އިންގްލެންޑް ޓެކްސަސްގައި ކުޅުނު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ހެރީ ކޭން ފުރަތަމަ ހާފުގައި ކާމިޔާބުކުރި ދެ ލަނޑާއެކު، 4-2 ގެ ނަތީޖާއަކުން އިންގްލެންޑުން ކްރޮއޭޝިއާގެ މައްޗަށް ކުރިހޯދައިފިއެވެ.
މިއީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލުގެ ތަކުރާރުވުމެކެވެ. އެފަހަރު އިތުރު ވަގުތު ކުޅެގެން ކްރޮއޭޝިއާ މޮޅުވި ނަމަވެސް، ފަހަކަށް އައިސް އިންގްލެންޑުން ދަނީ އެ ޓީމުގެ މައްޗަށް ކުރިހޯދަމުންނެވެ.
1966 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ތަށި އިންގްލެންޑަށް ހޯދައިދިނުމުގެ އަޒުމުގައި ނިކުތް ޓުޗެލްގެ ޓީމުން މެޗު ފެށީ ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް އިންގްލެންޑްގެ ނޯނީ މަޑުއޭކޭއަށް ފައުލްކުރުމާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ.

ކޭން ފުރަތަމަ ފޮނުވާލި ޕެނަލްޓީ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ދިފާއުކުރި ނަމަވެސް، ވީޑިއޯ ރިޕްލޭއިން ފެނުނު ގޮތުގައި ކީޕަރު ވަނީ ރޮނގުން ކުރިއަށް އަރާފައެވެ. އެހެންކަމުން ފްރާންސްގެ ރެފްރީ ކްލެމެންޓް ޓާޕިން އެންގީ އަލުން ޕެނަލްޓީ ޖެހުމަށެވެ. ދެވަނަ ފަހަރަށް ލިބުނު ފުރުސަތުގައި ކޭން ވަނީ ވަރަށް އިތުބާރާއެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި، މެޗުގެ 12 ވަނަ މިނެޓުގައި އިންގްލެންޑަށް ލީޑު ނަގައިދީފައެވެ.

އިންގްލެންޑުން މެޗު ކޮންޓްރޯލް ކުރަމުން ދަނިކޮށް، މެޗުގެ 36 ވަނަ މިނެޓުގައި ބަޓޫރިނާ ވަނީ ހިތްގައިމު ލަނޑަކުން ކްރޮއޭޝިއާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް އެ އުފާވެރިކަން ދެމިއޮތީ އެންމެ ހަ މިނެޓަށެވެ. ޑެކްލަން ރައިސް ނެގި ކޯނަރަކުން ކޭން ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި އަނެއްކާވެސް ލީޑު ހޯދައިދީފައެވެ. މި ލަނޑާއެކު ކޭން ވަނީ ވޯލްޑް ކަޕްގައި ޖުމްލަ 10 ލަނޑު ހަމަކޮށް، އިންގްލެންޑްގެ ލެޖެންޑް ގޭރީ ލިނެކާއާ އެއްވަރުކޮށްފައެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކްރޮއޭޝިއާގެ މޫސާ ވަނީ އަނެއްކާވެސް ނަތީޖާ އެއްވަރުކޮށްފައެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން ބެލިންހަމް އާއި ރަޝްފޯޑް ކާމިޔާބުކުރި ލަނޑުތަކާއެކު އިންގްލެންޑުން ވަނީ ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

