އެމެރިކާއާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ކަމަށް ބުނާ ނުތަނަވަސްކަމުގެ ޚަބަރުތަކަކީ، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އާންމުންގެ ވިސްނުން ބަދަލުކުރުމަށްޓަކައި ގަސްދުގައި ހާމަކޮށްފައިވާ "ސްޓްރެޓީޖިކް" މަޢުލޫމާތުތަކެއް ކަމަށް ޚަބަރުތައް ދިރާސާ ކުރާފަރާތްތަކުން ބުނެފިއެވެ.
2024 ވަނަ އަހަރުގެ ޖެނުއަރީ މަހު، 'އެކްސިއޯސް' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭރުގެ އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުންނެވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ މެދު "ކެތްތެރިކަން ކޮޅުންލާފަ" އެވެ. އެ ދުވަސްވަރަކީ އިސްރާއީލުން ޣައްޒާއަށް ދެމުންދިޔަ ލާއިންސާނީ ހަމަލާތަކަށް މަސްތަކެއް ވެފައިވާ ދުވަސްވަރަކަށް ވެފައި، އެމެރިކާއިން އިސްރާއީލަށް ދެމުންދިޔަ އެއްބާރުލުމާ ގުޅިގެން ބައިޑަންއަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދިޔަ ދަނޑިވަޅެކެވެ.

މި ހަމަލާތައް ބައިޑަންގެ ދައުރު ނިމެންދެން ކުރިއަށްދިޔައިރު، ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ދައުރުގެ ފުރަތަމަ 10 މަސްދުވަހާ ހަމައަށްވެސް ވަނީ ދެމިގެން ގޮސްފައެވެ. އޭގެ ފަހުން، ޓްރަމްޕާއި ނަތަންޔާހޫއާ ދެމެދު އުފެދިފައިވާ ކަމަށް ބުނާ ޚިޔާލުތަފާތުވުންތަކާއި، ފޯނުން ކުރެއްވި "ހިތްހަމަނުޖެހޭ" މަޝްވަރާތަކުގެ ޚަބަރުތައް މީޑިއާތަކުން ދަނީ ފަތުރަމުންނެވެ. ނަމަވެސް، މެދުއިރުމަތީގައިވާ އެމެރިކާގެ އެންމެ ގާތް އެކުވެރިޔާއަށް ދޭ އެއްބާރުލުމަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
މި ހަފުތާގައިވެސް ވަނީ އެމެރިކާާއި އިސްރާއީލުގެ ލީޑަރުންގެ ދެމެދުގައި ހިނގި ކަމަށް ބުނާ، ހުތުރު ބަހުރުވަ ބޭނުންކޮށްގެން ކުރި ރުޅިވެރި ފޯނު ކޯލެއްގެ ޚަބަރު ވަރަށް ބާރަށް ފެތުރިފައެވެ. އެކްސިއޯސްއިން ރިޕޯޓްކުރި ގޮތުގައި، ލުބުނާނުގައި އިސްރާއީލުން ދެމުންދާ ހަމަލާތައް ވަރުގަދަކުރުމާ ގުޅިގެން ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ވަރަށް ބޮޑަށް ކޯފާވެ، ހުތުރު ބަހުން މުޚާތަބު ކުރައްވާފައެވެ.

މި ޚަބަރު ފެތުރުނު ދަނޑިވަޅަކީ، ދެކުނު ލުބުނާނުގެ އަލް-މަރްވާނިއްޔާ އަވަށަށް އިސްރާއީލުން ދިން ހަމަލާއެއްގައި ދެ ކުޑަކުދިން ހިމެނޭހެން ހަ މީހަކު ޝަހީދުވި ވަގުތެވެ. މެދުއިރުމަތީގެ ޚަބަރުތައް ދިރާސާކުރާފަރާތްތަކުން ބުބާ ގޮތުގައި، އެމެރިކާގެ ލީޑަރުންނާއި ނަތަންޔާހޫއާ ދެމެދު ހިނގާ ކަމަށް ބުނާ ބަހުގެ ހަމަލާތަކަށްވުރެ މުހިންމީ އަމަލީ ގޮތުން ގެންގުޅޭ ސިޔާސަތުތަކެވެ. އަދި އެ ސިޔާސަތުތަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.
ނޭޝަނަލް އިރާނިއަން އެމެރިކަން ކައުންސިލް އެކްޝަން (NIAC) ގެ ޕޮލިސީ ޑައިރެކްޓަރު ރަޔަން ކޮސްޓެލޯ ވިދާޅުވީ، ސިއްރު ބައްދަލުވުންތަކުގައި އެމެރިކާގެ ރައީސުން ނަތަންޔާހޫއަށް ކޯފާވާ ކަމަށް ބުނާ ރިޕޯޓުތަކަކީ މިހާރު މީހުން މަލާމާތްކުރާ ކަމަކަށް ވެފައިވާ ކަމަށެވެ.
"އެންމެ މުހިންމީ އަމަލީ ގޮތުން ހިނގާ ކަންތައްތައް،"
ކޮސްޓެލޯ އަލްޖަޒީރާއަށް ވިދާޅުވިއެވެ.
ޓްރަމްޕް ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ކަމަށް ރިޕޯޓުތަކުން ބުނި ނަމަވެސް، އެމެރިކާގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ 'ޑޯން' (DAWN) ގެ އެޑްވޮކަސީ މެނޭޖަރު އިޒަބެލް ހޭސްލިޕް ވިދާޅުވީ، އެމެރިކާގެ ސިޔާސަތުތައް އަދިވެސް ހުރީ އިސްރާއީލުގެ މަސްލަހަތުތަކާ އެއްގޮތަށް ކަމަށެވެ.
"ޓްރަމްޕް ނަތަންޔާހޫއަށް ފޯނުން ގުޅައި ހަޅޭއްލަވައިގެން އެމެރިކާގެ ސިޔާސަތުތައް ތަންފީޒުކުރާ ވަރުގަދަ ލީޑަރެއްގެ ގޮތުގައި ދައްކާ ރިޕޯޓުތަކާ، އަމަލީ ގޮތުން ފެންނަ ކަންތައްތަކާ ދިމައެއް ނުވޭ. ނަތަންޔާހޫ ބޭނުންވާ ހުރިހާ ކަމެއް އޭނާއަށް އެބަ ފަހިވޭ،"
ހޭސްލިޕް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އިސްރާއީލުގެ އަމަލުތައް ހުއްޓުވުމުގެ ބާރު ޓްރަމްޕަށް ނެތް ކަމަށާއި، ކުރީގެ ރައީސުންނެކޭ އެއްފަދައިން ޓްރަމްޕްވެސް އިސްކަން ދެއްވަނީ އިސްރާއީލުން ބޭނުންވާގޮތައް ކަންތައްތައް ކުރު މަށެވެ.
މިފަދަ ރިޕޯޓުތަކެއް ފެންމަތިވެފައި މިވަނީ، ފެބްރުއަރީ 28 ގައި އިސްރާއީލާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ޓްރަމްޕަށް އަމާޒުވަމުންދާ ފާޑުކިޔުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، އެމެރިކާގެ އިގްތިސާދަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް މަޑުޖެހިފައިވާއިރު، ލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން އޭޕްރީލް މަހު ގާއިމުކުރި ނާޒުކު ސުލްހަ އުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. އީރާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އެމެރިކާއާ އެކު ބާއްވާ ގުޅުންތައް ވަނީ ކަނޑާލާފައެވެ.
ޓްރަމްޕް ވަނީ ނަތަންޔާހޫއާއި ހިޒްބުاللهގެ މަންދޫބަކާ ވާހަކަދެއްކެވި ކަމަށާއި، ދެ ފަރާތުންވެސް ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ނަތަންޔާހޫ ވަނީ ދެކުނު ލުބުނާނުގައި އިސްރާއީލު ސިފައިންގެ އަމަލީ ހަރަކާތްތައް ރޭވިފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށް ބުނެފައެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އިސްރާއީލުން މުޅި ސަރަހައްދުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ އެމެރިކާގެ އެހީތެރިކަމާ ނުލައި ހިންގޭނެ ކަންތައްތަކެއް ނޫނެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އެމެރިކާއިން ވަނީ އިސްރާއީލަށް 25 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށްދީފައެވެ.
ޓްރަމްޕް ވަނީ އެތައް ފަހަރަކު ނަތަންޔާހޫގެ ލީޑަރޝިޕަށް ތައުރީފު ކުރައްވައި، އޭނާ ނެތް ނަމަ އިސްރާއީލުގެ ނަން ދުނިޔެއިން ފޮހެވިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ސެންޓަރ ފޯ އިންޓަނޭޝަނަލް ޕޮލިސީގެ ސީނިއާ ފެލޯ ނެގާރ މުރުތަޒަވީ ވިދާޅުވި ގޮތުގައި، ޓްރަމްޕާއި ނަތަންޔާހޫގެ ދެމެދުގައި އުފެދުނު ކަމަށް ބުނާ ހޫނު ބަހުގެ ހަމަލާތަކުގެ ޚަބަރުތަކަކީ، ހަނގުރާމައާ ގުޅިގެން އުފެދިފައިވާ އާންމުންގެ ނުރުހުން ކުޑަކުރުމަށްޓަކައި ބޭނުންކުރާ އުކުޅެކެވެ.
"މީގެ ބޭނުމަކީ އެމެރިކާއިން އިސްރާއީލަށް ހަޅޭއްލަވާ ކަމާއި، އެމީހުން ދެކެ ރުޅިއައިސްފައިވާކަން ދެއްކުން،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އޭނާ ބާރުއެޅުއްވީ މިފަދަ ވާހަކަތަކުގެ ސަބަބުން ބިންމަތީގައި ހިނގާ ހަގީގީ ކަންތައްތަކަށް އެއްވެސް ބަދަލެއް ނާންނަކަމަށެވެ.
ކޮސްޓެލޯ ދެކެވަޑައިގަންނަވާ ގޮތުގައި، މި ޚަބަރުތައް ބޭރުކޮށްލުމުގެ އަސްލު ބޭނުމަކީ އީރާނަށް މެސެޖެއް ދިނުމެވެ. އެއީ ޓްރަމްޕަކީ ސީރިއަސް ބޭފުޅެއްކަން ދެއްކުމާއި، ލުބުނާނުގައި ހިނގާ ކަންތައްތަކާއި އީރާނާއެކު ކުރެވޭ މަޝްވަރާތަކާ ވަކިކުރުމެވެ.
މުރުތަޒަވީ އިންޒާރު ދެއްވި ގޮތުގައި، އީރާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގެ ހުރިހާ ފަރާތްތަކުންވެސް ދަނީ އާންމުންގެ ވިސްނުމަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން އިސްތިއުފާ ދެއްވި ކަމަށް ބުނެ ދާދިފަހުން ފެތުރުނު ޚަބަރުތަކަކީވެސް މިފަދަ ރޭވުމެއްގެ ބައެކެވެ. އެ ޚަބަރު ފެތުރުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ރައީސްގެ އޮފީހުން ވަނީ އެކަން ދޮގުކޮށްފައެވެ.
" މިއީ ހަމައެކަނި މައިދާނުގައި ކުރެވޭ ހަނގުރާމައެއް ނޫން. މިއީ ޖާސޫސީ ހަނގުރާމައެއް، މިއީ މަޢުލޫމާތާއި ވާހަކަ ފެތުރުމުގެ ހަނގުރާމައެއް،" މުރުތަޒަވީ އަލްޖަޒީރާއަށް ވިދާޅުވިއެވެ.
"މީގެ އިތުރުން މިއީ 'އިންފޮމޭޝަން ވޯ' ނުވަތަ މަޢުލޫމާތުގެ ހަނގުރާމައެއް. މީގެ ތެރޭގައި ދޮގު މަޢުލޫމާތު ފެތުރުމާއި، ކަންކަމުގެ އެއްބައި ހާމަކުރުމާއި، އަދި ވަކި މަގުސަދެއް ހާސިލުކުރުމަށްޓަކައި ގަސްދުގައި ސިއްރު މަޢުލޫމާތު ބޭރުކޮށްލުން (ސްޓްރެޓީޖިކް ލީކްސް) ހިމެނޭ."
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

