ވޯލްޑް ކަޕްގެ ތާރީޚުގައި ޖެހިޖެހިގެން ހަތް މެޗުގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދުމަށް ލިއޮނަލް މެސީއަށް މި މެޗުގައި ލިބުނީ މަދު ވަގުތުކޮޅެކެވެ. ނަމަވެސް، އާޖެންޓީނާގެ މި ތަރި ވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި، އެ ރެކޯޑު ކާމިޔާބުކޮށްފައެވެ.
ހޮނިހިރު ދުވަހުގެ ރޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އުރުދުންގެ މައްޗަށް އާޖެންޓީނާ 3-1 އިން ކުރިހޯދިއިރު، މެސީ ވަނީ އޭނާގެ 19 ވަނަ ވޯލްޑް ކަޕް ލަނޑު ކާމިޔާބުކޮށް، މުޅި ތާރީޚުގައިވެސް ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑުޖެހި ފިރިހެން ކުޅުންތެރިޔާގެ ރެކޯޑު އިތުރަށް ފުޅާކޮށްފައެވެ. މިއީ މެސީއަށް 39 އަހަރު ފުރުނުތާ ތިން ދުވަސް ފަހުން ކުޅުނު ފުރަތަމަ މެޗެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ 80 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުންނެވެ.
މިއީ މެސީގެ ކެރިއަރުގައި ހިލޭ ޖެހުމުން ކާމިޔާބުކުރި 72 ވަނަ ލަނޑެވެ. އޭގެ ތެރެއިން 12 ލަނޑަކީ ގައުމީ ޓީމަށް ޖަހައިދިން ލަނޑުތަކެވެ. ބައިނަލްއަގުވާމީ މައިދާނުގައި މިހާތަނަށް ޖުމްލަ 123 ލަނޑު ޖަހައިގެން މެސީ މިހާރު އޮތީ ދުނިޔޭގެ ރެކޯޑު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ 145 ލަނޑު ޖަހާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
މީގެ ކުރިން ޖެހިޖެހިގެން ހަ މެޗުގައި ލަނޑުޖެހުމުގެ ރެކޯޑު މެސީއާއެކު ހިއްސާކުރީ ފްރާންސްގެ ޖަސްޓް ފޮންޓޭން އާއި ބްރެޒިލްގެ ލެޖެންޑް ޖައިރްޒީނިއޯއެވެ. ނަމަވެސް މިހާރު މެސީ މިވަނީ އެންމެންނަށްވުރެ ކުރިއަށް އަރާފައެވެ.
އާޖެންޓީނާގެ ކޯޗު ލިއޮނަލް ސަކަލޯނީ ބުނި ގޮތުގައި، މެސީގެ ފަރާތުން ފެންނަނީ ހައިރާންކުރުވަނިވި ކަންތައްތަކެކެވެ. "މިކަމާ ބެހޭގޮތުން މީހުން ސުވާލުކުރާ ކޮންމެ ފަހަރަކު އަހަރެން ބުނާނެ އެއްޗެއްވެސް މިހާރު ނޭނގޭ،" ތަރުޖަމާނެއް މެދުވެރިކޮށް އޭނާ ބުންޏެވެ.
ވޯލްޑް ކަޕް ތާރީޚުގައި ހިލޭ ޖެހުމުން ދެ ލަނޑު ކާމިޔާބުކުރި ހަ ކުޅުންތެރިންގެ ތެރޭގައިވެސް މެސީ މިހާރު ހިމެނެއެވެ. އޭނާއާއެކު މި ލިސްޓުގައި ހިމެނެނީ ޕެލޭ، ރިވެލީނޯ، ކުބިލާސް، ޖެންގިނީ އަދި ޑޭވިޑް ބެކަމްއެވެ.
މި މެޗުގައި އާޖެންޓީނާގެ ޖިއޮވާނީ ލޮ ސެލްސޯވެސް ވަނީ ހިލޭ ޖެހުމަކުން ލަނޑެއް ކާމިޔާބުކޮށްފައެވެ. އޭނާ ބުނި ގޮތުގައި މެސީގެ ކާމިޔާބީއާ މެދު މުޅި ޓީމު އުފާކުރެއެވެ. "ކޮންމެ ދުވަހަކު އޭނާ ފެނުމަކީ އަހަރެމެންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް،" ލޮ ސެލްސޯ ބުންޏެވެ.
މި މެޗަށް މެސީ ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އެއީ އާޖެންޓީނާ ކުރިންވެސް ގްރޫޕުގެ އެއްވަނަ ކަށަވަރުކޮށްފައި އޮތުމުންނާއި، އުރުދުން މުބާރާތުން ކަޓާފައި އޮތުމުންނެވެ. ނަމަވެސް ޑަލަސް ކައުބޯއީސްގެ ދަނޑަށް އެއްވި 70,649 ސަޕޯޓަރުން ތިބީ މެސީ ކުޅެން އަރާނެ ވަގުތެއްގެ އިންތިޒާރުގައެވެ. މެޗުގެ 60 ވަނަ މިނެޓުގައި އޭނާ ދަނޑަށް އެރުމާއެކު މުޅި ދަނޑު ގުގުމާލިއެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އަށް ފަހަރު ހޯދާފައިވީ ނަމަވެސް، މެސީއަށް އަދި މިހާތަނަށް ވޯލްޑް ކަޕެއްގެ އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާގެ "ގޯލްޑަން ބޫޓް" އެވޯޑެއް ލިބިފައެއް ނުވެއެވެ. މިފަހަރުގެ މުބާރާތުގައި މިހާތަނަށް 6 ލަނޑު ޖަހައިގެން އޭނާ އޮތީ ލަނޑު ލިސްޓުގެ ކުރީގައެވެ.
އާޖެންޓީނާގެ ނޮކްއައުޓް ބުރުގެ ފުރަތަމަ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ފްލޮރިޑާގައެވެ. ކޯޗު ސަކަލޯނީ ބުނި ގޮތުގައި މެސީ މިހާރު ހުރީ ފުރިހަމަ ސިއްހަތެއްގައެވެ. އަދި އޭނާ އިސްކަންދެނީ އަމިއްލަ ރެކޯޑުތަކަށްވުރެ ބޮޑަށް ޓީމުގެ ކާމިޔާބީއަށް ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

