އައްޑޫ ސިޓީ ހުޅުދޫގައި އަތޮޅު ފެންވަރުގައި ވަރަށް ކުލަގަދަކޮށް ބާއްވަމުން އައި "މިނިވަން ކަޕް ފުޓްސަލް މުބާރާތް" ހުއްޓި، އެ މުބާރާތުގެ ފޯރި ކެނޑިގެން ދިއުމަކީ ހުޅުދޫ އާއި މީދޫގެ ކުޅިވަރަށް ލޯބި ކުރާމީހުންގެ މެދުގައި އުފެދިފައިވާ ސުވާލެކެވެ.
ރާއްޖޭގެ ފުޓްސަލްގެ އެންމެ އުހުގައި ތިބި މަޝްހޫރު ކުޅުންތެރިން ފެނިގެންދިޔަ މި މުބާރާތް މިއަދު ވަނީ ވީނުވީއެއް ނޭނގި މާޒީގެ ތެރެއަށް ގޮސްފައެވެ.

"މިނިވަން ކަޕް" އަކީ މުޅި އަތޮޅު އެ މުބާރާތަކަށް އިންތިޒާރުކުރަމުން އައި ކުޅިވަރުގެ ބޮޑު އީދެކެވެ. ރާއްޖޭގެ ގައުމީ ފެންވަރުގެ ފުޓްސަލް ތަރިން ހުޅުދޫގެ ދަނޑުން ފެނިގެންދިއުމަކީ އެ ރަށުގެ ކުދިބޮޑު އެންމެންނަށް ލިބުނު ބޮޑު އުފަލެކެވެ. މި މުބާރާތުގެ ސަބަބުން ހުޅުދޫ އާއި މީދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާވެ، ފުޓްސަލްއަށް އޮތް ލޯބި އިންތިހާއަށް އިތުރުވެގެން ދިޔައެވެ.
މި މުބާރާތުގެ އެންމެ މުހިންމު އެއް މަގްސަދަކީ އަދި ނަތީޖާއަކީވެސް ރަށުން މޮޅު ކުޅުންތެރިން އުފެދުމެވެ. ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިންނާއެކު އެއް ދަނޑެއްގައި ކުޅެލަން ލިބުނު ފުރުސަތުގެ ސަބަބުން، ހުޅުދޫ އާއި މީދޫގެ ޒުވާން ކުޅުންތެރިންގެ ހުނަރު ތަރައްގީވުމަށް ބޮޑު ބާރަކަށް ވިއެވެ. އެ ދުވަސްވަރުގައި އެ ދެރަށުން އަތޮޅު ފެންވަރުގައާއި ގައުމީ ފެންވަރުގައި ވިދާލާނެ ފަދަ ކުޅުންތެރިންތަކެއް އުފެދެމުން ދިޔަކަން ފާހަގަކުރެވެއެވެ.

ނަމަވެސް، ކަންބޮޑުވާންޖެހޭ ކަމަކީ އެ ފޯރިއާއި އެ ޖޯޝުގައި ބާއްވަމުން އައި މުބާރާތް މިއަދު ވީނުވީއެއް ނޭގި ނުބޭއްވުމެވެ. މުބާރާތް ހުއްޓިފައިވަނީ އެކަށީގެންވާ ސަބަބެއް އާންމުންނަށް އެނގުމެއް ނެތިއެވެ. އިންތިޒާމުކުރުމުގެ ދަތިތަކެއް ހުރީތޯ ނުވަތަ މާލީ އެހީތެރިކަން ނެތީތޯ މިއީ މިއަދު އުފެދޭ ސުވާލުތަކެކެވެ. މުބާރާތް ހުއްޓުމާއެކު، ރަށުގެ ޒުވާނުންގެ މެދުގައި އޮތް ފުޓްސަލްގެ ފޯރި ކުޑަވެ، ހުނަރުވެރި ކުޅުންތެރިންގެ ކުރިއެރުމަށް ވަނީ ހުރަސްތަކެއް އެޅިފައެވެ.
"މިނިވަން ކަޕް" ފަދަ ބޮޑު އަދި ފައިދާހުރި މުބާރާތެއް ހުއްޓިފައި އޮތުމަކީ ހުޅުދޫގެ ކުޅިވަރުގެ ކުރިމަގަށް ލިބޭ އުނިކަމެކެވެ. ރަށުގެ ކުޅިވަރު ދިރުވައި، ޒުވާނުން ބިނާކުރުމަށްޓަކައި މިފަދަ މުބާރާތްތައް އަލުން ފެށުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ކަމާބެހޭ ފަރާތްތަކުންނާއި ރަށުގެ ޖަމިއްޔާތަކުން އިސްނަގައިގެން، މި މުބާރާތް އަލުން ބޭއްވުމަށް މަސައްކަތް ކުރުމަކީ ހުޅުދޫގެ ކުޅިވަރުގެ ރަންޒަމާން އަނބުރާ ގެނައުމަށް ކުރެވޭނެ މަސައްކަތެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

