އައްޑޫ މީދޫގައި އޮންނަ "މަތިކިޅި އީކޯ ގާޑަން" އަކީ އެ ރަށުގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަނެކެވެ. ނަމަވެސް، ދިމާވި އަލިފާނުގެ ހާދިސާއެއްގައި އެތަނުގެ ވޯކްވޭގެ ބޮޑު ބައެއް އަނދައި ހަލާކުވުމާ ގުޅިގެން، ގިނަ ދުވަސްތަކެއް ވަންދެން އެތަން އޮތީ ބަންދުކޮށްފައެވެ.
އެހެންނަމަވެސް ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް އީކޯ ގާޑަން އަލުން ހުޅުވުމަށްޓަކައި، ހަލާކުވެފައިވާ ވޯކްވޭ މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ދަނީ ބާރުސްޕީޑެއްގައި ކުރިއަށެވެ. މި މަސައްކަތަކީ އައްޑޫ މީދޫ ކައުންސިލާއި، އެ ރަށުގެ ހީވާގި ޒުވާނުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމަކާއެކު ކުރިއަށްދާ މުހިއްމު މަސައްކަތެކެވެ.
އީކޯ ގާޑަންގެ ވޯކްވޭ މަރާމާތުކޮށް، ބޮޑު ހޭދައެއް ކުރަމުންދާއިރު، އެތަނަށް ޒިޔާރަތްކުރާ މީހުންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ އެތަނަށްވަންނަން އޮންނަ މަގުގެ ދަތިކަމެވެ. މިހާރު ވަންނަން އޮންނަ މަގު އޮތްގޮތުން އެތަނަށް ދާމީހުން އެތަނަށް ވަނުމަށް އޮންނަމ މަގުކައިރީގައި ކާރާއި ސައިކަލު ފަދަ އުޅަނދުތައް ޕާކު ކުރެވޭނެ އެކަށީގެންވާ ޖާގައެއް އޮތް ތަނެއް ނޫނެވެ. މީގެ ސަބަބުން އެތަން ބަލަންދާ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެއެވެ.
މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ، ކުރީގެ ޝަމްސުއްދީން ސްކޫލާ ދިމާލުން އޮންނަ "ހެރަސްމަގުން" އީކޯ ގާޑަންއަށް ވަދެވޭ ގޮތަށް މަގު ބަދަލުކުރުމެވެ. މި ބަދަލު ގެނެސްފިނަމަ:
ވެހިކަލްތައް ޕާކުކުރުމަށް ތަނަވަސް ޖާގައެއް ލިބިގެންދާނެއެވެ.
ތަނަށް ވަދެނިކުމެ ހެދުމުގައި ދަތިކަން ކުޑަވާނެއެވެ.
އަދި އާއިލާތަކާއި ފަތުރުވެރިންނަށް އެއްވެސް ދަތިކަމެއް ނެތި ތަނަށް ޒިޔާރަތްކުރުމުގެ މަގު ފަހިވާނެއެވެ.
މި ހުށަހެޅުމާ މެދު ތަފާތު ޚިޔާލުތަކެއް ހުރެދާނެކަން ގަބޫލުކުރަމެވެ. ނަމަވެސް، އީކޯ ގާޑަން ފަދަ ތަނަކަށް ކުރާ ބޮޑު އިންވެސްޓްމަންޓުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނީ، އެތަނަށް ދާ މީހުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހުރެގެންނެވެ. އެހެންކަމުން، އައްޑޫ މީދޫ ކައުންސިލުން މިކަމަށް ވިސްނަވައި، "ހެރަސްމަގުން" ވަދެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަކީ މިކަމަށް އޮތް ދާއިމީ ހައްލެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

