ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން އަތޮޅު ކައުންސިލްތައް އުވާލުމުން، އެ އިދާރާތަކުން ފީ ނަގައިގެން ދެމުންދިޔަ މުހިންމު ހިދުމަތްތަކަށް ގާނޫނީ ހުރަސްތަކެއް ކުރިމަތިވެ، އެ ހިދުމަތްތައް އެއްކޮށް ހުއްޓުމަކަށް އަތުވެއްޖެއެވެ. އަތޮޅު ކައުންސިލްތަކުން ފޯރުކޮށްދެމުންދިޔަ ހިދުމަތްތަކުގެ ތެރޭގައި އުޅަނދުފަހަރުގެ ލައިސެންސް ދޫކުރުމާއި، އަހަރީ ފީ ބަލައިގަތުމުގެ އިތުރުން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) މެދުވެރިކޮށް ދޫކުރާ އައިޑީކާޑުގެ ހިދުމަތްތައް ހިމެނެއެވެ.
އަތޮޅު ކައުންސިލްތަކުން ކުރިން ދެމުން އައި ޓްރާންސްޕޯޓާ ގުޅުންހުރި ހިދުމަތްތައް މިއަދުން ފެށިގެން މެދުކަނޑާލާފައިވާކަން ރާއްޖޭގެ އެކި އަތޮޅު އޮފީސްތަކުން މިހާރު ވަނީ ރަސްމީކޮށް އަންގާފައެވެ.
މި މައްސަލަ އުފެދެން މެދުވެރިވީ ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު، މިދިޔަ މަހުގެ 17 އިން ފެށިގެން އަތޮޅު ކައުންސިލްތައް އުވާލައި، އެ ތަންތަނަކީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބެލުމުގެ ދަށުން ހިންގާ "އަތޮޅު އޮފީސްތަކަކަށް" ބަދަލުވުމާ ގުޅިގެންނެވެ. ގާނޫނީ ގޮތުން ރައްޔިތުންގެ އަތުން ފީ ނެގުމުގެ އިހުތިޔާރު ލިބިދީފައިވަނީ ހަމައެކަނި އިންތިހާބީ ކައުންސިލްތަކަށެވެ. އެހެންކަމުން، އަތޮޅު އޮފީސްތަކަކީ އެލްޖީއޭގެ އިދާރީ ގޮފިތަކެއްގެ ގޮތުގައި ހަމަޖެހުމުން، އާންމުންގެ އަތުން ފައިސާ ނުވަތަ ފީ ބަލައިގަތުމުގެ ގާނޫނީ ބާރުވެރިކަން އެލްޖީއޭއަކަށް މިހާރު ލިބިގެނެއް ނުވެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމުގެ ތެރެއިން މީގެ ކުރިން އޮތީ ސިޓީ ކައުންސިލާއި، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލް ހިމެނޭހެން ތިން ފަންތިއެކެވެ. ނަމަވެސް، ދައުލަތުގެ ހަރަދު ކުޑަކުރުމަށާއި، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް ފުށުއަރާ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ވަނީ އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމާފައެވެ.
މި ބަދަލާއެކު އަތޮޅު ފެންވަރުގެ އިދާރީ ހިންގުން އެލްޖީއޭގެ ދަށަށް ބަދަލުކުރެވުނު ނަމަވެސް، ގާނޫނަށް އިސްލާހު ގެނައިރު ހިދުމަތްތައް ކުރިއަށްގެންދާނެ އިންތިގާލީ އުސޫލެއް ނުވަތަ ބާރުތައް ބަދަލުވާނެ ގޮތުގެ ސާފު މާއްދާއެއް ހިމަނާފައި ނެތުމުގެ ސަބަބުން، މިހާރު ވަނީ ގާނޫނީ ހުސްކަމެއް ކުރިމަތިވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

