2026 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތުގެ ޓިކެޓް އަގުތަކަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރައްދު ދެއްވައިފިއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، މިއަހަރު އުތުރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ޓިކެޓް އަގުތައް ބޮޑުވުމާ ގުޅިގެން އެކަން ދިފާއު ކުރައްވަމުން ވިދާޅުވީ، މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓޭ މި ބޮޑު މުބާރާތަކީ ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު އެ އިދާރާއަށް އާމްދަނީ ލިބޭ ހަމައެކަނި ވަސީލަތް ކަމަށެވެ.
ނިއުޔޯކުގައި ހުކުރު ދުވަހު ބޭއްވި "ސެމަފޯ" އަހަރީ ދުނިޔޭގެ އިޤްތިޞާދީ ސަމިޓުގައި ވާހަކަ ދައްކަވަމުން އިންފަންޓީނޯ އަލުން ހަނދާންކޮށްދެއްވީ، ފީފާއަކީ 211 ގައުމެއްގެ މައްޗަށް އެކުލެވިގެންވާ، ފައިދާއަށް މަސައްކަތްނުކުރާ (ނޮން-ޕްރޮފިޓް) ޖަމިއްޔާއެއް ކަމެވެ.
"ވޯލްޑް ކަޕުން ބިލިއަނުން އާމްދަނީ ލިބޭތީ ގިނަ ބަޔަކަށް ހީވެފައި އޮންނަނީ މިއީ ވިޔަފާރި އުސޫލުން ހިންގާ ތަނެއް ކަމަށް. ނަމަވެސް ފީފާއަކީ ނޮން-ޕްރޮފިޓް އިދާރާއެއް. އޭގެ މާނައަކީ ލިބޭ ހުރިހާ އާމްދަނީއެއް އަޅުގަނޑުމެން އިންވެސްޓް ކުރަނީ ދުނިޔޭގެ 211 ގައުމެއްގައި ފުޓްބޯޅަ ކުރިއެރުވުމަށް،"
ސުވާލާއި ޖަވާބު ސެޝަނެއްގައި އިންފަންޓީނޯ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ފީފާއިން ދޭ އެހީތަކާ ނުލައި މީގެ ތެރެއިން ހަތަރުބައިކުޅަ ތިންބައި ގައުމުގައި ފުޓްބޯޅަ ހަރަކާތްތައް ހިންގުމަކީ ނާދިރު ކަމެއް ކަމަށާއި، އެހެންކަމުން އަބަދުވެސް މަސައްކަތް ކުރަނީ އެންމެ އެކަށީގެންވާ ހަމަހަމަ އުސޫލެއް ގެންގުޅުމަށް ކަމަށެވެ.
ޓިކެޓް ވިއްކާ ސެކަންޑަރީ މާކެޓް ސައިޓެއް ކަމަށްވާ "ސްޓަބްހަބް" އިން ދައްކާ ގޮތުގައި، ޖޫން 12 ގައި އެމެރިކާ އާއި ޕެރަގުއޭ ބައްދަލުކުރާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގެ އެންމެ އަގުހެޔޮ ޓިކެޓެއްގެ އަގު ހުރީ 1,359 ޑޮލަރަށެވެ. އަދި ލޮސް އެންޖެލިސްގެ ސްޓޭޑިއަމްގެ ތިރީ ސަރަހައްދުތަކުގެ ސީޓެއްގެ އަގު 14,000 ޑޮލަރަށް އަރައެވެ.
ޖުލައި 19 ގައި ނިއުޔޯކް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގެ ޓިކެޓް އަގުތަކަށް ބަލާއިރު، މަތީ ބައިގެ ސީޓެއް 8,860 ޑޮލަރަށް ހުރިއިރު، ތިރީ ބައިގެ ސީޓެއްގެ އަގު ވަނީ 25,000 ޑޮލަރަށް އުފުލިފައެވެ.
ޓިކެޓްގެ އަގުތަކާ ގުޅިގެން އާންމުންގެ ޝަކުވާތައް އިތުރުވުމާ ގުޅިގެން، ފީފާއިން ވަނީ ކޮންމެ ސްޓޭޑިއަމަކުންވެސް ވަކި އަދަދެއްގެ ޓިކެޓް 60 ޑޮލަރަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސާފައެވެ.
"ފީފާއަށް އާމްދަނީ ލިބޭ ހަމައެކަނި އިވެންޓަކީ ވޯލްޑް ކަޕް. މިއީ ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު އެއް މަސް ދުވަހަށް ކުރިއަށްދާ މުބާރާތެއް. އެހެންކަމުން އެއް މަސް ދުވަހުގެ ތެރޭގައި ލިބޭ އާމްދަނީ އަޅުގަނޑުމެން ހަރަދުކުރަނީ ޖެހިގެން އަންނަ ވޯލްޑް ކަޕާ ހަމައަށް އޮންނަ 47 މަސް ދުވަހުގެ ތެރޭގައި،"
އިންފަންޓީނޯ ވިދާޅުވިއެވެ.
އިންފަންޓީނޯ އުތުރު އެމެރިކާ ސިފަކުރެއްވީ "ވަރަށް ޚާއްސަ މާކެޓެއް" ގެ ގޮތުގައެވެ. އަދި އެ މާކެޓް ރަނގަޅަށް ދެނެގަތުމަށްޓަކައި ވޭތުވެދިޔަ ދެތިން އަހަރު އޭނާ ދިރިއުޅުއްވަމުން ގެންދެވީ އެމެރިކާގައި ކަމަށްވެސް ވިދާޅުވިއެވެ.
މިއަހަރުގެ ވޯލްޑް ކަޕަކީ ރެކޯޑް އަދަދަކަށް، މުޅިއެކު 48 ޓީމު ވާދަކުރާ މުބާރާތެކެވެ. 12 ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައެވެ. މި މުބާރާތުގައި ޖުމްލަ 104 މެޗު ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

