ފެނަކަ ކޯޕަރޭޝަންގެ 14 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެ ކުންފުނީގެ ހުޅުމީދޫ ބްރާންޗުން އިސްނަގައިގެން ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ. އައްޑޫ ސިޓީ ހުޅުދޫގައި ހުންނަ "ބްލެކްސްޕައިސް" ރެސްޓޯރަންޓުގައި މި މަހުގެ 18 ވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުނު މި ހަފްލާއަކީ، ކުންފުނީގެ 14 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށާއި މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ބޭއްވުނު މުހިންމު ހަފްލާއެކެވެ.

މި ހަފްލާގެ ޝަރަފްވެރި މެހުމާނަކީ އައްޝައިޚް މުޙައްމަދު ޠައްޔިބެވެ. ޝައިޚްގެ ވާހަކަފުޅުގައި، ވަޒީފާގެ މާހައުލުގައި ދީނީ ގޮތުންނާއި އަޚުލާގީ ގޮތުން ހިފަހައްޓަންޖެހޭ އުސޫލުތަކުގެ މައްޗަށް ވަރަށް ތަފްސީލުކޮށް އަލިއަޅުއްވާލެއްވިއެވެ. ވަޒީފާއަކީ އަމާނާތެއް ކަމަށާއި، މަސައްކަތުގެ މައިދާނުގައި އިސްލާމީ ރީތި އުސޫލުތަކުގައި ހިފެހެއްޓުމަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ކަމެއްކަން މުވައްޒަފުންނަށް ސާފުކޮށްދެއްވިއެވެ.
މީގެ އިތުރުން، މި ހަފްލާގައި ފެނަކަ ހުޅުމީދޫ ބްރާންޗްގެ ޑިރެކްޓަރ ސައިދާ މުޠީއު ވާހަކަފުޅު ދެއްކެވިއެވެ. ސައިދާގެ ވާހަކަފުޅުގައި، ކުންފުނީގެ 14 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ބްރާންޗްގެ ހުރިހާ މުވައްޒަފުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު މަރުހަބާ ދެންނެވިއެވެ.

ސައިދާގެ ނަސޭހަތުގައި، ހުޅުމީދޫ ބްރާންޗްގެ މުވައްޒަފުންނަކީ އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު މަސައްކަތްކުރާ ބަޔަކަށް ވުމަށް ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ. މުވައްޒަފުންގެ މެދުގައި އެކުވެރިކަން ނެތްނަމަ، ބްރާންޗްގެ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ނުގެންދެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ކުންފުނިން ކަނޑައަޅާފައިވާ ގަވާއިދުތަކަށާއި، ދޭތެރެ ދޭތެރެއިން އަންގާ އެންގުންތަކަށް ފުރިހަމައަށް ބޯލަނބައި، ކިޔަމަންތެރިކަމާއެކު މަސައްކަތް ކުރުމަށް ހުރިހާ މުވައްޒަފުންނަށް އިލްތިމާސް ކުރެއްވިއެވެ.
މި ހަފްލާ ނިމިގެންދިޔައީ މުވައްޒަފުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ، ކުންފުނީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އާ ރޫހެއް ލިބިގެންދިޔަ ހަފްލާއެއްގެ ގޮތުގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

