ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑުން 2-1 ގެ ނަތީޖާއަކުން އަލަވޭސް ބަލިކޮށް، ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ހަ ޕޮއިންޓަށް ކުޑަކޮށްފިއެވެ. ކީލިއަން އެމްބާޕޭ އާއި ވިނީޝިއަސް ޖޫނިއާ ކާމިޔާބުކޮށްދިން ލަނޑުތަކާއެކު، ރެއާލްއިން ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން މޮޅެއް ނުލިބި އޮތް އޮތުން ނިމުމަކަށް ގެނެސްފައެވެ.
އަންގާރަ ދުވަހުގެ ރޭ ބާނަބާއު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ކުރީކޮޅު ރެއާލްގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. މެޗު ފެށިގެން އަލަވޭސްއިން ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރުމުން، ދަނޑަށް އެއްވި ރއާލްގެ ސަޕޯޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެދުނެވެ. އަދި ޓީމުގެ ކުޅުން ދަށްވުމުގެ ސަބަބުން ބައެއް ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މެޗުގެ ފަހު ވަގުތު އަލަވޭސްއިން ލަނޑު ޖެހުމުންނާއި، މެޗު ނިމުނު ވަގުތުވެސް ބައެއް ސަޕޯޓަރުން ވަނީ ޓީމަށް ފާޑުކިޔައި އަޑުގަދަކޮށްފައެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ރެއާލްއަށް ލީޑު ނަގައިދިނީ އެމްބާޕޭއެވެ. އޭނާ ފޮނުވާލި ހަމަލާ ގޯލަށް ވަނީ އަލަވޭސްގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައެވެ. މިއީ ފެބްރުއަރީ މަހަށްފަހު ލީގު މެޗެއްގައި އެމްބާޕޭ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް ލީގުގައި 24 ލަނޑު ޖަހައި، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ދަމަހައްޓާފައެވެ.
ރެއާލްގެ ދެވަނަ ލަނޑު 50 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ވިނީޝިއަސްއެވެ. މިއީ ކްލަބާއި ގައުމީ ޓީމަށް ކުޅުނު އެންމެ ފަހު ހަ މެޗުގައި ލަނޑެއް ނުޖެހި އޮތުމަށްފަހު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
ރެލިގޭޝަން ޒޯނާ އެންމެ ޕޮއިންޓެއްގެ ކައިރީގައި އޮތް އަލަވޭސްގެ ހަމައެކަނި ލަނޑު، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޓޯނީ މާޓިނޭޒްއެވެ. އަލަވޭސްއިން އެންމެ ފަހުން ކުޅުނު ލީގު ނުވަ މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ.
ލީގުގެ އެހެން މެޗުތަކަށް ބަލާއިރު، އެތުލެޓިކް ބިލްބާއޯއިން ވަނީ 1-0 އިން އޮސަސޫނާ ބަލިކޮށްފައެވެ. މި މެޗުގައި ބިލްބާއޯގެ ކީޕަރު އުނާއި ސިމޯން ވަނީ ޕެނަލްޓީއެއް ދިފާއުކޮށް މުހިންމު ސޭވްތަކެއް ކޮށްފައެވެ. މަލޯކާ އާއި ވެލެންސިއާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، ރެއާލް ބެޓިސްއިން ވަނީ 3-2 އިން ޖިރޯނާގެ މައްޗަށް ކުރިހޯދާފައެވެ. ބެޓިސް މޮޅުކޮށްދިން ލަނޑު 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޮޑްރިގޯ ރިކޭލްމޭއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

