މީދޫގެ ރައްޔިތުންނާއި ކުޑަކުދިން މޫދަށް އެރުމަށާއި ތަމްރީނުތަކަށް ބޭނުންކުރަމުންދާ ސްވިމިންގ ޓްރެކް ވަރަށް ބޮޑަށް ހަޑިވެފައި އޮތުމުގެ ސަބަބުން، އެ ޓްރެކް ސާފުކޮށް ރީތިކުރުމުގެ ގޮތުން ޚާއްޞަ ކޮމިއުނިޓީ ހަރަކާތެއް ޖޫން މަހުގެ 13 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ.
ސްވިމިންގ ޓްރެކް ވަރަށް ބޮޑަށް ހަޑިވެފައި ހުރުމުގެ ސަބަބުން މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެ ދުވަހުގެ ހެނދުނުން ފެށިގެން މެންދުރުގެ ވަގުތާ ހަމައަށެވެ. މި ހަރަކާތުގައި ޓްރެކްގެ ދެފަރާތް ސާފުކުރެވުނެވެ.

މި ހަރަކާތަކީ މީދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި މަސައްކަތުގައި ބައިވެރިވުމަށް ރަށުގެ މުއައްސަސާތަކަށް ދައުވަތު އެރުވުނެވެ. އެގޮތުން ދައުވަތު ދެވުނު މުއައްސަސާތަކުގެ ތެރެއިން ބައެއް މުއައްސަސާތަކުގެ މުވައްޒަފުން ވަނީ ވަރަށް ފޯރިއާއެކު މި ހަރަކާތުގައި ބައިވެރިވެފައެވެ. މީގެ އިތުރުން، ކައުންސިލްގެ ސޯޝަލް މީޑިއާ ޕޭޖްތައް މެދުވެރިކޮށް އާންމުކޮށް ހުޅުވާލި ފުރުޞަތުގައި، މީދޫގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ޒުވާނުން ނުކުމެ މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަން އުފަލާއެކު ކައުންސިލުން ވަނީ ފާހަގަކުރަމެވެ.
މި ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު، މީދޫ ކައުންސިލްގެ ފަރާތުން ވަނީ މި މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. ވަކިން ޚާއްޞަކޮށް، ހަރަކާތުގައި ބައިވެރިވި މުއައްސަސާތަކާއި، ކުލަބް ޖަމްޢިއްޔާތަކުގެ އިތުރުން، ރަށުގެ ލޮބުވެތި ރައްޔިތުން މިފަދަ އިޖުތިމާޢީ ކަމެއްގައި ދެއްވި ފުރިހަމަ އެއްބާރުލުމަށްޓަކައި ކައުންސިލުން ވަނީ ފަށްފަށުން ޝުކުރު ދަންނަވާފައެވެ.
މިފަދަ ހަރަކާތްތަކުގެ ސަބަބުން ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށާއި، ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުވެގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

