ރާއްޖެ ޓައިމްސް އިން އިންތިޒާމުކޮށްގެން މާރޗް މަހުގެ 30 ވަނަ ދުވަހުގެރޭ ބޭއްވި ހުޅުދޫ ދާއިރާގެ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ބަހުސްގައި، ސަރުކާރު ހިންގާ ޕީއެންސީގެ ކެނޑިޑޭޓް މޫސާ ސިއްދީގު ތަފާތު ދައްކައި، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.
މި ބަހުސްއަކީ ދާއިރާގެ ކުރިމަގާ ގުޅޭގޮތުން ކެނޑިޑޭޓުން ގެންގުޅުއްވާ ތަސައްވުރު ރައްޔިތުންނަށް ހާމަކޮށްދިނުމަށް ލިބުނު ވަރަށް މުހިންމު ފުރުސަތެކެވެ.
ފޯރިގަދަ މި ބަހުސްގައި ޖުމްލަ ތިން ކެނޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ. އެއީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މޫސާ ސިއްދީގުގެ އިތުރުން، އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް ޖާދުﷲ އަދި އަމިއްލަ ގޮތުން މި ގޮނޑިއަށް ވާދަކުރައްވާ އިބްރާހިމް އިރުޝާދު އެވެ.
ބަހުސްގެ ކަންކަން ކުރިއަށްދިޔަ ގޮތަށް ބަލާއިރު، ދާއިރާގެ ތަރައްގީއާއި ރައްޔިތުންނަށް ދިމާވެފައިވާ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމާ ގުޅޭގޮތުން ކެނޑިޑޭޓުންގެ މެދުގައި ހޫނު ބަހުސްތަކެއް ކުރެވުނެވެ.
މީގެ ތެރެއިން ޕީއެންސީގެ ކެނޑިޑޭޓް މޫސާ ސިއްދީގު ވަނީ ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުންނާއި، ދާއިރާގެ ކުރިއެރުމަށް ގެންގުޅުއްވާ ޕްލޭންތައް ވަރަށް ސަރީހަކޮށް އަދި ތަފްސީލީ ގޮތެއްގައި ބަޔާންކޮށްދެއްވާފައެވެ. އޭނާގެ ވާހަކަފުޅުތަކުގައި ދާއިރާގެ ތަރައްގީއަށް ސަރުކާރާ ގުޅިގެން ކުރެވިދާނެ ކަންކަމުގެ މައްޗަށް ބޮޑަށް އަލިއަޅުއްވާލެއްވިއެވެ.
މި ބަހުސް މޮޑަރޭޓްކޮށް ހުށަހަޅައިދެއްވީ ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ އަދި ތަޖުރިބާކާރު ޕްރެޒެންޓަރު އިމާދު ލަޠީފުއެވެ. އިމާދުގެ ހުށަހެޅުންތެރިކަމާއެކު ބަހުސް ކުރިއަށްދިޔައީ ވަރަށް އިންސާފުވެރި އަދި އެހާމެ ފޯރިގަދަ މާހައުލެއްގައެވެ.
ކައުންސިލް އިންތިޚާބުގެ ފޯރި ދުވަހުން ދުވަހަށް ގަދަވަމުން އަންނަ މި ދަނޑިވަޅުގައި، ބޭއްވުނު މި ބަހުސްއަކީ ވޯޓުލާ ފަރާތްތަކަށް ކެނޑިޑޭޓުންގެ ގާބިލުކަން ވަޒަންކޮށްލުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. ޚާއްޞަކޮށް މޫސާ ސިއްދީގު ދެއްކެވި ހަރުދަނާ ވާހަކަތަކާއެކު، އޭނާއަށް އޮތް ތާއީދު އިތުރުވެގެންދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

