އައްޑޫސިޓީއަކީ ޖިއޮގްރަފީ ގޮތުން ބަލާއިރު ރާއްޖޭގެ އެހެން އަތޮޅުތަކާ ތަފާތު ބައްޓަމަކަށް އޮންނަ ސިޓީއެކެވެ. ސިޓީގެ ބޮޑު ބައެއް އެއްގަމު މަގުން ގުޅިފައި އޮތް ނަމަވެސް، ހުޅުދޫ އަދި މީދޫއަކީ މި ގުޅިފައިވާ ރަށްތަކާ ވަކިން، ކަނޑުގެ މަގުން ދަތުރުކޮށްފައި ދާންޖެހޭ ދެ ރަށެވެ. މި ސަބަބަށްޓަކައި މި ދެ ރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހުރިހާ ޒަރޫރީ ބޭނުންތަކެއް ބިނާވެފައިވަނީ ކަނޑުދަތުރުފަތުރުގެ ނިޒާމުގެ ހަރުދަނާކަމުގެ މައްޗަށެވެ.

ދަތުރުފަތުރުގެ ނިޒާމާއި ކުރިމަތިވެފައިވާ ގޮންޖެހުންތައްއެމް.ޓީ.ސީ.ސީގެ ފަރާތުން އައްޑޫގައި އާންމު ދަތުރުފަތުރުގެ ހިދުމަތް ދެމުންދިޔަ ނަމަވެސް، މިހާރު ކަނޑައެޅިފައިވާ ޝެޑިއުލްތަކުގެ ސަބަބުން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް އުފުލަންޖެހިފައިވަނީ ބަޔާންކުރަންދަތި ތަކުލީފުތަކެކެވެ. ކޮންމެ ދުވަހަކުވެސް ސިއްހީ ފަރުވާއަށާއި އެހެނިހެން މުހިންމު ބޭނުންތަކަށް ގުޅިފައިވާ ރަށްތަކަށް ދާންޖެހޭ މީހުންނަށް މިހާރުގެ ނިޒާމު އޮތީ ބޮޑު ގޮންޖެހުމަކަށް ވެފައެވެ.
ވަކިން ހާއްސަކޮށް، ހިތަދޫގައި ހުންނަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ދައްކަންދާ ބަލިމީހުންނަށް އޮތް އެންމެ ބޮޑު އެއް ދަތިކަމަކީ، ބައެއްފަހަރު ސީދާ ހިތަދުއަށް ޝެޑިއުލްކޮށްފައިވާ ލޯންޗުން ޖާގަ ނުލިބިގެން ލޯންޗުން ފޭދޫ ރޫޓުން ޓިކެޓް ނަގައިގެން ފޭދުއަށް ފޭބުމަށްފަހު ހިތަދުއަށް ދިއުމަށް ބަހުގެ ހިދުމަތް އެކަށީގެންވާ ގޮތެއްގައި ގުޅުވާލެވިފައި ނެތުމެވެ.
މިކަމުގެ ނަތީޖާއެއްގެ ގޮތުން، ލޯންޗުން ފައިބާ ކޮންމެ މީހަކަށްވެސް މަޖުބޫރުވަނީ ބޮޑު އަގުދީފައި ޓެކްސީއެއް ހޯދުމަށެވެ. ފޭދޫން ހިތަދުއަށް ދިއުމަށް ގާތްގަނޑަކަށް 200 އެއްހާ ރުފިޔާ ޓެކްސީއަށް ހޭދަކުރަންޖެހުމަކީ އާންމު ރައްޔިތެއްގެ ޖީބަށް އޮތް ވަރަށް ބޮޑު ބުރައެކެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިހާރުގެ ޝެޑިއުލްތައް ރޭވިފައި ހުރީ ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަކަށް ނޫނެވެ. އޭގެ ބަދަލުގައި، މިއީ ޓެކްސީ ދުއްވާ ފަރާތްތަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް، އާންމު ދަތުރުފަތުރުގެ ނިޒާމު ފެއިލްކޮށްލާފައިވާ ފަދަ އިންތިޒާމެކެވެ.
ދަތުރުފަތުރުގެ ނިޒާމަށް އައިސްފައިވާ މި ބަދަލުތަކުގެ ސަބަބުން ހަމައެކަނި ސިއްހީ ދާއިރާއަށް ނޫނެވެ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ވަޒީފާގެ ފުރުސަތުތަކަށްވެސް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. މީގެ ކުރިން ގަން އިންޓަނޭޝަނަލް އެއާޕޯޓާއި، ގަމުގެ އެކި މުއައްސަސާތަކުގައި މި ދެ ރަށުގެ ގިނަ އަދަދެއްގެ ޒުވާނުންނާއި ރައްޔިތުން ވަޒީފާ އަދާކުރަމުން ދިޔައެވެ. ނަމަވެސް، މިހާރު އެ އަދަދު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. ވަޒީފާއަށް ދިއުމަށްޓަކައި ކުރަންޖެހޭ ދަތުރުގެ ހަރަދު ބޮޑުވުމާއި، މުސާރައިގެ ބޮޑު ބައެއް ދަތުރުފަތުރަށް ހޭދަކުރަންޖެހުމުން ގިނަ ބަޔަކަށް ވަނީ ވަޒީފާ ދޫކޮށްލަން މަޖުބޫރުވެފައެވެ.
މި ހާލަތުގައި އެންމެ ހިތާމަވެރި އަދި ބޭއިންސާފު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ، ހިތަދޫން ހުޅުދޫގައި ހުންނަ މަސްފެކްޓްރީއަށް ވަޒީފާއަށް އަންނަ މަދު މީހުންނަށްޓަކައި ލޯންޗު ޝެޑިއުލް ކޮށްފައިވާ ކަމެވެ. ގާތްގަނޑަކަށް ހަ މީހުންގެ މަސްލަހަތަށް ބަލައި، އެމީހުން ވަޒީފާއަށް އަންނަ ގަޑިއަށާއި ނިމޭ ގަޑިއަށް ލޯންޗު ހަމަޖެހިފައިވާއިރު، ހުޅުދޫ މީދޫގެ އެތައް ސަތޭކަ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް އިސްކަން ނުދެވޭ ކަމީ ބޮޑު ކަންބޮޑުވުމެކެވެ.
ހަގީގީ މާނައިގައި އާންމު ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރެވޭނީ، ކަނޑުގެ ދަތުރާއި އެއްގަމު ދަތުރު ފަސޭހަކަމާއެކު ގުޅުވާލެވިގެންނެވެ. ލޯންޗު ލަފާ ގަޑިތަކާ ދިމާކޮށް ހިތަދުއަށް ދާނެ ބަހެއް ބަނދަރު ސަރަހައްދުގައި ތައްޔާރަށް އޮތުމަކީ ހުޅުދޫ މީދޫ ރައްޔިތުން މިއަދު ކުރާ އެންމެ ބޮޑު އުންމީދެވެ. ވީމާ، ހުޅުދޫއާއި މީދޫގެ ރަށު ކައުންސިލުން ކަމާބެހޭ ފަރާތްތަކާއި ވާހަކަ ދައްކައިގެން މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދީ، ދަތުރުފަތުރުގެ ލުއިފަސޭހަކަން ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީ މިއަދު އެންމެ މުހިންމު ބޭނުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

