އާޖެންޓީނާ އާއި ސްވިޒަލޭންޑް ބައްދަލުކުރި ވޯލްޑް ކަޕް ކުއާޓަރ ފައިނަލް މެޗުގައި، ރެފްރީގެ ނިންމުންތައް އާޖެންޓީނާ ކޮޅަށް ބުރަވެފައިވާ ކަމަށް ބުނެ ސްވިޒަލޭންޑުގެ ކުޅުންތެރިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
އަދި މީގެ އިތުރަށް ލިއޮނަލް މެސީ އާއި އާޖެންޓީނާ ސެމީ ފައިނަލަށް ދަތުރުކުރީ ރެފްރީގެ އެހީތެރިކަމާއެކު ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އިނގިރޭސިވިލާތާ ދެކޮޅަށް ސެމީ ފައިނަލުގައި ކުޅުމުގެ ފުރުސަތު އާޖެންޓީނާއަށް ލިބުނު މި މެޗުގައި، ސްވިޒަލޭންޑުގެ ފޯވާޑް ބްރީލް އެމްބޯލޯއަށް ވަނީ ރެފްރީ ރަތް ކާޑު ދައްކާފައެވެ. މިއީ "މިސްޓޭކަން އައިޑެންޓިޓީ" ނުވަތަ ކުޅުންތެރިޔާ އޮޅުވުމުގެ އައު ގަވާއިދުގެ ދަށުން ދެއްކި ރަތް ކާޑެއް ކަމަށް ބުނެވޭއިރު، މިއީ ވޯލްޑް ކަޕް ތާރީޚުގައި މި ގަވާއިދުގެ ދަށުން ދެއްކި ފުރަތަމަ ރަތް ކާޑެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ސްކޯ 1-1 އިން އެއްވަރުވެފައި އޮއްވައި، އެމްބޯލޯއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކީ އޭނާ "ޑައިވް" ކުރި ކަމަށް ވީއޭއާރު އިން ނިންމުމާ ގުޅިގެންނެވެ. ނަމަވެސް ސްވިޒަލޭންޑުން ބުނަނީ އެއީ އާޖެންޓީނާގެ ލެއަންޑްރޯ ޕަރޭޑޭސް ކުރި ފައުލެއް ކަމަށެވެ.
ސްވިޒަލޭންޑުގެ ޑިފެންޑަރު މެނުއަލް އަކަންޖީ ބުނި ގޮތުގައި، މެޗުގެ ހުރިހާ ކަމެއް ނިންމަމުން ދިޔައީ އެމީހުންނާ ދެކޮޅަށެވެ. އަދި އޭނާގެ ފުޓްބޯޅަ ކެރިއަރުގައި މިހާ ބޮޑަށް ރެފްރީ އެއްކޮޅަށް ޖެހިފައި އޮތް މެޗެއް ތަޖުރިބާކޮށްފައި ނުވާ ކަމަށް އޭނާ ބުންޏެވެ. ކޯޗު މުރާތު ޔަކިންވެސް ވަނީ ރެފްރީގެ ނިންމުންތަކަކީ އެއްވެސް ބުއްދިއަކަށް ގަބޫލުކުރެވޭނެ ނިންމުންތަކެއް ނޫން ކަމަށް ބުނެފައެވެ.
މި މައްސަލަ އިތުރަށް ހޫނުވެފައިވަނީ، މިދިޔަ ބުރުގައި އާޖެންޓީނާ އަތުން ބަލިވި މިސްރުންވެސް މެޗު މިގޮތައް ރޭވިފައިވާ ކަމަށް ތުހުމަތުކޮށްފައި ވަނިކޮށެވެ. މިސްރުގެ ކޯޗު ހުސާމް ހަސަން ބުނި ގޮތުގައި މުޅި ދުނިޔެއަށްވެސް އެ މެޗު އޮތީ "ރިގް" ކޮށްފައި ނުވަތަ ނަތީޖާ ކުރިން ނިންމާފައިކަން ފެނިގެންދިޔައެވެ.

ފީފާގެ ރެފްރީންގެ އިސްވެރިޔާ ޕިއަރލުއިޖީ ކޮލީނާ މި ތުހުމަތުތައް ދޮގުކުރެއްވި ނަމަވެސް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ "މިރޭ އަހަރެން އާޖެންޓީނާއަށްޓަކައި ދެރަވި" ކަމަށް ވިދާޅުވުމުން، މެސީ އާއި އާޖެންޓީނާއަށް ފީފާއިން ވަކި ގޮތްތަކެއް ހަމަޖައްސައިދެމުންދާ ކަމަށް ބުނެ ކުރެވޭ ތުހުމަތުތައް ވަނީ އިތުރަށް ވަރުގަދަވެފައެވެ.

ސްވިޒަލޭންޑުގެ ކެޕްޓަން ގްރޭނިޓް ޒާކާ ބުނީ މިފަދަ ނިންމުންތަކުގެ ސަބަބުން ފުޓްބޯޅަ "މަރާލަމުން" ދާ ކަމަށެވެ
10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ސްވިޒަލޭންޑް ކޮޅަށް އާޖެންޓީނާގެ ދެވަނަ ލަނޑު ޖުލިއަން އަލްވަރޭޒް ކާމިޔާބުކޮށްދިނީ 112 ވަނަ މިނެޓުގައެވެ. އަދި މެޗުގެ ފަހު ވަގުތު ލައުޓާރޯ މާޓިނޭޒް ވަނީ ތިންވަނަ ލަނޑު ޖަހައި އާޖެންޓީނާ ސެމީ ފައިނަލަށް ގެންގޮސްދީފައެވެ.
ސްވިޒަލޭންޑުގެ ކުޅުންތެރިން ގަބޫލުކުރާ ގޮތުގައި 11 ކުޅުންތެރިންނާއެކު މެޗު ކުރިއަށް ދިޔަނަމަ، މެޗުގެ ނަތީޖާ ނުކުންނާނީ އެމީހުންގެ ކޮޅަށެވެ. ނަމަވެސް ރެފްރީގެ "ބޭއިންސާފު" ނިންމުންތަކުގެ ސަބަބުން އެމީހުންގެ ވޯލްޑް ކަޕް ދަތުރު މިވަނީ ހިތްދަތި ގޮތަކަށް ނިމުމަކަށް އައިސްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

