އުޒްބެކިސްތާން އަތުން ޕޯޗުގަލް މޮޅުވި މެޗުގައި މުހިންމު ދައުރެއް އަދާކުރެވުނު ކަމަށް ހީކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ "އަހަރެން މިއައީއޭ" ބުނެ ގަދަބަސް ބުނިނަމަވެސް ނަމަވެސް، އެއީ މާބޮޑު ކަމެއްގެ ގޮތުގައި ބެލެވޭކަށް ނެތެވެ. އެއީ ކޮލަމްބިއާއި ދެކޮޅަށް ޕޯޗްގައި ކުޅުނުމެޗްގައި ކޮލަމްބިއާގެ ކުޅުންތެރިން ވަނީ އޭނާ ވަރަށް ފަސޭހަކަމާއެކު ހިފަހައްޓާފައެވެ. މިއާއިއެކު ޕޯޗުގަލްގެ ކާމިޔާބީއަށް ރޮނާލްޑޯ ޓީމުގައި ހުރުމަކީ ހުރަހަކަށް ނުވާނެކަން ސާބިތުކޮށްދިނުމަށް ރޮނާލްޑޯ އަދި ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ.
41 އަހަރުގެ ރޮނާލްޑޯއަށް މިހާރު ކުރިމަތިވެފައިވަނީ އުމުރުން ދުވަސްވުމުގެ ގޮންޖެހުމެވެ. އުޒްބެކިސްތާން ބަލިކުރުމަށްފަހު އޭނާ ކެމެރާ ކުރިމަތީގައި ބުނި ބަސްތަކަށްވުރެ، "ޓްރެއިންސްޕޮޓިންގ" ފިލްމުގައި ބުނާ ބަހެއް މިހާލަތާ މާ ބޮޑަށް ގުޅެއެވެ. އެއީ
"އެއް އިރެއްގައި ހުރިހާ ހުނަރެއް ހުރެދާނެއެވެ. ނަމަވެސް އެ ބާރު ކެނޑުމުން ދެން އެއީ އަބަދަށްޓަކައި ގެއްލިދާނެ އެއްޗެކެވެ."
މިއަދު ރޮނާލްޑޯގެ ނަން ހިމެނެނީ މާޒީގެ މޮޅެތި ތަރިންގެ ލިސްޓުގައެވެ. އޭނާ ބޭނުންވަނީ ލިއޮނަލް މެސީ، ކީލިއަން އެމްބާޕޭ އަދި އާލިންގ ހާލަންޑް ފަދަ މިހާރުގެ ތަރިންނާ އެއް ސަފެއްގައި ހިމެނުމަށެވެ. އެއީ އެއް އިރެއްގައި އޮތް ހަގީގަތެއް ނަމަވެސް، މިއަދު އެއީ ގަބޫލުކުރަން އުނދަގޫ ކަމެކެވެ.
" ތިން މެޗުގެ ތެރެއިން ދެ މެޗުގައި އުނދަގޫތަކަކާ ކުރިމަތިލާންޖެހުނު ޕޯޗުގަލް ޓީމުގެ ފަރާތުން މިއަށްވުރެ ރަނގަޅު ކުޅުމެއް ފެންނަން ޖެހޭނެ " ޕޯޗްގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ކޮލަންބިޔާގެ މެޗަށް ފަހު ނޫސްވެރީންނާ ވާހަކަ ދައްކަމުން ބުނެފައިވެއެވެ.
މާޓިނޭޒް ބުނި ގޮތުގައި، ޕޯޗުގަލްއަށް މެޗު ކޮންޓްރޯލް ކުރަން ބޭނުންވި މިންވަރަށް ބޯޅަ ހިފަހައްޓައެއް ނުލެވުނެވެ. އަދި ޓީމުގައި ހުރި ހުނަރުގެ ބޭނުން އެންމެ ފުރިހަމައަށް ނުހިފޭކަމަށެވެ
ޕޯޗުގަލް ދެން ބައްދަލުކުރާނީ ގަދަ 32 ޓީމުގެ ބުރުގައި ކްރޮއޭޝިއާއާއި ދެކޮޅަށެވެ.
ޖޫންމަހުގެ 28 ވަނަ ދުވަހު ޕޯޗްގަލްއާއި ކޮލަމްބިއާއި ދެމެދު މިއާމީގެ ދަނޑު ކުޅުނު މިމެޗްގައި ދަނޑުއޮތީ މުޅިން ރީނދޫ ކުލައިން ފުރިފައެވެ. ބްރެޒިލްގެ ސަޕޯޓަރުންގެ ފޯރިއަށްފަހު، މި މެޗުގައި ދަނޑުގެ 90 އިންސައްތަ ސަޕޯޓަރުންނަކީ ކޮލަމްބިއާގެ މީހުންނެވެ. ކޮލަމްބިއާ އަކީ މުބާރާތް ބާއްވާ ގައުމު ނޫން ނަމަވެސް، ދަނޑުގެ މާހައުލު އޮތީ އެފަދަ ގޮތަކަށެވެ. މި ސަޕޯޓަރުންގެ މެދުގައި ރޮނާލްޑޯއަށް އޮތް ތަރުހީބު ވަރަށް ކުޑައެވެ.
މެޗުގެ ކުރީކޮޅު ޕޯޗުގަލްގެ ފަރާތުން ނުރައްކާތެރި ހަމަލާއެއް ފެނުނީ ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާއަކުންނެވެ. އޭގެ ފަހުން ރޮނާލްޑޯ ފޮނުވާލި އޯވަހެޑް ކިކެއް ފެނިގެންގޮސްފައިވެއެވެ. ރޮނާލްޑޯގެ ފަރާތުން މާބޮޑު ނުރައްކަލެއް ފެނިގެން ނުދިޔަ ނަމަވެސް، ހުރިހާ ފުރުސަތެއް އަމިއްލައަށް ތަނަވަސްކުރުމަކީ އޭނާއަށް މިމެޗްގައި ކުރެވުނު ކަމެއް ނޫނެވެ.
މިމެޗްގެ ފަހުވަގުތު ކޮޅުގެ ތެރޭގައި ކޮލަމްބިއާގެ ސަންޗޭޒް ޖެހި ލަނޑާއެކު ކޮލަމްބިއާގެ ބެންޗުގައި ތިބި ކުޅުންތެރިން އުފަލުން ދަނޑުމައްޗަށް އެރި ނަމަވެސް، ރެފްރީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމުމާއެކު އެ އުފާވެރިކަން ނިމުމަކަށް އައެވެ.
ކޮންމެއަކަސް، މި މެޗުގައި ކޮލަމްބިއާ އިން ވަނީ ރޮނާލްޑޯ އާއި ޕޯޗުގަލްގެ މައްޗަށް ކުރިހޯދާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

