
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ހުޅުދޫ ދާއިރާގެ ކައުންސިލްގެ މަގާމަށް ވާދަކުރައްވާ އާމިނަތު ނާފިޒާ (ނާފީ) އަކީ، އެ ޕާޓީގެ އެންމެ ކުރީ ސަފުގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ނަމޫނާ ކަނބަލެކެވެ. ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން ނާފިޒާ ދައްކަވަމުން ގެންދަވަނީ ހިތްވަރުގަދަ، ސާބިތު މަސައްކަތްތަކެކެވެ.
ނާފިޒާގެ ސިޔާސީ މަސައްކަތް ފެށިގެން އައީ މީގެ އަހަރުތަކެއް ކުރިން، ޑީއާރުޕީގެ ދުވަސްވަރުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ނާފިޒާ ފާހަގަކުރެވިފައިވަނީ ސިޔާސީ ފިކުރުގައި ދެގޮތެއްނުވެ ސާބިތުކަމާއެކު ހުންނެވި ބޭފުޅެއްގެ ގޮތުގައެވެ. ވަކިން ހާއްސަކޮށް، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއާ އެކު، އެއް ފިކުރެއްގައި ސާބިތުވެ ހުންނަވައިގެން ކުރައްވާ މަސައްކަތްތަކީ ރައްޔިތުން ބަލައިގަންނަ ކަންކަމެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި، 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ކޭންޕެއިން ހަރަކާތްތަކުގައި ނާފިޒާ ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވާފައެވެ. މި މަސައްކަތްތަކުގެ ތެރެއިން އޭނާ ވަނީ މަޖިލިސް މެންބަރު މުޙައްމަދު ޝާހިދުގެ އިތުރުން ޕީއެންސީގެ އާންމު މެންބަރުންގެ ފުރިހަމަ އިތުބާރާއި ލޯބި ހޯއްދަވާފައެވެ.
ސިޔާސީ މަސައްކަތްތަކުގެ އިތުރުން، ނާފިޒާއަކީ ހުޅުދޫގެ އިޖުތިމާއީ އެކި ހަރަކާތްތަކުގައި އަބަދުވެސް ހަރަކާތްތެރިވާ، ރަށުގެ ކަންކަމަށް ފަރިތަ ކަނބަލެކެވެ. އެގޮތުން ހުޅުދޫ އަންހެނުންގެ މަސްލަހަތާއި ކުރިއެރުމަށް މަސައްކަތްކުރާ "ހުޅުދޫ އަންހެނުންގެ ގުޅުން" (ހުއަނގު) ޖަމްއިއްޔާގެ ރައީސްގެ މަގާމާއި ނާއިބު ރައީސްގެ މަގާމު ފުރުއްވައި، ރަށުގެ އަންހެނުން ބާރުވެރިކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.
މިހާރު ވެސް ނާފިޒާ ގެންދަވަނީ ޕީއެންސީ ހުޅުދޫ ސްޓިއަރިން ކޮމިޓީގެ ސެކެޓްރީގެ މަގާމު ފުރުއްވަމުންނެވެ. މިއީ އޭނާގެ އިޚުލާޞްތެރިކަމާއި ޕާޓީއަށް އޮތް ވަފާތެރިކަން ހާމަކޮށްދޭ ދަލީލެކެވެ.
އާމިނަތު ނާފިޒާ (ނާފީ) އަކީ ރައްޔިތުންނާ ގުޅޭ، ހިންގުންތެރި އަދި ތަޖުރިބާކާރު ކަނބަލެކެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އޭނާ ވާދަކުރެއްވުމަކީ ހުޅުދޫގެ ތަރައްގީއަށާއި ރައްޔިތުންގެ އަޑު އިއްވުމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަން ކަށަވަރެވެ. އޭނާގެ ތަޖުރިބާއާއި ސާބިތުކަމަކީ ކައުންސިލަށް ލިބޭނެ ވަރަށް ބޮޑު ބާރެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

