އައްޑޫ މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާއި ހުޅުމީދޫ ޕޮލިސް ސްޓޭޝަން ގުޅިގެން، އެ ރަށުގެ އަންހެން ކަނބަލުންނަށް ޚާއްސަކޮށްގެން ކަސްރަތު ޕްރޮގްރާމެއް ހިންގުމަށް ނިންމައިފިއެވެ.
"ފަރިކަސްރަތު ޕްރޮގްރާމް" ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޙަރަކާތަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށާއި، އަންހެނުންގެ ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ ދިރިއުޅުމަކަށް ބައްޓަންކުރުމަށް އެހީތެރިވުމުގެ މަޤްޞަދުގައި ބާއްވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ. މި ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ނަން ނޯޓްކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން، ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 7782671 ނުވަތަ 7620002 އަށް ގުޅައިގެން ނަން ނޯޓްކުރެއްވުމަށް އައްޑޫމީދޫ ޑަބްލިއުޑީސީން އެދިލައްވައެވެ.
މިދިޔަ އަހަރުވެސް އައްޑޫ ސިޓީ ޑަބްލިއުޑީސީން އިސްނަގައިގެން ހުޅުދޫ އާއި މީދޫގައި މިފަދަ ކަސްރަތު ޕްރޮގްރާމްތަކެއް ވަނީ ކާމިޔާބުކަމާއެކު ހިންގާފައެވެ. އެ ފަހަރުގެ ޕްރޮގްރާމަށްވެސް އެ ދެ ރަށުގެ އަންހެން ކަނބަލުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ޑަބްލިއުޑީސީން ފާހަގަކުރެއެވެ.
މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ރަށުގެ އަންހެނުންގެ މެދުގައި އެކުވެރިކަން ބަދަހިވެ، ސިއްޙީ ގޮތުން ރަނގަޅު އާދަތަކަށް އަހުލުވެރިވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

