މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ދުނިޔޭގެ އެންމެ މުހިންމު އެއް ވިޔަފާރި މަގު ކަމުގައިވާ ހުރުމުޒް ކަނޑުއޮޅިއަށް ވަނީ ބައިނަލްއަގުވާމީ ސަމާލުކަން ހުއްޓިފައެވެ. މި ކަނޑުއޮޅިއަކީ މެދުއިރުމަތީގެ ގައުމުތަކުގެ އިގްތިސާދީ ދިރުން ކަމުގައި ބެލެވޭ އެންމެ މުހިންމު ނާރެހެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ސަރަހައްދުގައި ހަމަނުޖެހުންތަކާއި ހަނގުރާމަ ފެށުމުގެ ކުރިން، ދުވާލަކު އެވްރެޖްކޮށް 140 ބޯޓު މި ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރެއެވެ. މީގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ތެލާއި ގޭސް އުފުލާ ބިޔަ އުޅަނދުފަހަރު ހިމެނެއެވެ.
އިގްތިސާދީ މާހިރުން އިންޒާރު ދޭ ގޮތުގައި، ހުރުމުޒް ކަނޑުއޮޅި ބަންދުވެ، މުޅި ދުނިޔޭގައި މުދާ އުފުލުމުގެ ނިޒާމަށް ނުވަތަ ލޮޖިސްޓިކްސްއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންވަނީ ޖެހިފައެވެ. މިއީ ހަމައެކަނި މެދުއިރުމަތީގެ ގައުމުތަކަށް އެކަނި އަންނާނެ ލޮޅުމެއް ނޫނެވެ. އޭގެ ބަދަލުގައި، މުޅި ދުނިޔޭގެ ސަޕްލައި ޗެއިންއަށް މީގެ ސަބަބުން ވަނީބުރުއަރާފައެވެ.
މިހާރުވެސް ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އުފުލެމުންދާއިރު، މި ނުތަނަވަސްކަމުގެ ނޭދެވޭ އަސަރު ދަނޑުވެރިކަމުގެ ސިނާއަތަށްވެސް ވަނީ ފޯރަން ފަށާފައެވެ. އެގޮތުން ތެލާއި ގޭހުގެ އަގާއެކު ދުނިޔޭގެ ބާޒާރުގައި ގަސްކާނާގެ އަގުވެސް ވަނީ އިންތިހާއަށް އުފުލިގެން ގޮސްފައެވެ. މިއީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
ހުރުމުޒް ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ މުހިއްމު ކަނޑުއޮޅިއަކަށްވާއިރު އެ ސަރަހައްދުގެ ހަމަޖެހުން ގާއިމުވެފައި އޮތުމަކީ ދުނިޔޭގެ އިގްތިސާދީ ދުވެލި ހަމަހަމަކޮށް ހިފެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އޮމާން އާއި އީރާނާ ދެމެދު އޮންނަ މި ހަނި ކަނޑުއޮޅިއަށް ކުރިމަތިވާ ކޮންމެ ބުރުލަކީ، ދުނިޔޭގެ ކޮންމެ ގައުމެއްގެ އިގްތިސާދަށްވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއްކަން ކަށަވަރެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

