އައްޑޫސިޓީ ކައުންސިލްގެ އަވަށު އޮފީސްތަކެއްގެ ގޮތުގައި ކުރިން ހުރި ހުޅުދޫ އަދި މީދޫ، ވަކި ރަށު ކައުންސިލްތަކެއްގެ ގޮތުގައި ހަމަޖެހި، އަމަލީ މަސައްކަތް ފެށިތާ އަދި މިވީ ކުރު މުއްދަތެކެވެ. މި ބަދަލާއެކު ދެ ރަށުގެ އިދާރީ ހިންގުމަށާއި ތަރައްޤީއަށް އާ އުންމީދުތަކެއް ލިބިގެން ގޮސްފައިވީ ނަމަވެސް، އާ ނިޒާމަކަށް އަހުލުވެރިވުމުގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައި ހުރިކަން ފާހަގަކުރެވެއެވެ.
ހުޅުދޫ އަދި މީދޫ ކައުންސިލަށް މި ބަދަލު އައިތާ އަދި މިވީ 1 މަސް ދުވަހެވެ. ކައުންސިލެއްގެ ގޮތުގައި މިނިވަންކަމާއެކު ހިންގަން ފަށާއިރު، އިދާރީ އޮނިގަނޑު އެކުލަވާލުމާއި، ބަޖެޓު ތަރުތީބުކުރުމާއި، އަދި ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. މިފަދަ ބޮޑު ބަދަލަކަށްފަހު، ހުރިހާ ކަމެއް މުޅިއަކުން ހަމައަކަށް އެޅުމަށް ކޮންމެހެންވެސް ވަގުތު ބޭނުންވެއެވެ.

ފަހަކަށް އައިސް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ކައުންސިލް ހިންގަންވީ ގޮތާއި، ކައުންސިލްގެ ނިންމުންތަކާ ގުޅޭގޮތުން ތަފާތު ޚިޔާލުތައް ފާޅުކުރަމުންދާކަން ފާހަގަކުރެވެއެވެ. ނަމަވެސް، ކައުންސިލްގެ މަސައްކަތްތައް އަދި ތަރުތީބުވަމުންދާ މި ދަނޑިވަޅުގައި، ސޯޝަލް މީޑިއާގައި ހަމައެކަނި ފާޑުކިއުމުގެ ބަދަލުގައި، އަމަލީ ގޮތުން ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރުން މުހިންމެވެ.
ކައުންސިލް ހިންގުން ހަރުދަނާކުރުމަށް ރައްޔިތުން ދޭން ބޭނުންވާ ލަފަޔާއި އިރުޝާދުތަކަކީ ކައުންސިލުން އަބަދުވެސް މަރުހަބާ ކިޔާނެ ކަންކަމެވެ. އެހެންކަމުން، ސޯޝަލް މީޑިއާގައި ބަހުސް ކުރުމުގެ ބަދަލުގައި، ކައުންސިލަރުންނާ ބައްދަލުކުރައްވައި ނުވަތަ ސީދާ ކައުންސިލް އިދާރާއަށް ވަޑައިގެން ކަންކަން އޮޅުންފިލުއްވައި، މަޝްވަރާ ދެއްވުމަކީ އެންމެ އެދެވިގެންވާ ގޮތެވެ.
ކައުންސިލް ހިންގަންވީ ގޮތުގެ ވާހަކަ ދެއްކުމަކީ އިޚްލާސްތެރި ހެޔޮ ނިޔަތެއް އޮވެގެން ކުރާ ކަމަކަށް ވާނަމަ، އެންމެ ފައިދާހުރި ގޮތަކީ ކައުންސިލް އިދާރާއާ ގުޅިގެން، މަޝްވަރާގެ އުސޫލުން އެކަންކަން ކުރިއަށް ގެންދިއުމެވެ. މިއީ ރަށުގެ ތަރައްޤީއަށާއި، އަލަށް އުފެދުނު ކައުންސިލްތައް ބާރުވެރިކުރުވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.
ހުޅުދޫ އަދި މީދޫ ކައުންސިލަކީ ރައްޔިތުންގެ ތަނެކެވެ. މި ކުރު މުއްދަތުގެ ތެރޭގައި ދިމާވާ އިދާރީ ދަތިތައް ހައްލުކޮށް، ހިންގުން ހަރުދަނާ ކުރެވޭނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންނެވެ. އެހެންކަމުން، ސޯޝަލް މީޑިއާގެ ޕޯސްޓުތަކަށްވުރެ ބޮޑަށް، ސީދާ މުއާމަލާތް ކުރުމުގެ ސަގާފަތެއް އަށަގަންނުވައި، އިޚްލާސްތެރިކަމާއެކު ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

