ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝާހިދު، އެ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ދެއްވާ ޚާއްޞަ ބާބަކިއުއަކާއި ލެންޓަން އެރުވުމުގެ ހަރަކާތެއް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތް ކުރިއަށް ދާނީ މިރޭ 21:00 އިން ފެށިގެން ހުޅުދޫ ބަނދަރު ސަރަހައްދުގައެވެ.
މެމްބަރު ޝާހިދު ވަނީ ހުޅުދޫގެ ވީހާވެސް ގިނަ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ލޯތްބާއެކު ދައުވަތު އަރުވާފައެވެ. މިއީ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އުފާވެރި މާހައުލެއް ގާއިމުކުރުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެކެވެ.
މެމްބަރު ޝާހިދަކީ ދާއިރާގެ ރައްޔިތުންގެ ކުރިއެރުމަށާއި އިޖުތިމާއީ ކަންކަމުގައި އަބަދުވެސް ގާތުން މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެގޮތުން، މިރަމަޟާން މަހުގެ ތެރޭގައިވެސް ޝާހިދު ވަނީ ހުޅުދޫގެ ރައްޔިތުންނަށް ޚާއްޞަ ރޯދަވީއްލުމެއް ބާއްވަވައިދެއްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެ ރޯދަވީއްލުމުގެ ތެރެއިން ވަނީ ވަރަށް ޚާއްޞަ އިނާމުތަކެއްވެސް ރައްޔިތުންނަށް ހުށަހަޅާފައެވެ. އެގޮތުން ރޯދަވީއްލުމަށް ވަޑައިގެންނެވި ބޭފުޅުންގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު ނަސީބުވެރި ދެ ފަރާތަކަށް މެމްބަރު ޝާހިދު ވަނީ އުމުރާ ދަތުރެއް ހަދިޔާކުރައްވާފައެވެ.
މިރޭ ބޭއްވޭ ބާބަކިއުއާއި ލެންޓަން އެރުވުމުގެ ހަރަކާތަކީވެސް ރަށުގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނެ ފޯރިގަދަ ހަރަކާތަކަށް ވެގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

