އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމައަކީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައި އޮންނަންޖެހޭ މުޖުތަމައެކެވެ. ނަމަވެސް، ފަހަކަށް އައިސް ސިޔާސީ ހަލަބޮލިކަމާއި ޒާތީ ހަސަދައިގެ އޮއިވަރު މިވަނީ ނުހަނު ގަދަވެފައެވެ. މީގެ ސަބަބުން އިޖުތިމާއީ ފޭރާމަށް ބޮޑެތި ލޮޅުންތަކެއް އަރައި، އިންސާނީ ގުޅުންތަކަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.
އޮފީސް މާހައުލުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނާއި، ގާތް ރަހުމަތްތެރިންގެ މެދުގައި އޮންނަ ގުޅުންތަކަށް ބަލާއިރު، މިއަދު ފެންނަނީ ހިތާމަވެރި މަންޒަރެކެވެ. މީހަކު ކޮށްދޭ ހެޔޮކަމެއް ނުވަތަ ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ބަދަލުގައި، ސިޔާސީ ގޮތުން ވަކި ފަރާތަކާ ޖެހުމުން ނުވަތަ އަމިއްލަ އެދުމެއް ކުރިމަތިވުމުން، އެ ހުރިހާ ކަމެއް ހަނދާން ނައްތާލައެވެ. ކުރިން ވެދިން އެހީތެރިކަމާއި ފޯރުކޮށްދިން އެއްބާރުލުމުގެ ބަދަލުގައި ފެންނަނީ ފާޑުކިޔުމާއި އިހާނެތިކޮށް ހިތާ މަންޒަރެވެ. މިއީ މުޖުތަމައުގައި އަށަގަންނަމުންދާ ވަރަށް ނުރައްކާތެރި އާދައެކެވެ.
މިފަދަ އަމަލުތަކުން ހަނދާންކޮށްދެނީ ކީރިތި ގުރުއާނުގައި އިންސާނާގެ ތަބީއަތާ ގުޅޭގޮތުން އައިސްފައިވާ މާނަވީ ބަސްފުޅުތަކެވެ. ހަމަކަށަވަރުން އިންސާނާ ހެއްދެވިފައިވަނީ ދަހިވެތިކަން ބޮޑު، ކެތްތެރިކަން ކުޑަ މީހެއްގެ ގޮތުގައެވެ. މީހަކު ކިތަންމެ ގިނަ ހެޔޮކަމެއް ކޮށްދިނަސް، އަމިއްލަ އެދުމުގެ މައްޗަށް ދަހިވެތިކަން އިސްވުމުން، ކުރިން ކޮށްދިން ހެޔޮކަންތައްތައް ހިނދުކޮޅެއްގެ ތެރޭގައި ހަނދާން ނެތިގެންދެއެވެ. މިއީ އިންސާނާގެ ނަފްސުގެ ބަލިކަށިކަން ހާމަކޮށްދޭ ކަމެކެވެ.
މިފަދަ ޒާތީ ހަސަދަވެރިކަމާއި ސިޔާސީ ގޮންޖެހުންތަކުގެ ތެރޭގައިވެސް، އަޅުގަނޑުމެންގެ ތެރެއިން ބައެއް ފަރާތްތަކުން ދައްކަމުންދަނީ ނަމޫނާ ކެތްތެރިކަމެކެވެ. ކުރާ މަސައްކަތުގެ އަގުވަޒަން ނުކުރާ ބޭފުޅުންގެ ފަރާތުން ކިތަންމެ ބޮޑު ނުރުހުމެއް އަމާޒުވި ނަމަވެސް، އެކަންކަމަށް ސަމާލުކަން ނުދީ، ސާބިތުކަމާއެކު ކުރިއަށްދާ ފަރާތްތައް މަދެއް ނޫނެވެ. މިފަދަ ފަރާތްތަކުން ދައްކުވައިދެނީ އިހުލާސްތެރިކަމާއެކު ކުރާ މަސައްކަތެއްގެ ނަތީޖާ ދުވަހަކުވެސް ބޭކާރުވެގެން ނުދާނެކަމެވެ.
މުޖުތަމައެއް ކުރިއަރާނީ އެކަކު އަނެކަކަށް އިހުތިރާމްކޮށް، ކުރާ މަސައްކަތުގެ އަގުވަޒަންކޮށްގެންނެވެ. ސިޔާސީ ފިކުރާއި އަމިއްލަ އެދުމަށްވުރެ، އިންސާނިއްޔަތުކަމާއި އިސްލާމީ ރީތި އަހުލާގު އިސްކުރުމަކީ މިއަދު އަޅުގަނޑުމެންނަށް ނުހަނު ބޭނުންތެރި ކަމެކެވެ. ކެތްތެރިކަމާއެކު ހިދުމަތުގައި ދެމިތިބޭ ފަރާތްތަކުގެ އަގު، މުޖުތަމައުގެ ބޮޑު ބަޔަކު އަބަދުވެސް ބަލައިގަންނާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

