މިދިޔަ އަހަރުގެ ޖުލައި މަހު ރިލީޒްކުރި 'ސައްޔާރާ' އަކީ 2025 ވަނަ އަހަރު ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. މޯހިތު ސޫރީ ޑައިރެކްޓްކުރި މި ފިލްމަކީ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާގެ ފަންނާނީ ހަޔާތުގައި މަގްބޫލުކަން ލިބިގެން ކާމިޔާބު ފިލްމެކެވެ.
މިކަމާ ގުޅޭގޮތުން ދާދި ފަހުން ދިން އިންޓަވިއުއެއްގައި އަހާން ވަނީ އެ ދެމީހުންގެ މެދުގައި އޮތް ގާތް ގުޅުމާއި، ފިލްމު ރިލީޒްކުރުމުގެ ކުރުމުގެ ކުރީގެ ވާހަކަ ތަކެއް ހިއްސާކޮށްފައެވެ.
ފިލްމްފެއަރ އަށް ދިން އިންޓަވިއުއެއްގައި އަހާން ބުންޏެވެ. "އަހަރެން ހަނދާން އެބަހުރި އޭނާ ގޮވައިގެން އެކި ތަންތަނަށް ދިޔަ ހަނދާން. އަހަރެމެން ދުޢާކުރިން ފިލްމަށް ކުރި ޚަރަދު ސަލާމަތްވެ، އަހަރެމެން ކުރަން ބޭނުންވާ މަސައްކަތް ކުރިއަށް ގެންދެވޭނެ ފުރުސަތު ލިބުމަށް އެދި."
އޭނާ އިތުރަށް ކިޔައިދިން ގޮތުގައި، ފިލްމު ރިލީޒްކުރި ދުވަހުގެ ހެނދުނު ސިނަމާ ބޭރުގައި މީހުން ކިއޫ ހަދާފައި ތިބި މަންޒަރު ފެންނަ ވީޑިއޯއެއް ލިބުމުން، އެއީ އެމީހުންގެ ފިލްމަށް ގޮސް ތިބި ބައެއްކަން ގަބޫލުކުރަން ދަތިވިއެވެ. "އަހަރެން އަނީތު އާއި މޯހިތު ސަރ އަށް ގުޅާފައި މިއީ ހަމަ ހަގީގަތެއްތޯ އެހިން. އޭނާ ބުނީ އާނއެކޭ، މީހުން އެދަނީ ފިލްމު ބަލަމުންނޭ. އޭގެ ފަހުން ދެ މަސް ދުވަސް ހޭދަވީ ހަމަ ހައިރާންކަމުގެ ތެރޭގައި،" އަހާން ބުންޏެވެ.
އަނީތު އާ ބެހޭގޮތުން އަހާން ބުނީ އޭނާއަކީ މަސައްކަތަށް ވަރަށް ފަރުވާތެރި، ހުނަރުވެރި ކުއްޖެއް ކަމަށެވެ. އަދި އޭނާގެ ފަރާތުން ގިނަ ކަންތައްތަކެއް ދަސްވި ކަމަށާއި، ސެޓުގައި އޭނާގެ ހުނަރުވެރިކަމުން 'ސީނިއާ' އެއްގެ ގޮތުގައި ދެކުނު ކަމަށްވެސް އަހާން ފާހަގަކުރިއެވެ.
މިއުޒިކަލް ރޮމޭންސްގެ 'ސައްޔާރާ' އަކީ 2025 ވަނަ އަހަރު އިންޑިއާގައި ނެރުނު އެންމެ ކާމިޔާބު އެއް ފިލްމެވެ. މުޅި ދުނިޔެއިން 577 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި މި ފިލްމަކީ އެ އަހަރުގެ ދެވަނައަށް އެންމެ އާމްދަނީ ލިބުނު ފިލްމެވެ. އަދި މިއީ އިންޑިއާގެ ސިނަމާގެ ތާރީޚުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ލޯބީގެ ފިލްމުވެސް މެއެވެ.
މި ފިލްމަކީ އަހާން ޕާންޑޭ ބޮލީވުޑަށް ތައާރަފުވި ފިލްމެވެ. އަދި މިއީ މީގެ ކުރިން 'ސަލާމް ވެންކީ' އިން ފެނިގެންދިޔަ އަނީތު ޕައްޑާ ބަތަލާއެއްގެ ގޮތުގައި ފެނިގެންދިޔަ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ މަޝްހޫރުވާން މަސައްކަތްކުރާ މިއުޒީޝަނެއް ކަމަށްވާ ކްރިޝް އާއި، ނޫސްވެރިއަކަށް ވާން ބޭނުންވާ ޅެންވެރިއެއް ކަމަށްވާ ވާނީ ބަޓްރާގެ ލޯބީގެ މައްޗަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

