މުޅި އަހަރުދުވަހުގެ ތެރޭގައި އަންނަ އެންމެ މާތް، އަދި ހެޔޮކަން ބޮޑުވެގެންވާ ދުވަސްތަކަކީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މިއީ މާތްﷲ އެ ދުވަސްތަކެއްގެ ގަދަރު އުފުއްލަވައި، އެ ދުވަސްތަކުގެ މާތްކަން އިތުރު ކުރައްވާފައިވާ ދުވަސްތަކެކެވެ. ކީރިތި ޤުރުއާނުގެ ފަޖުރު ސޫރަތުގައި މާތްﷲ ވަނީ މި ދިހަ ރޭ ގަންދީ ހުވާކުރައްވާފައެވެ. އެހެންކަމުން މި ދުވަސްތަކަކީ މުސްލިމުންނަށް ލިބޭ ރަންގަނޑެއް ފަދަ އަގުހުރި ފުރުސަތެކެވެ.
މި މާތް ދިހަ ދުވަހަކީ އަޅުގަނޑުމެންގެ އާޚިރަތް ބާއްޖަވެރިކުރުމަށް ލިބޭ ވަރަށް ކުރު މުއްދަތެކެވެ. އެހެންކަމުން، މި ދުވަސްތަކުގެ ވަގުތުތައް ބޭކާރު ގޮތުގައި ހޭދަކޮށްލުމަކީ ކުރެވޭ ވަރަށް ބޮޑު އިހުމާލެކެވެ. ގިނަ ވަގުތު ނިދުމާއި، ބޭކާރު ވާހަކަ ދެއްކުމުގައި މަސްއޫލުވެ އުޅުމަކީ މި މާތް ދުވަސްތަކުގެ ބަރަކާތުން މަހުރޫމްވެދާނެ ކަމެކެވެ. މި ދުވަސްތަކުގައި ކުރާ ހެޔޮ އަމަލުތަކަކީ މާތްﷲގެ ހަޟުރަތުގައި އެހެން އެއްވެސް ދުވަސްވަރެއްގައި ކުރާ އަމަލުތަކަށްވުރެ ލޯބިވެތިވެގެންވާ އަމަލުތަކެކެވެ.
ދިރިއުޅުމުގެ އާދަކާދައަށް ގެންނަންޖެހޭ ބަދަލުތައްމި މާތް މޫސުމާ ކުރިމަތިލާއިރު، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބައެއް އާދަތަކަށް ބަދަލު ގެންނަންޖެހެއެވެ. އާންމު ދުވަސްތަކުގައި ކުރެވޭ ބައެއް ކަންކަމަކީ މި ދުވަސްވަރު ހުއްޓާލަންޖެހޭ ކަންކަމެވެ. އެގޮތުން:
# ފިލްމާއި ޑްރާމާ ބެލުމުގައި ވަގުތު ހޭދަކުރުން ހުއްޓާލުން.
# ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ބޭކާރު ގޮތުގައި ހޭދަކުރާ ވަގުތުތައް މަދުކުރުން.
# ކުޅިވަރު ކުޅުމާއި މަޖާކުރުމުގައި ވަގުތުތައް ދުއްވާނުލުން.
މިކަންކަމަކީ އާންމު ދުވަސްތަކުގައި ކުރެވޭ ކަންކަން ކަމުގައިވީ ނަމަވެސް، މި މާތް ދިހަ ދުވަހު މިފަދަ ކަންކަމުން އެއްފަރާތްވެ، ހެއްދެވި ފަރާތަށް ކުއްތަންވުމަށް އިސްކަންދޭންޖެހެއެވެ.
ދިނުންމި ދުވަސްތަކަކީ އަނބުރާ ނުލިބޭނެ އަގުބޮޑު ފުރުސަތެއްކަމަށް ބަލައި، ހެޔޮ އަމަލުތައް ކުރުމުގައި ގަދައަޅާ މަސައްކަތް ކުރަންޖެހެއެވެ. ގިނަގިނައިން ޛިކުރުކުރުމާއި، ތަކުބީރު ކިޔުމާއި، ސަދަގާތް ދިނުމާއި، ރޯދަހިފުން ފަދަ އަޅުކަންތަކުގައި ވަގުތު ހޭދަކުރުމަކީ ކޮންމެ މުސްލިމެއްގެ އަޒުމަކަށް ވާންޖެހެއެވެ. ޚާއްޞަކޮށް ޢަރަފާތް ދުވަހު ރޯދަހިފުމަކީ އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވައިދެއްވާނެ ކަމެއްކަން ހަނދާން ބަހައްޓަންޖެހެއެވެ.
ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ބޮޑުވެގެންވާ ނިއުމަތެކެވެ. މި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއަށް އޮތް މަގެކެވެ. އެހެންކަމުން، ވަގުތު ބޭކާރުކުރަނިވި އެންމެހައި ކަންކަމުން ދުރުހެލީ، މި މާތް މޫސުމުގެ ފުރިހަމަ ފައިދާ ލިބިގަތުމަށް އަވަސްވެގަންނަމާ ހިނގާށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

