ލޮސް އެންޖެލިސް ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މި މެޗުގައި، ނިއުޒީލެންޑުން ދެ ފަހަރު ލީޑު ނަގާފައި ވަނިކޮށް، އީރާނުން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި މެޗު ކުޅެވުނުއިރު، އީރާނުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާއި، އެމެރިކާ އާއި އީރާނާ ދެމެދު ހިނގި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ސޮއިކުރި ސުލްހައިގެ އެއްބަސްވުމުގެ ސަބަބުން ދަނޑުތެރޭގައި ސިޔާސީ ނުތަނަވަސްކަން އޮތީ އިންތިހާއަށް އިތުރުވެފައެވެ.
ހޯމަ ދުވަހު އޮތް މި މެޗުގެ ބޭރުން ފާހަގަވި އެންމެ ބޮޑު އެއް ކަމަކީ ދަނޑު ވަށައިގެން ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައިވުމާއި، ދަނޑުން ބޭރުގައި ކުރިއަށްދިޔަ މުޒާހަރާތަކެވެ.

މެޗުގެ ކުރީކޮޅު ކްރިސް ވުޑް ތަނަވަސްކޮށްދިން ފުރުސަތަކުން، އެލައިޖާ ޖަސްޓް ފޮނުވާލި ހަމަލާއަކުން ނިއުޒީލެންޑުން ލީޑު ނެގުމާއެކު، އީރާނު ސަރުކާރަށް ފާޑުކިޔާ ބައެއް ސަޕޯޓަރުން ވަނީ ނިއުޒީލެންޑުގެ ސަޕޯޓަރުންނާ އެކު އެކަން ފާހަގަކޮށް އުފާފާޅުކޮށްފައެވެ.
ފީފާގެ ގަވާއިދުތަކާ ހިލާފަށް، ސަރުކާރާ ދެކޮޅު މި ސަޕޯޓަރުންގެ ތެރެއިން ގިނަ ބަޔަކު ވަނީ އީރާނުގެ އިންގިލާބުގެ ކުރީގެ ދިދަ ކަމަށްވާ "ލަޔަން އެންޑް ސަން" ދިދަ ބޭނުންކޮށްފައެވެ. އަދި މެޗު ފެށުމުގެ ކުރިން އީރާނުގެ ގައުމީ ސަލާމް ކިޔަމުންދިޔަ ވަގުތު ބައެއް މީހުން ވަނީ އަޑުގަދަކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ނަމަވެސް، ދަނޑަށް ވަދެތިބި 70،000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ތެރެއިން ގިނަ ބަޔަކު ތިބީ އީރާނުގެ ގައުމީ ޓީމަށް ސަޕޯޓުކުރުމުގައެވެ. މެޗުގެ 30 މިނެޓު ފަހުން ރާމިން ރެޒާޔަން ލަނޑު ޖަހައި ނަތީޖާ ހަމަހަމަކުރުމާއެކު، ދަނޑު ގުގުމާލީ "އީރާން! އީރާން!" ގޮވާ އަޑުންނެވެ.
އެމެރިކާ އާއި އިސްރާއީލުން ދިން ވައިގެ ހަމަލާތަކާ ގުޅިގެން އީރާނުގެ ލީގު މެދުކަނޑާލުމުން، ފެބްރުއަރީ މަހުން ފެށިގެން ކްލަބް ފުޓްބޯޅަ ނުކުޅެ ތިބި އީރާނުގެ ކުޅުންތެރިންގެ ތެރޭގައި ރެޒާޔަން ހިމެނެއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ކީޕަރު އަތުގައި ޖެހިފައި ނުކުތް ބޯޅައެއް ވަރަށް ހުށިޔާރުކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، ނިއުޒީލެންޑުގެ ކެޕްޓަން ކްރިސް ވުޑް ދިން ރީތި ޕާހަކުން ޖަސްޓް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި އަލުން ނިއުޒީލެންޑަށް ކުރިހޯދައިދީފައެވެ. ނަމަވެސް، އޭގެ 10 މިނެޓު ފަހުން އީރާނުގެ މުހައްމަދު މުހެއްބީ ވަނީ ރެޒާޔަން ހުރަސްކޮށްދިން ބޯޅައެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނަތީޖާ 2-2 އަށް ބަދަލުކޮށްފައެވެ.
މި ނަތީޖާއާއެކު، ގްރޫޕް 'ޖީ' ގެ ހުރިހާ ޓީމަކަށް މިހާރު ވަނީ އެއް ޕޮއިންޓް ލިބިފައެވެ. އެއީ ހޯމަ ދުވަހުގެ ކުރީކޮޅު ބެލްޖިއަމާއި މިސްރު ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމާ ގުޅިގެންނެވެ.
ނިއުޒީލެންޑުން ވޯލްޑް ކަޕްގައި މިހާތަނަށް ހަތް މެޗު ކުޅެފައިވާއިރު، އަދިވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. އަނެއްކޮޅުން އީރާނުން މަސައްކަތް ކުރަމުންދަނީ އެ ގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރުމަށެވެ.
މި މެޗުން ފެނިގެންދިޔައީ އެމެރިކާގައި ދިރިއުޅޭ އީރާނު ރައްޔިތުންގެ މެދުގައި އޮތް ބައިބައިވުމެވެ. ގިނަ ބަޔަކު ބުނި ގޮތުގައި، ބޮޑު މުބާރާތެއްގައި އީރާނު ތަމްސީލުކުރާތީ ފަހުރުވެރިވީ ނަމަވެސް، އީރާނު ސަރުކާރުން މުޒާހަރާގެ ބައިވެރިންނާ މެދު އަމަލުކުރާ ގޮތާއި އެމެރިކާގެ ބޮން އެޅުމުގެ ހަމަލާތަކާ މެދު އެމީހުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެވެ.
މެޗު ފެށުމުގެ ކުރިން 300 އާއި 500 އާ ދެމެދުގެ އަދަދަކަށް މުޒާހަރާގެ ބައިވެރިން ދަނޑު ބޭރަށް އެއްވެ، ސަރުކާރާ ދެކޮޅު ބޯޑުތަކާއި ދިދަތައް ހިފައިގެން އަޑުއުފުލިއެވެ. ބައެއް މީހުން ދެކޭ ގޮތުގައި މެޗު ބަލަން ދިއުމަކީ ސަރުކާރަށް ތާއީދުކުރުމެވެ. ނަމަވެސް އަނެއް ބަޔަކު ބޭނުންވީ ސިޔާސީ ކަންކަން އެއްފަރާތްކޮށް ކުޅުންތެރިންނަށް ހިތްވަރު ދިނުމަށެވެ.
އީރާނުގެ ކުރިއަށް އޮތް މެޗުގައި އާދީއްތަ ދުވަހު ލޮސް އެންޖެލިސްގައި ބެލްޖިއަމާ ދެކޮޅަށް ނުކުންނައިރު، ނިއުޒީލެންޑް ނުކުންނާނީ ވެންކޫވަރގައި މިސްރާ ދެކޮޅަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

