އައްޑުއަތޮޅުގެ ކުރީގެ އަތޮޅުވެރިޔާގެ މަޤާމު ފުރުއްވާފައިވާ، އަދި ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ އައްޑޫ ސިޓީ ހިތަދޫ ފެހިވިލާގޭ އަލްމަރްޙޫމް އަޙްމަދު ޞާލިޙް ޢަލިދީދީ އުމުރުން 92 އަހަރުގައި އަވަހާރަވުމާ ގުޅިގެން، އެ މަރްޙޫމްގެ ޢާއިލާއަށާއި އައްޑޫ ސިޓީގެ ރައްޔިތުންނަށް ފުން ހިތާމައެއް ލިބިއްޖެއެވެ.
އަޙްމަދު ޞާލިޙު އަލިދީދީގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭގެ އިޝާ ނަމާދަށް ފަހު، ސ. ހިތަދޫ މަސްޖިދުއްތަޤުވާ (ހުސައިން މޫސާ މިސްކިތް) ގައެވެ. އޭނާގެ ހަށިކޮޅަށް ޒިޔާރަތް ކުރުމުގެ ފުރުސަތު މިއަދުގެ މެންދުރު 2:00 އިން ފެށިގެން އިރުއޮއްސި 6:30 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

1965 ވަނަ އަހަރުން ފެށިގެން ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވި އަޙްމަދު ޞާލިޙު ވަނީ ޖުމްލަ 45 އަހަރު ދުވަހު ސަރުކާރުގެ އެކި މަގާމުތައް ފުރުއްވާފައެވެ. އޭނާ އަދާކުރެއްވި މުހިންމު މަގާމުތަކުގެ ތެރޭގައި ހިތަދޫ ކަތީބުކަމާއި، އައްޑު އަތޮޅުގެ އަތޮޅުވެރިޔާގެ މަގާމާއި، ރައްޔިތުންގެ މަޖިލީހުގެ އައްޑު އަތޮޅުގެ މެންބަރުކަން ހިމެނެއެވެ
މީގެ އިތުރުން، އިގްތިސާދީ އަދި ޚިދުމަތުގެ ދާއިރާއިން ގަން އެއާޕޯޓުގެ މެނޭޖަރުކަމާއި، ގަމުގެ އެސްޓީއޯ މެނޭޖަރުކަމުގެ އިތުރުން، ހިތަދޫ ސްޓެލްކޯގެ މެނޭޖަރުކަމާއި ހުޅުމީދޫ އިންޖީނުގޭގެ މެނޭޖަރުކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ. އޭނާ ވަޒީފާއިން ރިޓަޔާ ކުރެއްވީ 2009 ވަނަ އަހަރުއެވެ.
ދެކުނުގެ ހަތަރު އަތޮޅު ވަކިވެގެން "ސުވަދީބު" ނަމުގައި އުފައްދަން އުޅުނު ދައުލަތާ ދެކޮޅަށް، ދިވެހި ދައުލަތަށް ތެދުވެރިކަމާއެކު އަޙްމަދު ޞާލިޙު މަސައްކަތް ކުރެއްވިއެވެ. ބައިބައިވުމާ ދެކޮޅަށް ތެދުވެވަޑައިގެން، އެ ހަރަކާތުގެ އިސްވެރިންނަށް ނަސޭހަތްތެރިވެ، ގައުމީ ހަމަޖެހުން ގާއިމުކުރުމަށް އޭނާ ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ.
އައްޑޫގެ ކުޅިވަރުގެ ތާރީޚުގައި ވެސް އޭނާއަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އައްޑު އަތޮޅުން ގައުމީ ފެންވަރުގެ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ހޯއްދަވައިދެއްވީ އޭނާއެވެ. އެގޮތުން އޭނާގެ މެނޭޖަރުކަމުގެ ދަށުން އުފެއްދި ފުޓްބޯޅަ ކްލަބު "އޭއެސްއޭ" އިން ވަނީ ގައުމީ މުބާރާތުގައި ވާދަކޮށް ދެވަނަ ހޯދާފައެވެ.
އަޙްމަދު ޞާލިޙުގެ ވަކިވެދިއުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭނާއަކީ އައްޑޫގެ ތަރައްގީއަށާއި ކުރިއެރުމަށް ނުހަނު ގިނަ އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ
އޭނާ ކުރެއްވި އިޖުތިމާއީ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އައްޑޫ ސިޓީ ކައުންސިލުން ވަނީ މީގެ ކުރިން އޭނާއަށް ޝަރަފުވެރިކަމުގެ އެވޯޑު ވެސް އަރުވާފައިވެއެވެ.
މާތްﷲ އަލްމަރްޙޫމް އަޙްމަދު ޞާލިޙް ޢަލިދީދީގެ ފާފަތައް ފުއްސަވައި، އެ މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ! އަދި މި ވަކިވުމުގެ ހިތާމައިގައި ތިއްބެވި މަރްޙޫމްގެ ޢާއިލާގެ އެންމެހައި މެންބަރުންނަށް ކެތްތެރިކަން ދެއްވައި، ހެޔޮ ތައުފީޤު މިންވަރުކުރައްވާށިއެވެ!
آمِين

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

