ވިމްބަލްޑަންގެ ފިރިހެން ސިންގަލްސް ފައިނަލް މެޗު ބަލާލުމަށް، ޕްރިންސް އެންޑް ޕްރިންސަސް އޮފް ވޭލްސްއާ އެކު ޕްރިންސަސް ޝާލޮޓް ފެނިގެންދިޔައިރު، އޭނާގެ ސިފައަށް އައިސްފައިވާ ބަދަލުތަކުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ވަކިން ހާއްސަކޮށް، އޭނާގެ ފުރިހަމަ އިސްތަށިގަނޑު ބަހައްޓާފައި ހުރި ގޮތުން ޝާހީ އާއިލާގެ ސަޕޯޓަރުންގެ ލޯތައް ވަނީ އޭނާއަށް އަމާޒުވެފައެވެ.

އާދީއްތަ ދުވަހު އޯލް އިންގްލެންޑް ކްލަބުގެ ރޯޔަލް ބޮކްސްގައި ޕްރިންސް ވިލިއަމް، ޕްރިންސަސް ކޭޓް އަދި ބޭބެ ޕްރިންސް ޖޯޖާ އެކު ބައިވެރިވި އުމުރުން ދިހަ އަހަރުގެ ޝާލޮޓް ފެނިގެންދިޔައީ ކުރިއަށްވުރެ ބޮޑަށް އިސްތަށިގަނޑު ދިގުކޮށެވެ.
މުށިކުލައިގެ އެ ރީތި އިސްތަށިގަނޑު ބަހައްޓާފައި ހުރީ އޭނާގެ މަންމަ ކޭޓްގެ މަޝްހޫރު ސްޓައިލާ ދާދި އެއްގޮތަކަށް، ރާޅުބާނި ގޮތަކަށް ދޫކޮށްލާފައެވެ.

ޝާލޮޓްގެ "މާމެއިޑް ހެއަރ" ނުވަތަ ރީތި ދިގު އިސްތަށިގަނޑު ކޮނޑުން ތިރިއަށް ފައިބާފައި ހުރިއިރު، މޫނުމަތިން އިސްތަށިތައް ވަނީ ފަހަތަށް އޮމާންކޮށްލާފައެވެ. މިއީ ފާއިތުވި އަހަރުތަކުގައި ޝާހީ އެކި ހަފުލާތަކުގައި ޕްރިންސަސް ކޭޓް އާންމުކޮށް ބޭނުންކުރާ ސްޓައިލެކެވެ. މަންމަ އާއި ދަރިފުޅު އަތުގުޅާލައިގެން ހިނގާފައި ދިޔައިރު، ދެމީހުންގެ ވައްތަރުކަން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ.

މި ހަފުލާގައި ކޭޓް އިޚްތިޔާރު ކުރެއްވީ ޒައިތޫނި ފެހިކުލައިގެ ފޭރާމެކެވެ. ޝާލޮޓް ފެނިގެންދިޔައީ ނޫކުލައިގެ ހެދުމެއްގައެވެ. މީގެ ކުރިން އާންމުކޮށް ޝާލޮޓް ފެންނަނީ އިސްތަށިގަނޑު ގަތާފައި ނުވަތަ އައްސާފައި ހުއްޓާ ކަމަށްވީ ނަމަވެސް، މިފަހަރު އޭނާ ފެނުނީ ކުރިއަށްވުރެ ބޮޑުކޮށް، މަންމަ ފަދަ ސްޓައިލިޝް ގޮތަކަށެވެ.
ވިމްބަލްޑަންގެ މެޗު ބަލަމުން ދިޔައިރު، ޝާލޮޓާއި ޖޯޖް ތިބީ ވަރަށް ޝައުގުވެރިކަމާއެކު ކުޅިވަރަށް ސަމާލުކަން ދީގެންނެވެ. ކުޅުންތެރިންނަށް ހިތްވަރުދީ އަތްތިލަބަޑި ޖަހަމުން ދިޔައިރު، ކެމެރާތަކުގެ ފޯކަސް ހުރީ އެ ދަރިފުޅުގެ މޫނުމަތިން ފެންނަމުންދިޔަ ޝުޢޫރުތަކަށެވެ.

ޕްރިންސަސް ކޭޓަކީ ވިމްބަލްޑަންގެ އެންމެ ފާހަގަކޮށްލެވޭ "ސްޓައިލް އައިކަން" އެކެވެ. އަދި ޝާލޮޓް މިހާރު ތައްޔާރުވަމުންދަނީ މަންމަގެ އެ ރީތި ނަމޫނާގައި ފައިތިލަ ސާބިތުކުރުމަށް ކަމަށް ބެލެވެއެވެ. ކޭޓްގެ މަޑު ރާޅުބާނި އިސްތަށިގަނޑަކީ އޭނާގެ ސިފަ ރަމްޒުކޮށްދޭ އެއް ކަންތައް ކަމަށްވާއިރު، ޝާލޮޓްގެ ފަހުގެ ފެނިލުމުން ދޭހަވަނީ އޭނާވެސް އެފަދަ ސްޓައިލަކަށް ލޯބިކުރާ ކަމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

