ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ރެކޯޑް އަދަދަކަށް ގޯލު ފެނިގެންދިޔަ މެޗުން ބަޔާން މިއުނިކްގެ މައްޗަށް 5-4 އިން ޕީ.އެސް.ޖީ ކުރި ހޯދައިފިއެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފަކީ ވަރަށް ފޯރިގަދަ ހާފެކެވެ. މެޗުގެ ކުރީކޮޅު ހެރީ ކޭން ކާމިޔާބުކުރި ޕެނަލްޓީއަކުން ބަޔާން ކުރި ހޯދި ނަމަވެސް، ކްވަރަޓްސްޚޭލިއާ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ ފަހުން ޔާއޯ ނެވޭސް ބޮލުން ޖެހި ލަނޑަކުން ޕީ.އެސް.ޖީ އަށް ލީޑު ލިބުނެވެ. އެހެންނަމަވެސް ބަޔާންގެ މައިކަލް އޮލީސޭ ބަޔާން އަށް ނަތީޖާ ހަމަހަމަކޮށްދީފައި ވަނިކޮށް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ޑެމްބެލޭ ވަނީ އަލުން ޕީ.އެސް.ޖީ އަށް ކުރި ހޯދައިދީފައެވެ.

ދެވަނަ ހާފު ފެށިގެން، މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާ ކަމަށްވާ ކްވަރަޓްސްޚޭލިއާ އާއި ޑެމްބެލޭ އިތުރު ދެލަނޑު ޖަހައި، 5-2 އަށް ނަތީޖާ ބަދަލުކުރިއެވެ. އެކަމަކު ބަޔާންގެ ޑަޔޮޓް އުޕަމެކާނޯ އާއި ލުއިސް ޑިއާޒް ޖެހި ދެލަނޑުތަކުން މެޗުގެ ފޯރި އިތުރަށް ގަދަވެ، 5-4 އަށް ނަތީޖާ ބަދަލުވިއެވެ. އަދި މެޗް ނިމިގެން ދިޔައީސްވެސް މިނަތީޖާއިން ޕީއެސްޖީ މޮޅުވެގެންނެވެ.

މި ފޯރިގަދަ ކުރިމަތިލުމުގެ ދެވަނަ ލެގު އޮންނާނީ އަންނަ ބުދަ ދުވަހު ބަޔާންގެ އެލިއަންޒް އެރީނާގައެވެ. މެއި 30 ވަނަ ދުވަހު ބުޑަޕެސްޓުގައި އޮންނަ ފައިނަލުން ޖާގަ ހޯދުމަށް ދެ ޓީމަށް ވެސް އަދި ފުރުސަތު އެބައޮތެވެ. ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ކުޅޭ ޕީ.އެސް.ޖީ އަށް އެޑްވާންޓޭޖެއް އޮތް ނަމަވެސް، އަމިއްލަ ދަނޑުގައި ނަތީޖާ އަނބުރާލެވޭނެ ކަމުގެ ފުރިހަމަ އިތުބާރު ބަޔާން އަށް އެބައޮތެވެ.

ފްރާންސްގެ ޗެމްޕިއަން ޕީ.އެސް.ޖީ އަމާޒު ހިފާފައިވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް މުބާރާތުގެ ތަށި ދިފާއުކުރާ ދެވަނަ ޓީމަށް ވުމަށެވެ. އަނެއްކޮޅުން، ޖަރުމަނުގެ ބަޔާން މިއުނިކުން މަސައްކަތް ކުރަމުންދަނީ 2020 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ފައިނަލަށް ދަތުރުކުރުމަށެވެ.

ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން ކުޅޭ ބަޔާން މިއުނިކް ވަނީ މި ސީޒަނުގައި 167 ލަނޑު ޖަހާފައެވެ. އޭގެ ތެރޭގައި ހިމެނޭ ތަރި ހެރީ ކޭން ވަނީ މިހާތަނަށް ކުޅުނު 45 މެޗުގައި 53 ލަނޑު ކާމިޔާބުކޮށްފައެވެ.
މެޗަށްފަހު ހެރީ ކޭން ބުނީ، ޓީމުން ދެއްކި ހިތްވަރާ މެދު ފަޚުރުވެރިވާ ކަމަށާއި، ދެވަނަ ލެގުގައި އިދިކޮޅު ޓީމަށް ނުރައްކާ ކުރެވޭނެކަން މި މެޗުން ސާބިތުވެއްޖެ ކަމަށެވެ.
ސެމީ ފައިނަލުގެ އަނެއް މެޗުގައި ބުދަ ދުވަހުގެ މިރޭ އެތުލެޓިކޯ މެޑްރިޑް ނުކުންނާނީ އާސެނަލްއާ ދެކޮޅަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

