަށް އަމިއްލަ ގައުމުގެ މެޗުތަކުގައި ރެފްރީކަން ނުކުރެވޭއިރު، 1982 ވަނަ އަހަރު ހިނގި ފޯކްލޭންޑް ހަނގުރާމައާ ގުޅިގެން އުފެދިފައިވާ ސިޔާސީ ވާދަވެރިކަމުގެ ސަބަބުން، އިނގިރޭސި އަދި އާޖެންޓީނާގެ ރެފްރީންނަށް މި ދެ ގައުމު ބައްދަލުކުރާ މެޗުތަކުގައިވެސް ރެފްރީކަން ނުކުރެވެއެވެ.
ހަމަ މި ސަބަބާ ހުރެ އާޖެންޓީނާގެ ރެފްރީ ފަކުންޑޯ ޓެލޯއަށްވެސް ފައިނަލްގެ ފުރުސަތު ވަނީ ގެއްލިފައެވެ. އަދި ތިންވަނަ ހޮވާ މެޗުގައިވެސް މި ދެ ގައުމުން ކުރެ ގައުމެއް ހިމެނޭނެކަން ކަށަވަރުވެފައިވާތީ، މި ތިން ރެފްރީންނަށް އެ މެޗުގައިވެސް ރެފްރީކަން ނުކުރެވޭނެއެވެ. މި ގަވާއިދުގެ ދަށުން 2022 ވަނަ އަހަރު އާޖެންޓީނާ އާއި ފްރާންސް ބައްދަލުކުރި ފައިނަލް މެޗުގެ ރެފްރީކަން ކުރުމުގެ ފުރުސަތު ޓޭލަރަށް ވަނީ ގެއްލިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

