ދިވެހިރާއްޖޭގެ ފަނޑިޔާރުކަމުގެ ދާއިރާގައި ނަމޫނާ ޚިދުމަތްތަކެއް ކުރައްވާފައިވާ، ސ. މީދޫ ފެންނާގޭ އަލްފާޟިލް ޢަބްދުލްޣަނީ (ރިޓަޔަރޑް މެޖިސްޓްރޭޓް) 14 މާރޗް 2026 ވީ ހޮނިހިރު ދުވަހު ނިޔާވެއްޖެއެވެ.
އަލްފާޟިލް ޢަބްދުލްޣަނީއަކީ ރާއްޖޭގެ ޝަރުޢީ ދާއިރާގައި ވަރަށް ދިގު މުއްދަތަކަށް، އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 30 އަހަރަށްވުރެ ގިނަ ދުވަހު މެޖިސްޓްރޭޓްކަމުގެ މަޤާމު ފުރުއްވައި، އޭނާ ވަނީ ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
ޚިދުމަތުން ރިޓަޔަރ ކުރެއްވުމާ ހަމައަށްވެސް އޭނާ ފާހަގަކުރެވިފައިވަނީ، ޝަރުޢީ ދާއިރާގެ ކުރިއެރުމަށް މަސައްކަތްކުރެއްވި، އަދި ޤާނޫނީ އުޞޫލުތަކަށް ބޯލަނބައި، ނަޒާހަތްތެރިކަމާއެކު މަސައްކަތްކުރެއްވި ފަނޑިޔާރެއްގެ ގޮތުގައެވެ. އޭނާގެ ވަކިވެދިއުމަކީ އައްޑޫ އަތޮޅަށާއި، މުޅި ޝަރުޢީ ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެކެވެ.
އަލްފާޟިލް ޢަބްދުލްޣަނީ ނިޔާވިއިރު، އޭނާގެ ފިރިހެން ދަރިޔަކު ދުނިޔޭގައި އެބަހުންނެވިއެވެ. އެއީ މީދޫ ޗާމިން ގެސްޓް ހައުސްގެ އޯނަރު ހާމިދު އަބްދުލް ޣަނީއެވެ.
މަރުޙޫމްގެ މައްޗަށް ކަށުނަމާދު ކުރުމާއި ވަޅުލުމުގެ ކަންކަން މިއަދުގެ އަސުރު ނަމާދަށްފަހު ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ހިތާމަވެރި ވަގުތުގައި، މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވައި، މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރަމެވެ. އާމީން.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

