ގައުމީ މަސްލަހަތު" އިސްކުރުމަށްޓަކައި އޯޕެކް އަދި އޯޕެކް ޕްލަސް އިން ވަކިވާން ނިންމިކަން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ހާމަކޮށްފިއެވެ. މިއީ އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ތާރީހީ ބޮޑު ލޮޅުމެއް އަރައި، ދުނިޔޭގެ އިގްތިސާދަށް ނުތަނަވަސްކަން ލިބިފައިވާ ދަނޑިވަޅެއްގައި، ތެޔޮ އެކްސްޕޯޓްކުރާ ގައުމުތަކުގެ އިއްތިހާދަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެކެވެ.
މި ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ. މިއީ ޔޫއޭއީގެ ދުރުރާސްތާގެ އިސްތިރާތީޖީ އަދި އިގްތިސާދީ ތަސައްވުރާއި، އެ ގައުމުގެ ހަކަތައިގެ ދާއިރާ ބަދަލުވަމުންދާ ގޮތް ދައްކުވައިދޭ ނިންމުމެއް ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން މިދިޔަ އަންގާރަ ދުވަހު ބުނެފައިވެއެވެ.
"މި ޖަމާއަތުގައި ހޭދަކުރި މުއްދަތުގައި ހުރިހާ ގައުމުތަކެއްގެ ފައިދާއަށްޓަކައި އަޅުގަނޑުމެން ބޮޑެތި މަސައްކަތްތަކަކާއި ގުރުބާނީތަކެއް ވީމެވެ،"
ޔޫއޭއީގެ ދައުލަތުގެ މީޑިއާއިން ފޮނުވި ބަޔާނެއްގައި ބުނެފައިވެއެވެ.
"ނަމަވެސް، މިހާރު މިއީ އަޅުގަނޑުމެންގެ ގައުމީ މަސްލަހަތު ނިޔާކުރާ ގޮތުގެ މަތިން އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަންކުރަންވީ ވަގުތެވެ."
އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
އޯޕެކްގެ ދުވަސްވީ މެންބަރެއް ކަމަށްވާ ޔޫއޭއީ ވަކިވުމަކީ އެ އިއްތިހާދުގެ ތެރޭގައި ހައިޖާނު އުފެދި، އެޖަމާއަތުގެ ބާރު ހީނަރުވެގެންދާނެ ކަމެކެވެ. އާންމުގޮތެއްގައި އޯޕެކްއަކީ ޖިއޯޕޮލިޓިކަލް މައްސަލަތަކާއި ތެޔޮ އުފައްދާ މިންވަރުގެ ކޯޓާއާ ގުޅޭގޮތުން ދާހިލީ ތަފާތުވުންތަކެއް ހުރި ނަމަވެސް، ބޭރު ފުށުން އެއްބައިވަންތަކަން ދައްކަން މަސައްކަތްކުރާ ޖަމާއަތެކެވެ.
އޯޕެކްގެ މެންބަރު ޤައުމުތައް
ތެޔޮ އެކްސްޕޯޓްކުރާ ޤައުމުތަކުގެ ޖަމްޢިއްޔާ ނުވަތަ "އޯޕެކް" (OPEC) އެކުލެވިގެންވަނީ ޖުމްލަ 12 ޤައުމެއްގެ މައްޗަށެވެ. ދުނިޔޭގައި އުފައްދާ ސާފުނުކުރާ ތެލުގެ ބޮޑު އިންސައްތައެއް ކޮންޓްރޯލް ކުރަނީ މި ޤައުމުތަކުންނެވެ. އަދި ދުނިޔޭގައި ކަށަވަރުކުރެވިފައިވާ ތެލުގެ ރައްކާ (proven reserves) ގެ 80 އިންސައްތަ ހިއްސާކުރަނީވެސް މި ޖަމްޢިއްޔާގެ މެންބަރު ޤައުމުތަކުންނެވެ.
2016 ވަނަ އަހަރު، އޯޕެކްގެ މެންބަރު ޤައުމުތަކާއި ތެޔޮ އުފައްދާ އެހެން ބައެއް ޤައުމުތަކާ ދެމެދު އުފެދުނު އިއްތިޙާދުގެ ނަތީޖާއެއްގެ ގޮތުން "އޯޕެކް ޕްލަސް" (OPEC+) އުފެދިގެންދިޔައެވެ.
ޔޫއޭއީގެ އެނާޖީ މިނިސްޓަރު ސުހައިލް މުހައްމަދު އަލް-މަޒްރޫއީ ވިދާޅުވި ގޮތުގައި މި ނިންމުން ނިންމާފައިވަނީ އެ ސަރަހައްދުގެ ބާރެއްގެ ގޮތުގައި ޔޫއޭއީން ގެންގުޅޭ ހަކަތައިގެ އުސޫލުތައް ފުންކޮށް ދިރާސާކުރުމަށްފަހުގައެވެ. އޯޕެކްގެ އެންމެ ނުފޫޒުގަދަ ގައުމު ކަމަށްވާ ސައުދީ އަރަބިއްޔާއާ މިކަމާ ބެހޭގޮތުން މަޝްވަރާކުރިތޯ ސުވާލުކުރުމުން، އޭނާ ވިދާޅުވީ އެއްވެސް އެހެން ގައުމަކާ މި މައްސަލައިގައި މަޝްވަރާކޮށްފައި ނުވާނެ ކަމަށެވެ.
"މިއީ ސިޔާސަތާ ގުޅުންހުރި ނިންމުމެއް. މި ނިންމުން ނިންމާފައިވަނީ ތެޔޮ އުފައްދާ މިންވަރާ ގުޅޭ މިހާރުގެ އަދި މުސްތަގުބަލުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ރިއާޔަތްކުރުމަށްފަހު،"
ރޮއިޓާސް ނިއުސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރު ވިދާޅުވިއެވެ.
އޯޕެކްގައި ހިމެނޭ ގަލްފުގެ ގައުމުތަކުން މިހާރުވެސް ދަނީ ހޮރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ ބޭރުކުރުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލަމުންނެވެ. އީރާނާއި އޮމާންއާ ދެމެދު އޮންނަ މި ހަނި ކަނޑުއޮޅިއަކީ ދުނިޔޭގެ ސާފުނުކުރާ ތެލާއި އެލް.އެން.ޖީ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް ދަތުރުކުރާ މަގަށްވާއިރު، ހަނގުރާމައިގެ ތެރޭގައި އުޅަނދުފަހަރަށް ކުރިމަތިވާ ހަމަލާތަކާއި އިންޒާރުތަކުގެ ސަބަބުން މި މަގު ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވަނީ ތެލުގެ އަގު އުފުލިގެން އޯޕެކުން "ދުނިޔޭގެ އެހެން ގައުމުތަކަށް އޮޅުވާލަމުންދާ" ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ގަލްފުގެ ގައުމުތަކަށް އެމެރިކާއިންދޭ އަސްކަރީ އެހީތެރިކަމާއި ތެލުގެ އަގާ ގުޅުވައި، އެމެރިކާއިން އޯޕެކްގެ މެންބަރުން ދިފާއުކޮށްދޭއިރު، އެ ގައުމުތަކުން ތެލުގެ އަގު ބޮޑުކޮށްގެން އޭގެ ނާޖާއިޒު ފައިދާ ނަގާކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ފާޑުވިދާޅުވެފައެވެ.
ޔޫއޭއީއަކީ 1967 ވަނަ އަހަރުން ފެށިގެން އޯޕެކްގެ މެންބަރެކެވެ. ނަމަވެސް، ފަހަކަށް އައިސް އެމެރިކާއިން ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމާ ގުޅިގެން، ވިއެނާގައި މަރުކަޒުވެފައިވާ މި އިއްތިހާދުގެ ބާޒާރުގެ ނުފޫޒު ވަނީ ކޮންމެވެސް ވަރަކަށް ކުޑަވާން ފަށާފައެވެ.
މީގެ އިތުރުން، ޔޫއޭއީ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އިގްތިސާދީ ކަންކަމުގައާއި ސަރަހައްދީ ސިޔާސީ މަސްލަހަތުތަކުގައި، ހާއްސަކޮށް ރަތްކަނޑުގެ ސަރަހައްދުގައި އޮންނަ ވާދަވެރިކަން ވަނީ އިތުރުވެފައެވެ. ޔަމަނުގައި އީރާނުގެ ތާއީދު އޮންނަ ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް 2015 ވަނަ އަހަރު މި ދެ ގައުމުން އެއްބައިވި ނަމަވެސް، މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ސައުދީން ޔޫއޭއީގެ ތާއީދު އޮންނަ ޔަމަނުގެ ވަކިވެގަންނަން އުޅޭ ގުރޫޕަކަށް ފޮނުވި ހަތިޔާރުތަކަކަށް ހަމަލާދިނުމާ ގުޅިގެން އެ ގުޅުމަށް ވަނީ ބުރޫ އަރާފައެވެ.
ހަކަތައާ ބެހޭ ދިރާސާތައް ކުރާ 'ރިސްޓަޑް އެނާޖީ' އިން ބުނާ ގޮތުގައި ޔޫއޭއީ އޯޕެކުން ވަކިވުމަކީ ތެޔޮ އުފައްދާ ގައުމުތަކަށް އަންނާނެ ބޮޑު ބަދަލެކެވެ. އެ ކުންފުނީގެ ޖިއޯޕޮލިޓިކަލް އެނަލިސިސްގެ އިސްވެރިޔާ ހޯހޭ ލިއޮން ވިދާޅުވީ، ދުވާލަކު 4.8 މިލިއަން ފީފާ ތެޔޮ އުފެއްދުމުގެ ގާބިލުކަން ހުރި އަދި އެ މިންވަރު އިތުރުކުރުމުގެ އުންމީދު އޮތް މެންބަރަކު ގެއްލުމަކީ އެ ޖަމާއަތުގެ ބާރު ކެނޑިގެންދާނެ ކަމެއް ކަމަށެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ތެލުގެ ޑިމާންޑް އެންމެ މައްޗަށް ދާނެ ވަގުތު ކައިރިވަމުން އަންނައިރު، ކުޑަ ހަރަދަކުން ތެޔޮ އުފެއްދޭ ގައުމުތަކުގެ ވިސްނުން މިހާރު ދަނީ ވަރަށް ބާރަށް ބަދަލުވަމުންނެވެ. އަދި އޯޕެކްގެ ކޯޓާ ނިޒާމުގެ ތެރޭގައި މަޑުކޮށްގެން ތިބުމަކީ ލިބެން އޮތް ފައިދާއެއް ދޫކޮށްލުން ފަދަ ކަމެއްގެ ގޮތުގައި އެ ގައުމުތަކަށް މިހާރު ފެނެއެވެ. މީގެ ސަބަބުން، ތެލުގެ އަގު ހިފެހެއްޓުމުގެ މުޅި ޒިންމާ ސައުދީ އަރަބިއްޔާއަށް އުފުލަން ޖެހިފައިވާއިރު، ބާޒާރަށް އަންނަ ލޮޅުންތައް ކުޑަކުރުމަށް އޮތް މަދު ވަސީލަތްތަކުގެ ތެރެއިން އެކެއް މިވަނީ ބާޒާރަށް ގެއްލިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

