ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ފަރަންސޭސިވިލާތާއި މޮރޮކޯ ބައްދަލުކުރާއިރު، މިއީ ހަކީމީ އާއި އެމްބާޕޭގެ ކުރިމަތިލުމަކަށް ވެސް ވެގެންދާނެއެވެ. އޮޕްޓާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މެޗުން މޮޅުވުމުގެ ފުރުސަތު ބޮޑީ ފަރަންސޭސިވިލާތަށެވެ.
ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް މަރުހަލާ މިރޭ ފެށިގެންދާނީ ފަރަންސޭސިވިލާތާއި މޮރޮކޯ ބައްދަލުކުރާ ފޯރިގަދަ މެޗުންނެވެ.
"އެޓްލަސް ލަޔަންސް" ގެ ނަމުން މަޝްހޫރު މޮރޮކޯ ޓީމުގެ އަމާޒަކީ 2022 ވަނަ އަހަރުގެ ސެމީ ފައިނަލުގައި ފަރަންސޭސި އަތުން ވީ ބަލީގެ ބަދަލުހިފައި، މިފަހަރުގެ ސެމީ ފައިނަލުން ޖާގަ ހޯދުމެވެ.

2022 ވަނަ އަހަރު ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕްގެ ސެމީ ފައިނަލަކީ ބައިނަލްއަގުވާމީ ރަސްމީ މުބާރާތެއްގައި މި ދެ ގައުމު ބައްދަލުކުރި ފުރަތަމަ ފަހަރެވެ. އެ މެޗު 2-0 އިން ކާމިޔާބުކުރީ ފަރަންސޭސިވިލާތެވެ. އެ މެޗުގައި ލަނޑުތައް ކާމިޔާބުކޮށްދިނީ ތިއޯ ހަނާންޑޭޒް އާއި ރަންޑަލް ކޯލޯ މުއާނީ އެވެ. މިއާއެކު މޮރޮކޯއިން އެ މުބާރާތުގައި ކުރަމުންދިޔަ އުންމީދީ ދަތުރު ނިމުމަކަށް އައެވެ.
މީގެ އިތުރުން މި ދެ ގައުމު ވަނީ އެކުވެރިކަމުގެ ފަސް މެޗެއްގައި ބައްދަލުކޮށްފައެވެ. މީގެ ތެރެއިން ތިން މެޗުން ފަރަންސޭސިވިލާތް މޮޅުވިއިރު، އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެހެންކަމުން މޮރޮކޯއާ ދެކޮޅަށް ފަރަންސޭސިވިލާތް އަދި ބަލިވެފައެއް ނުވެއެވެ.
އޮޕްޓާ ސުޕަ ކޮމްޕިއުޓަރުގެ ލަފާކުރުންތަކަށް ބަލާއިރު، މެޗުން މޮޅުވުމުގެ ފުރުސަތު ބޮޑީ ފަރަންސޭސިވިލާތަށެވެ. 25،000 ފަހަރު މި މެޗުގެ ނަތީޖާ ސިމިއުލޭޓް ކުރިއިރު، 61.7 އިންސައްތަ ފަހަރު ކުރިހޯދީ ފަރަންސޭސިވިލާތެވެ. މޮރޮކޯއަށް މޮޅުވުމުގެ އޮތީ 16.2 އިންސައްތަ ފުރުސަތެކެވެ. އަދި 22.1 އިންސައްތަ ފަހަރު މެޗު އެއްވަރުވާނެ ކަމަށް ދައްކައެވެ. މެޗު އެއްވަރުވެއްޖެނަމަ، ނަތީޖާ ނެރުމަށްޓަކައި އިތުރު ވަގުތު ކުޅެ، ޕެނަލްޓީ ޖަހަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
ހަތަރު އަހަރު ފަހުންވެސް ފަރަންސޭސިވިލާތަކީ މޮޅުވާނެ ކަމަށް ބެލެވޭ ޓީމު ކަމަށް ވިޔަސް، މޮރޮކޯއަކީ މިހާރު ދުނިޔޭގެ ފުޓްބޯޅައިގައި ބޮޑު ބާރެއްގެ ގޮތުގައި ބެލެވޭ، މުބާރާތް ކާމިޔާބުކުރުމުގެ ގާބިލުކަން ހުރި ޓީމެކެވެ.
"މިއަދު އަހަރެމެންނަކީ ހަމައެކަނި ހައިރާންކުރުވަނިވި ނަތީޖާއެއް ނެރޭ ބައެއް ނޫން. އެއީ އަހަރެމެން ފަޚުރުވެރިވާ ކަމެއް،"
ގަދަ 16 ގައި ކެނެޑާ އަތުން 3-0 އިން މޮޅުވި މެޗަށްފަހު މޮރޮކޯގެ ކޯޗު މުހައްމަދު އުއާބީ ބުންޏެވެ. އޭނާ އިތުރަށް ބުނީ މިއީ ހަމައެކަނި ފެށުމެއް ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި ވެސް މިފަދަ ކާމިޔާބީތައް ހޯދުމަށް އުންމީދުކުރާ ކަމަށެވެ.
ނަމަވެސް ފަރަންސޭސި އަތުން ބަދަލުހިފުމަކީ މޮރޮކޯގެ މައިގަނޑު މަގުސަދެއް ނޫން ކަމަށާއި، އެމީހުންގެ އަމާޒަކީ ވީހާވެސް ކުރިއަށް ގޮސް ގައުމަށް ރީތި ނަން ހޯދައިދިނުން ކަމަށް އޭނާ ބުންޏެވެ.
މޮރޮކޯގެ ކެޕްޓަން އަޝްރަފް ހަކީމީ ބުނިގޮތުގައި، ދަނޑުމަތީގައި ބައްދަލުކުރާއިރު އެކުވެރިކަން އެއްފަރާތް ކުރަންޖެހޭނެއެވެ. އޭނާ ބުނީ ދަނޑުމަތީގައި ހިނގާ ކަންތައްތަކާއި ދަނޑުން ބޭރުގައި އޮންނަ ގުޅުމަކީ މުޅިން ތަފާތު ދެ ކަމެއް ކަމަށެވެ.
ހަކީމީ މިހެން ބުނީ ފަރަންސޭސި ކެޕްޓަން ކީލިއަން އެމްބާޕޭ އާއި އޭނާއާ ދެމެދު އޮތް ގާތް އެކުވެރިކަމަށް އިޝާރާތްކޮށް، މޮރޮކޯގެ މަޖާ ވީޑިއޯ އުފައްދާ މީހެއް ކަމަށްވާ މީމޯ ލަޒްރާގް ކުރި ސަމާސާ އަކާ ގުޅިގެންނެވެ. ލަޒްރާގް ވަނީ އެމްބާޕޭއަކީ ހަގީގީ އެކުވެރިއެއްނަމަ، ގަތަރުގައި ވީ ބަލީގެ ބަދަލުހިފުމަށް ހަކީމީއަށް ފުރުސަތު ދޭނެ ކަމަށް ބުނެ ސަމާސާކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

