ކެންސަސް ސިޓީ — އާޖެންޓީނާއިން ވޯލްޑް ކަޕް ދިފާއުކުރުމުގެ ދަތުރު މިއަދު އަލްޖީރިއާއާ ދެކޮޅަށް ކުޅެ، ހެޓްރިކެއް ހަދައި ވޯލްޑް ކަޕްގެ ރެކޯޑަކާ އެއްވަރުކޮށް ތާރީޚުން ޖާގަ ހޯދުމަށްފަހު މެސީ ވަނީ އޭނާއަކީ އަދިވެސް ހަމަ އެ މެސީކަން ކެންސަސް ސިޓީ ސްޓޭޑިއަމްގައި ތިބި 69,045 ސަޕޯޓަރުންނަށް ސާބިތުކޮށްދީފައެވެ،
އުމުރުން 38 އަހަރުގެ މެސީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އޭނާ އައިކަން އިއުލާންކުރީ ފޮނުވާލި ހިތްގައިމު ހަމަލާއަކުން ކާމިޔާބު ކުރި ލަނޑުންނެވެ. އެއަށްފަހު އިތުރު ދެ ލަނޑު ޖަހައި، 3-0 އިން އާޖެންޓީނާ މޮޅުކޮށްދީ، ރެކޯޑް ފޮތުން ޖާގަ ހޯދިއެވެ.

މެސީ މިހާރު ވަނީ ވޯލްޑް ކަޕްގައި ޖުމްލަ 16 ލަނޑު ހަމަކޮށް، މިރޮސްލާވް ކްލޯޒާގެ ރެކޯޑާ އެއްވަރުކޮށްފައެވެ. ނަމަވެސް މަދު މެޗު ކުޅެފައިވާތީ ޖަރުމަނުގެ ކްލޯޒާ އަދިވެސް އުޅެނީ ކުރީގައެވެ.
މެޗުގެ ފުރަތަމަ 15 މިނެޓަކީ އާޖެންޓީނާއަށް ނުތަނަވަސް ވަގުތުކޮޅެކެވެ.
މި މެޗުގެ ފަސްވަނަ މިނެޓުގައި އާޖެންޓީނާއިން އުފެއްދި ކައުންޓަރ އެޓޭކެއްގައި ލައުޓާރޯ މާޓިނޭޒް އޮފްސައިޑްވުމުން، މެސީ ޖެހި ފުރަތަމަ ލަނޑު ބަލައެއް ނުގަތެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން އަލްޖީރިއާއިން ލަނޑެއް ޖަހައި އާޖެންޓީނާ ސިއްސުވާލިއެވެ. އިބްރާހީމް މާޒާ ދިން ބޯޅައަކުން ފަރޭސް ޝައިބީ ޖެހި މި ލަނޑުގެ އުފާފާޅުކުރުންތައް ކުރިއަށް ދަނިކޮށް ، ވީއޭއާރުން ބެލުމަށްފަހު އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމުމުންނެވެ.

އެއަށްފަހު މެސީ މެޗުގެ ކޮންޓްރޯލް އަތަށް ނެގިއެވެ. އިންޓަރ މިއާމީގައި މެސީއާއެކު ކުޅޭ ރޮޑްރީގޯ ޑި ޕޯލް ދިން މޮޅު ބޯޅައަކާއެކު، އަލްޖީރިއާގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު މެސީ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައި އާޖެންޓީނާއަށް ލީޑު ހޯދައިދީފައެވެ. މިއީ މެސީ ލަނޑު ޖެހި ފަސްވަނަ ވޯލްޑް ކަޕެވެ. އަދި މިއީ އޭނާގެ ކެރިއަރުގައި ޖެހި 911 ވަނަ ލަނޑެވެ.

ދެވަނަ ހާފުގައިވެސް މެސީގެ ކުޅުން ފެނުނީ ވަރުގަދަކޮށެވެ. އެލެކްސިސް މެކް އެލިސްޓަރ ފޮނުވާލި ބޯޅައެއް ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު މެސީ ވަނީ އެ ބޯޅަ ގޯލަށް ވައްދާލާފައެވެ. އަދި މެޗުގެ ފަހުކޮޅު ނިކޮލަަސް ގޮންޒާލޭޒް ދިން ބޯޅައަކުން މެސީ އޭނާގެ ފުރަތަމަ ވޯލްޑް ކަޕް ހެޓްރިކް ފުރިހަމަކުރިއެވެ. އަލްޖީރިއާއިން މިމެޗްގައި ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އެޓީމަށް އާޖެންޓީނާގެ ގޯލަށް ނުރައްކާކުރެވޭ ގޮތެއް ނުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

