ކުޑަކުދިންނާއި މިސްކިތާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، އެ ގުޅުން ދެމެހެއްޓުމުގެ މަގުސަދުގައި ސ. މީދޫގައި ކުރިއަށްގެންދާ "މަސްޖިދު ލީގު" ފުޓުބޯޅަ މުބާރާތުގައި އިއްޔެ ކުޅެވުނު ފޯރިގަދަ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
މީދޫ އަވަށު އޮފީހާއި ރަށުގެ ހެޔޮއެދޭ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގައި އިއްޔެ ބައްދަލުކުރީ މާމިސްކިތް ޓީމާއި މަސްޖިދު ހުސެން އަލީގެ ޓީމެވެ. މީދޫ ފުޓުބޯޅަ ދަނޑުގައި ކުޅެވުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މި ލީގު އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޝެއިޚް ޠައްޔިބު ވިދާޅުވީ، މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ކުދިން އެންމެ ޝައުގުވެރިވާ ކުޅިވަރުގެ ވަސީލަތް ބޭނުންކޮށްގެން، ފުޓުބޯޅައިގެ ތެރެއިން ދީނީ ކަންކަމަށް ކުދިންގެ ހިތްތަކުގައި ލޯބިޖެއްސުން ކަމަށެވެ.
މަސްޖިދު ލީގުގެ ހަރަކާތްތައް ބައްޓަންކުރެވިފައިވަނީ ހަމައެކަނި ކުޅިވަރަކަށް ނޫންކަމަށް ވިދާޅުވަމުން ޝެއިޚް ޠައްޔިބު ފާހަގަކުރެއްވި ގޮތުގައި، މި ލީގުގައި ބައިވެރިވާ ކޮންމެ ކުއްޖަކީވެސް ފަސް ވަގުތު ނަމާދުކުރާ ކުއްޖަކަށްވުމަކީ މުބާރާތުގައި ބައިވެރިވުމުގެ އަސާސީ ޝަރުޠެއްކަމަށެވެ. މީގެ އިތުރުން، ކުދިންގެ އަޚްލާގީ މިންގަނޑު ހަރުދަނާކުރުމަށްޓަކައި ކޮންމެ ހަފުތާއަކު އެއްދުވަހު މިސްކިތުގައި ހާއްސަ ދީނީ ކްލާސްތަކެއްވެސް ދަނީ ހިންގަމުންކަމަށް ޝެއިޚް ޠައްޔިބު ވިދާޅުވިއެވެ.
މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި ސ. މީދޫ އަވަށު އޮފީހުގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ޝެއިޚް ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
މިފަދަ ހަރަކާތްތަކުގެ ސަބަބުން މުޖުތަމައުގައި ދީނީ ހޭލުންތެރިކަން އިތުރުވެ، މިސްކިތްތަކަށް އަހުލުވެރި ޖީލެއް ބިނާވުމަށް މަގުފަހިވެގެންދާނެކަމަށް ޝެއިޚް ޠައްޔިތު ވިދާޅުވިއެވެ.
"މަސްޖިދު ލީގު"ގައި އިއްޔެ ކުޅެވުނު މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަސްޖިދު ހުސެން އަލީގެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިން ޒައިކު ޝާހީނެވެ.














ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

