ސ. ހުޅުދޫގެ ކަހާވަޑާގެ ހުޅަނގަށް އޮންނަ "ކޮނަންޓާ" ސަރަޙައްދަށް ފަސޭހައިން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން، އެ ސަރަޙައްދު ބްރިޖަކުން ގުޅާލުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މި މަޝްރޫޢަކީ ހުޅުދޫގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް މުހިންމު މަސައްކަތެކެވެ. މި ބްރިޖް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުދޫ ތުންޑުޔާމަގުގެ ހުޅަނގު ފަރާތާ ދިމާލުން މޫދުގައެވެ. މިހާރު ކުރިއަށްދަނީ ބްރިޖް އެޅުމަށްޓަކައި މޫދުގައި ތަނބުތައް ޖެހުމުގެ މުހިންމު މަރުޙަލާގެ މަސައްކަތެވެ.
މި ބްރިޖްގެ މަސައްކަތް ހަވާލުކުރެވިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ދަނީ ބްރިޖްގެ ތަނބުތައް ޖެހުމާއި، އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ބާރުދުވެލީގައި ކުރަމުންނެވެ.
މި މަޝްރޫޢު ނިމުމުން، ހުޅުދޫގެ ރައްޔިތުންނަށާއި އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކޮނަންޓާ ސަރަޙައްދަށް ދިއުމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. އަދި މިއީ ރަށުގެ ރީތިކަމާއި ފަތުރުވެރިކަމަށްވެސް ލިބިގެންދާނެ އިތުރު ކުރިއެރުމެއްކަން ފާހަގަކުރެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

