ބ. ހިތާދޫ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ރަށުގެ ރައްޔިތުން ފަޚުރުވެރިކަމާއެކު އަލިމަސް ޔޫބިލް ފާހަގަކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މިފަދަ ތާރީޚީ މުނާސަބަތެއް ފާހަގަކުރަމުންދާއިރު، މީގެ އަހަރުތަކެއް ކުރިން އައްޑޫ މީދޫގެ ޝަމްސުއްދީން ސްކޫލަށްވެސް 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރި ހަނދާންތައް އާވެގެންދެއެވެ. ނަމަވެސް، މި ދެ ރަށުގެ ތަޢުލީމީ ބިނާތަކަށް މިއަދު ކުރިމަތިވެފައިވަނީ ދެ ބާވަތެއްގެ ނަތީޖާއެކެވެ.
ޝަމްސުއްދީން ސްކޫލަކީ މީދޫގެ ތަޢުލީމީ ބިންގާ ކަމުގައިވީ ނަމަވެސް، އެ ސްކޫލަށް 75 އަހަރު ފުރުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސް، ރަށުގެ ތަޢުލީމީ ދާއިރާ އިތުރަށް ކުރިއަރާނީ އެ ސްކޫލް އުވާލައި، ދަރިވަރުން އަތޮޅު މަދަރުސާއަށް ބަދަލުކޮށްގެން ކަމަށް ބުނެ ރަށުގެ ބައެއް ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ވަކާލާތުކޮށްފައެވެ. މިކަމުގެ ސަބަބުން ސަރުކާރަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވެ، އެންމެ ފަހުން ތާރީޚީ ޝަމްސުއްދީން ސްކޫލް ވަނީ އުވާލާފައެވެ.
މި ނިންމުމުގެ ސަބަބުން ރަށުގެ ތަޢުލީމީ ޗާޓަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، ފާހަގަކޮށްލެވޭ ހިތާމަވެރި އެއް ކަމަކީ، އެދުވަހު އެ ސްކޫލް އުވާލުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބައެއް ބެލެނިވެރިން، އެމީހުންގެ ދަރިންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ހޯދައިދިނުމަށްޓަކައި މިހާރު ރަށް ދޫކޮށް މާލެއަށް ހިޖުރަކޮށްފައިވާ ކަމެވެ. މިއީ އެދުވަހު ނިންމި ނިންމުމާމެދު ސުވާލު އުފެދޭ ކަމެކެވެ.
މީގެ އިތުރުން، ޝަމްސުއްދީން ސްކޫލް އުވާލުމަށް އޭރު "ކެނޑިނޭޅި" މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން، މިއަދު މީދޫގެ ތަރައްޤީއާއި ކުރިއެރުމަށް ވަކާލާތުކުރާ މީހުންގެ ގޮތުގައި ތިބެ، ރަށުގެ އިންތިޚާބީ މަޤާމުތަކަށް ހޮވިފައިވާކަން ފާހަގަކުރެވެއެވެ. މިއީ ރަށުގެ މުސްތަޤުބަލަށްޓަކައި އިޚުލާޞްތެރިކަމާއެކު މަސައްކަތްކުރާ ބަޔަކު ކަންކަން ކުރާނޭ ގޮތްތޯ މިއަދު އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ.
ކޮންމެ ރަށެއްގައިވެސް އެ ރަށެއްގެ ނަމާއި ތާރީޚާ ގުޅިފައިވާ ސްކޫލަކީ އެ ރަށެއްގެ ދިރުމެވެ. އެފަދަ މުއައްސަސާއެއް އުވާލުމަށް ރަށަށް ހެޔޮއެދޭ، ރަށުގެ ތަރައްޤީއަށް ލޯބިކުރާ ބަޔަކު މަސައްކަތް ކޮށްފާނެ ކަމަކަށް ބުއްދި ގަބޫލެއް ނުކުރެއެވެ.
ބ. ހިތާދޫ ސްކޫލްގެ 75 އަހަރު ފާހަގަކުރަމުންދާއިރު، އެ ރަށުން ފެންނަނީ އެއްބައިވަންތަކަމާއި ތަޢުލީމީ ބިނާގެ އަގުވަޒަންކުރުމުގެ ރިތި ނަމޫނާއެކެވެ. ނަމަވެސް، މީދޫގެ ތަޖުރިބާއިން ދަސްކޮށްދެނީ، އަމިއްލަ އެދުމާއި ސިޔާސީ ފިކުރު އިސްކުރުމުގެ ސަބަބުން ރަށެއްގެ ތާރީޚީ ބިނާއެއް ފަނާވެގެން ގޮސްފައިވުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

