ރާއްޖޭގެ ދެކުނުގެ ރައްޔިތުންނަށް އުމްރާގެ މާތް އަޅުކަން އަދާކުރުމަށްޓަކައި މަގުފަހިކޮށްދިނުމުގެ ގޮތުން، އައްޑޫ ސިޓީން ސީދާ ސައޫދީ އަރަބިއްޔާއަށް އުމްރާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގައި ފާހަގަކޮށްލެވޭނެ ތާރީޚީ ނިންމުމެކެވެ.
މި ދަތުރަކީ ރާއްޖޭގެ ތާރީޚުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ނޫން އެހެން އެއާޕޯޓަކުން ސައޫދީ އަރަބިއްޔާއަށް އުމްރާ ދަތުރެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި ތާރީޚީ ދަތުރު އިންތިޒާމު ކުރަނީ ރާއްޖޭގެ މަޝްހޫރު ޓްރެވެލް އެޖެންސީއެއް ކަމަށްވާ "ދަ ޓްރެވެލާ" އިންނެވެ.
"ދަ ޓްރެވެލާ" އިން ހާމަކޮށްފައިވާ ގޮތުގައި، މި ދަތުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަންއާ ގުޅިގެންނެވެ. މިގޮތުން، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައޫދީގެ ޖިއްދާއަށް ފްލައިޓްތައް އޮޕަރޭޓް ކުރާނެއެވެ. މިއީ އެ އެޖެންސީގެ ރިކުއެސްޓަކަށް މޯލްޑިވިއަން އިން ބާއްވާ ޗާޓަރު ފްލައިޓެކެވެ.
މި ދަތުރުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ވައިޑް ބޮޑީ، އޭ330 މަރުކާގެ ބޯޓެވެ. މި ބޯޓަކީ އެއްފަހަރާ 264 ފަސިންޖަރުން އުފުލުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ. މީގެ އިތުރުން، އާންމު އުސޫލުން ދަތުރުވެރިންނަށް ލިބޭ 46 ކިލޯގެ ބަގޭޖް އެލަވަންސް މި ދަތުރުގައިވެސް ލިބޭނެ ކަމަށް މޯލްޑިވިއަން އިން މައުލޫމާތުދެއެވެ.
މި ދަތުރުގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް އުމްރާގެ ދަތުރުގެ މަގު ވަރަށް ބޮޑަށް ކުރުވެގެންދާނެއެވެ. މީގެ ކުރިން ދެކުނުގެ އަތޮޅުތަކުން އުމްރާއަށް ދާ މީހުން މާލެ އައިސް، މާލޭގައި މަޑުކުރުމަށްފަހު ސައޫދީއަށް ދަތުރުކުރަން ޖެހުމުގެ ސަބަބުން ގިނަ ވަގުތުތަކެއް ހޭދަވެ، ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހެއެވެ. ނަމަވެސް މި އައު ފެށުމާއެކު، މައްކާއާއި މަދީނާއަށް ދިއުމަށް އޮތް ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މާލެއަށް ނުގޮސް އައްޑޫން ސީދާ ސައޫދީއަށް ދަތުރުކުރެވޭނެ މަގު ފަހިވެގެން ދިއުމަކީ އައްޑޫ ސިޓީގެ އިތުރުން މުޅި ދެކުނުގެ އަތޮޅުތަކުގެ އުމްރާވެރިންނަށް ލިބޭނެ ވަރަށް ބޮޑު އުފަލަކާއި ފަސޭހައެކެވެ. "ދަ ޓްރެވެލާ" އިން ބުނާ ގޮތުގައި މި ދަތުރުގެ ބުކިންތަކަށް ވަރަށް އަވަހަށް ހުޅުވާލާނެއެވެ. މިއީ ދެކުނުގެ އަތޮޅުތަކުގެ ރަށްޔިތުންނަށް އަޅުކަމުގެ މަގު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

