އިސްލާމީ ތާރީޚާއި ދީނީ ފޮތްތަކުން އެނގޭ ގޮތުގައި، އަހަރުގެ ދުވަސްތަކުގެ ތެރެއިން މާތްﷲގެ ހަޟްރަތުގައި އެންމެ މާތްވެގެންވާ ދުވަސްތަކަކީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ 10 ދުވަހެވެ. މި ދުވަސްތަކަކީ އަޅުކަމުގެ މޫސުމެކެވެ. ހެޔޮ އަމަލުތައް ގިނަކޮށް، އަމިއްލަ ނަފްސު އިޞްލާޙުކުރުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ.
މި ދުވަސްތަކުގެ މާތްކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވަނީ، މި ދިހަ ދުވަހު ކުރާ ހެޔޮ އަމަލުތަކަށްވުރެ ބޮޑަށް މާތްﷲ ލޯބިވެވޮޑިގަންނަވާ އެހެން އެއްވެސް ދުވަހެއް ނުވާކަމަށެވެ. އެހެންކަމުން، އެންމެމާތް 10 ދުވަސް މި ޝިއާރުގެ ދަށުން އަޅުގަނޑުމެން ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވީ މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށެވެ.
މި މާތް ދުވަސްތަކުގެ ތެރޭގައި ކުރެވިދާނެ އެންމެ މާތް އެއް އަމަލަކީ ގާތްތިމާގެ ގުޅުން (ޞިލަތުއްރަޙިމް) ޤާއިމުކުރުމެވެ. އިސްލާމްދީނުގައި ގާތްތިމާގެ މީހުންނާ ގުޅުން ބޭއްވުމަކީ ވާޖިބެކެވެ. އަދި އެ ގުޅުން ކަނޑާލުމަކީ ބޮޑުވެގެންވާ ފާފައެކެވެ.
މި ދުވަސްތަކުގެ ބަރަކާތް ހޯދުމަށްޓަކައި، ހިތްތަކުގައިވާ ނުތަނަވަސްކަމާއި ބަދަލުހިފުމުގެ ރޫޙު ދޫކޮށްލަންޖެހެއެވެ. މި މާތް 10 ދުވަހު ގާތްތިމާގެ މީހަކާ ގުޅުން ކެނޑިފައިވާނަމަ، އެމީހަކަށް މަޢާފުކޮށް، އިސްވެ ގުޅުން ޤާއިމުކުރުމަކީ އީމާންކަން ފުރިހަމަވުމުގެ ނިޝާނެކެވެ. ހިތްހަމަނުޖެހުންތައް އެއްފަރާތްކޮށް، ޢާއިލީ ގުޅުންތައް އައުކުރުމަކީ މާތްﷲގެ ރަޙްމަތް ލިބުމަށް އޮތް މަގެކެވެ.
ޛުލްޙިއްޖާ މަހުގެ ފުރަތަމަ 10 ދުވަހަކީ ހަމައެކަނި ރޯދަހިފުމާއި ޛިކުރުކުރުމަށް އޮތް ދުވަސްތަކެއް ނޫނެވެ. އެއީ އިޖުތިމާޢީ ގުޅުންތައް ވަރުގަދަކޮށް، މީސްތަކުންގެ މެދުގައި އޮންނަ ރުޅިވެރިކަން ފިލުވައިލުމަށް ލިބޭ ފުރުޞަތެކެވެ. އެހެންކަމުން، މި ބަރަކާތްތެރި ދުވަސްތައް ނިމުމުގެ ކުރިން، ގުޅުން ކެނޑިފައިވާ ގާތްތިމާގެ މީހުންނަށް މަޢާފުކޮށް، އެކުވެރިކަމުގެ އަތެއް ދިއްކޮށްލަމާ ހިނގާށެވެ. އެއީ އާޚިރަތުގެ ބޮޑުވެގެންވާ ޘަވާބާއި ދުނިޔޭގެ ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

